މުއިއްޒު އަޒުލް ކުރާ ވާހަކަ 20 ފަހަރު ލިއުމުން ހީރަސް ނޫހަށް ސައިބަރ ހަމަލާ!

އަޒުލު ކުރާނެކަމަށް އެމްޑީޕީން ބުނުމާއެކު ހެކްކޮށްލީ ހީރަސް ނިއުސް

މުއިއްޒު އަޒުލް ކުރާ ވާހަކަ 20 ފަހަރު ލިއުމުން ހީރަސް ނޫހަށް ސައިބަރ ހަމަލާ!

30 ޖެނުއަރީ 2023ވީ އަންގާރަ ދުވަހަކީ ރައީސް މުއިއްޒު ހުވާކުރެއްވިތާ 2 މަހާ 13 ވަނަ ދުވަހެވެ. އެދުވަހަކީ ރައީސް މުއިއްޒު ގާނޫނީ ހަމަތަކުގެ މަތިން ޢަޒުލް ކުރަން މަސައްކަތް ކުރާ ވާހަކަ މީޑިއާގައި އެމްޑީޕީން ހާމަ ކުރިދުވަހެވެ. މިދުވަހަކީ ހީރަސް ނޫހަށް ބޮޑު ދުވަހެކެވެ. އެއީ ފުރަތަމަ ފަހަރަށް ސައިބަރ ހަމަލާތަކެއްދީ ހީރަސް ނޫހުގެ ވެބް ސައިޓް ޑައުންކޮށްލި ދުވަހެވެ.  

އަހުރެންނަކީ ހިސާބަކަށް ހީރަސް ނޫސް ކިޔާ މީހަކަށް ވާތީ ހީރަސް ނޫސް އަނުބުރާ އަޕްކުރުމުން މިއީ ކިހިނެއްވީ ކަމެއްތޯ ފުރަތަމަ ނޫސް ހާވާލިއިރު ކަމަކު ދާކަށް ނެތެވެ. ހީރަސް ހެކްކުރުން މާލަސްވެއްޖެއެވެ. 

ރައީސް މުއިއްޒު ހުވާކުރެއްވި ފަހުން މެދަށް އެއްދުވަސް ދޫކޮށް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ވެރިކަމުން ބާލަންޖެހޭ  ވާހަކަ 19 ނޮވެމްބަރ ގައި ހީރަހުގައި ލިޔެފައި އެބަ އޮތެވެ. ސުރުޚީ އަކީ "އިންޑިއާ ސިފައިން ނުބޭލިގެން، މުއިއްޒު ބާލަން ނުޖައްސާތި!" މިއެވެ.

އަނެއްކާ އޭގެ ހަތަރު ފަސްދުވަސް ފަހުން ނޮވެމްބަރ 25ގައި ވެސް ހީރަސް ނޫހުގައި އަޒުލްގެ ވާހަކަ ލިޔެފައި އެބައޮތެވެ. އަޒުލްގެ މައުޟޫގައި ހީރަހުގައިވާ ދެވަނަ ސުރުޚީއަކީ "ޢަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް މުޢިއްޒު؟" މިއެވެ.

ނޮވެމްބަރު މަސް ނިމި ޑިސެމްބަރ ފެށުނުތަނާހެން އަޒުލާ ގުޅޭ 3ވަނަ އާޓިކަލް ހީރަހުގައި ލިއުނެވެ. އެއީ ޑިސެމްބަރ 4އެވެ. އޭގައިވާ ސުރުޚީ އަކީ " ހޮވާދިން މީހުން މުއިއްޒު ވައްޓާލަން ފޫގަޅައިފި" މިހެންނެވެ. އަނެއްކާ ޖެހިގެންއައި ޑިސެމްބަރ 5ގައި ވެސް އެމައުޟޫ ރިޕޯރޓް ކޮށްފައިވަނީ " ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި" މި ސުރުޚީގެ ދަށުންނެވެ. ޑިސެމްބަރ 4 އަދި 5 ނިމި 6 ވަނަ ދުވަހުވެސް އަޒުލްގެ މައުޟޫ ހީރަހުން ގެނެސްފައި އެބަވެއެވެ. އެ ސުރުޚީގައި ވަނީ " މުޢިއްޒު ޢަޒުލް ކުރަންޖެހޭވަރުގެ އިޢުތިރާފެއް!" މިހެންނެވެ. ރައީސް މުޢިއްޒު ހުވާ ކުރައްވާ 3 ހަފްތާވީ އިރު 6 ފަހަރެއްގެ މަތިން ހީރަހުގައި ޢަޒުލްގެ ވާހަކަ ގެނެސްދީފައި ވެއެވެ.

ވެރިކަމަށް މަހެއް ފުރެން ދިޔަ ހަފްތާގައި ޢަޒުލް ކުރުމާގުޅޭ 7 ވަނަ ސުރުޚީ ވަނީ ގެނެސްދީފައެވެ. އޭގައިވަނީ " މުއިއްޒުގެ ވެރިކަން ނިންމުމުގެ ބަރުގޮނުގެ އަޑުއައްސަވާ!" މިހެންނެވެ. އެއީ ޑިސެމްބަރ 11 ވަނަ ދުވަހެވެ.

ހުވާކުރިތާ 1 މަސް ފުރުމުގެ 2 ދުވަސް ކުރިން ޑިސެމްބަރ 15 ވަނަ ދުވަހުވެސް އަޒުލްގެ 8 ވަނަ ސުރުޚީ ހީރަހުން ގެނެސްފައި އެބައޮތެވެ. އެއީ " އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހޭނީ މުއިއްޒު " ކަމަށް ލިޔެފައިވާ ލިއުމެކެވެ. އެއީ އަޒުލާ ގުޅޭ 9 ވަނަ ލިއުމެވެ. ވެރިކަމަށް 1 މަސް ފުރުނުއިރު އަޒުލް ކުރުމާ ގުޅޭ ވާހަކަ 10 ވަނަ ފަހަރަށް ހީރަސް ނޫހުން ދައްކާފައި އެބަވެއެވެ. 17 ޑިސެމްބަރގައި ލިޔެފައިވަނީ " މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއްނެތް" ކަމުގައެވެ.

މިހިސާބަށް އައިއިރު އަޒުލް ކުރާ ވާހަކަ ވައިގާ ހިފާ އެކި ޕްލެޓްފޯމް ތަކުގައި އެކި ރާގަށް ތަފާތު ގޮތްގޮތުން އެވާހަަކަ ދެކެވޭ އަޑު ގަދަވިއެވެ. މިއަޑުތަކާއެކު ސަރުކާރުގެ ރިއެކްޝަން ހުރީ މާބޮޑަށް ވެސް މިއީ ދީނީ ސަރުކާރެއް ކަމުގައި ރައްޔިތުންނަށް ދެއްކުމަށެވެ. އެހެން ކަމުން ވެރިކަމަށް އެއް މަހާ އެއްދުވަސް ފުރުނު ޑިސެމްބަރ 18 ވަނަ ދުވަހު އަޒުލާ ގުޅޭ 11 ވަނަ ލިއުން ހީރަހުގައި ލިޔެފައި އެބަވެއެވެ. އެދުވަހުގެ ސުރުޚީގައި ބުނެފައިވަނީ " ޢަޒުލްކުރާ ވާހަކަ ތަކާއެކު ސަރުކާރު ދީންވެރިވެއްޖެ "  ކަމަށެވެ. ހަމަ އެ ދުވަހު އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ ލިޔެފައިވަނީ " އެމްޑީޕީއަށް މުޢިއްޒު ޢަޒުލް ކުރެވޭނެ " ކަމަށް ބުނެއެވެ. އެއީ އަޒުލްގެ ވާހަަކަ ހީރަސް ނޫހުން ދެއްކި 12 ވަނަ ފަހަރެވެ. 

އޭގެ ދެދުވަހެއް ފަހުން ޑިސެމްބަރ 20 ގައި އަޒުލާ ގުޅޭ ގޮތުން 13 ވަނަ ފަހަރަށް ލިޔެފައިވާ ސުރުޚީއަކީ " އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާ " މިހެން އޮތް ސުރުޚީ އެކެވެ.

23 ޑިސެމްބަރޭ ބުނުމުން އެއްބަޔަކު ހަނދާން ވާނީ ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލި އިއްތިހާދުގެ މަތިންނެވެ. އެއީ 2011 ވަނަ އަހަރެވެ. 23 ޑިސެމްބަރ 2023ގައި ހީރަސް ނޫހުގައި ރައީސް މުއިއްޒު ގާނޫނީ ހަމަތަުގެ މަތިން އަޒުލް ކުރުމާގުޅޭ ގޮތުން 14 ވަނަ ފަހަރަށް ލިޔެފައިވާ ލިއުމުގެ ސުރުޚީގައި ވަނީ " ޖުޑިޝަރީގެ ޙުރުމަތް ކެނޑި މުޢިއްޒު ބާލަންޖެހޭ" މިހެންނެވެ.

23 ޑިސެމްބަރގެ 3 ދުވަސް ފަހުން 26 ޑިސެމްބަރގައި ލިޔެފައިވަނީ ޢަޒުލް ކުރުމާގުޅޭ 15 ވަނަ ލިއުމެވެ. އޭގެ ސުރުޚީ އަކީ " ޢަޒުލް ކުރިއަސް ނުކުރިއަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިިކިޔާލާ " މިހެންނެވެ.

އޭގެ 2 ދުވަސް ފަހުން އަޒުލް ކުރުމާ ގުޅޭ 16 ވަނަ ލިއުމުގެ ސުރުޚީ އޮތީ މާސާފު ސީދާ ބަހުންނެވެ. އެ ލިއުމުގެ ސުރުޚީގައި ވަނީ " މުޢިޢްޒު ޢަޒުލް ކުރަންޖެހޭ ސަބަބުތަށް މިއޮތީ" ކަމަށް ބުނެފައެވެ.

އަޒުލް ކުރުމާގުޅޭ 17 ވަނަ ލިއުމާ ހަމައަށް އައިއިރު އޭގެ ރާގާ ލަހުޖާ ބަދަލުވެ، ބެރުގައި ފުނަޖެހެން ފަށައިފިހެން ހީވާހާ ވެއެވެ. 2023 ނިމެން ގާތްވެ އާއަހަރަށް ދޮންވަމުން ދިޔައިރު 28 ޑިސެމްބަރުގައި ލިޔެފައިވަނީ ތަފާތު ސުރުޚީ އެކެވެ. އޭގައިވަނީ " ވެރިކަން ނިންމުމުގެ ކައުންޓްޑައުން ފެށުން " މިހެންނެވެ.

އެބުނާ ކައުންޓްޑައުން ފެށުނަސް ނުފެށުނަސް، އާއަހަރު ފެށި، ހަވާ އަރުވާ ކުލަބޮކިން އަވަދިވެގެން ޖެނުއަރީ 8 ގައި އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ 18 ވަނަ ފަހަރަށް ހީރަސް ނޫހުގައި ގެނެސްދީފައިވާ ސުރުޚީގައި ވަނީ " މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން ރައްކާތެރިކަމެއްނެތް" ކަމަށް ބުނަމުންނެވެ. އެއީ ސަރުސާރުގެ އޮފިޝަލުންތަކެއް އިންޑިއާ ސަރުކާރާ މޯދީއަށް ފުރައްސާރަ ކުރުމުން ފެށުނު ބޮއިކޮޓް މޯލްޑިވްސްގެ ހޫނުގަނޑު އެރި ދުވަސްކޮޅެވެ.

މިހިސާބަށް އައިއިރު އަޒުލްގެ ވާހަކަ މާބޮޑަށްވެސް ވައިގަހިފާ އެހެން މީހުން އެ ވާހަކަ ދައްކާން ފެށުމުން ހީރަސް ނޫހުން އެ ވާހަކަ ދެއްކުން މަދުކޮށްލިކަން ފާހަގަ ވެއެވެ. އަޒުލަށް ބިރުން އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުވީމާ އަޒުލަކީ ފިސާރި ކަމަކަށްވެ، އެވާހަކަ ގެނެސްދިނުން ހީރަސް ނޫހުން ދޫޖައްސާލާފައި ވާކަން ފާހަގަވެއެވެ.  ނަމަވެސް އިންޑިއާ އުޅަނދު ފަހަރު ބޭނުން ނުކުރުމުން އައްޑޫ ކުއްޖަކު ކަނޑުވެ ގެއްލި، ގއ. ވިލިނގިލީ ކުޑަކުއްޖަކު ނިޔާވުމުން 19 ވަނަ ފަހަރު ޢަޒުލްގެ ވާހަކަ ދައްކާފައި ވަނީ 20 ޖެނުއަރީގައި ހޫނު ސުރުޚީއެއްގައެވެ. އޭގައި ވަނީ " ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުޢިއްޒާ ދެކޮޅަށް ތެދުވަންޖެހޭ" ކަމުގައެވެ.  

20 ވަނައަށް މުޢިއްޒުގެ ވެރިކަން ވެއްޓޭ ވާހަކަ ހީރަހުގައި ލިޔެފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންގެ އިތުބާރާ ގުޅޭ ވޯޓް މަޖިލިހުގައި ނެގި ދުވަހުއެވެ.  

އޭގެ 1 ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގާނޫނީ ހަމަތަކުގެ މަތިން މަގާމުން ޢަޒުލް ކުރުމުގެ މަސައްކަތް ފެށިވާހަކަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރަސްމީކޮށް އިޢުލާން ކުރުމާއެކު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސައިބަރ ޙަމަލާ ތަކެއްދީގެން ހީރަސް ނޫހުގެ ވެބްސައިޓް ފުރަތަމަ ފަހަރަށް ޑައުންކޮށްލިއެވެ. 

ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ރަޙުމަތްތެރިއަކު އާދައިގެ މަތިން ފޯނުން ގުޅާލެއްވި ފަހަރެއްގައި ހީރަސް ނޫހުގެ ވެބްސައިޓް ހެކްކުރި ވާހަކަ ބުނުމުން ބާރު ހިނިގަނޑެއް ޖައްސަވާ ވިދާޅުވީ، ތިޔަ ނޫހުގެ އިންވެސްޓްމެންޓް ތިޔަ އޮތީ ކަވަރުވެފައި ކަމުގައެވެ.