އަޒާނަށް ރިޔާޒް: އިބޫ ސަރުކާރުން ހިންގީ ނަފާވެރި އިގުތިސޯދީ މަޝްރޫއު

ރައީސް ސޯލިހުގެ ވެރިކަމުގައި ލޯނުނަގައިގެން ކޮށްފައިވަނީ " އިގްތިސޯދީ ފައިދާއެއް ނެތް" ކަންތައްތަކެއް ކަމަށް ބުނެ މެންބަރު އަހުމަދު އަޒާން ދައްކާފައިވާ ވާހަކައަށް ރިޔާޒް މަންސޫރު ދެއްވީ ވަރުގަދަ ރައްދެކެވެ. ކަންކަން ރައްޔިތުންނަށް އޮޅުވާލުމުގައި ދެވަނައެއް ނެތް އަޒާނަށް ރިޔާޒް މަންސޫރު ދެއްވީ ހޯމް ވޯކެކެވެ. ރިޔާޒް މަންސޫރު އަޒާނަށް ދެއްވި ހޯމްވޯކް ހެދުމުގައި އެންމެނަށްވެސް ބައިވެރިވެވިދާނެ ކަމަށް ރިޔާޒު މަންސޫރު ވިދާޅުވެއެވެ.
ރާއްޖޭގައި އެތައްހާސް ހަތިޔާރުއެޅި އިންޑިއާ ސިފައިން ތިބި ކަމަށް ހަދައިގެން ދެއްކި ކަހަލަ ދޮގު ވާހަކެއް ރައީސް ސޯލިހު ސަރުކާރާ ގުޅުވައިގެން އަޒާނު އަނެއްކާވެސް ފަތުރާލީއެވެ. އަޒާނުގެ އެ ދޮގުވެރި ބަސްތައް އަނބުރާ އަނގަޔަށް ވައްދާލުމަށް ފުރުސަތުގެ ބޭނުން ހިއްޕަވާ ރިޔާޒް މަންސޫރު ރައްދު ދެއްވީ ވޭތުވެ ދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުން ހިންގީ "އިގުތިސޯދީ ފައިދާއެއް ނެތް" މަޝްރޫޢުތަކެއް ނޫންކަން އެންމެ ކުޑަކުއްޖާއަށް ވެސް ފަހުމުވާ ގޮތަށެވެ. އަޒާނު ދެއްކި ވާހަކަ އޭނާގެ އަނގަޔަށް ވައްދާލުމަށް ހަނދާނަށް ގެނެސް ދެއްވީ ކުރީގެ ދައުރުގައި ތަންފީޒު ކުރެވުނު އެމްޑީޕީގެ މުހިންމު މަޝްރޫޢުތަކުގެ ލިސްޓެކެވެ. ލިސްޓް ބަލައިލުމުން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން "އިގުތިސޯދީ ފައިދާއެއް ނެތް" މަޝްރޫޢެއް ނެތްކަން ވަރަށް ސާފުކޮށް ފާހަގަ ކުރެވޭނެއެވެ.
ދެ އަހަރު ނުވަނީސް 38 ބިލިޔަނަށް ދަރުވައިލައިގެން މިސަރުކާރުން ކުރު ކަމެއް ފެންނަން ނެތަސް އިބޫ ސަރުކާރުން ލޯނު ނަގައިގެން ކުރިހާ ކަންކަން ދިމާއަށް ފެންނަ އެހުރީއެވެ. ދަރަނި ނަގާ ދަރަނި ދައްކަމުން ދަރަނި މެނޭޖުކުރަމުން ގެންދިޔަގޮތް ސާފުކޮށް އެހުރީ ފެންނާށެވެ. އެއްވެސް އެއިރަކު އެކަންކަން ހުރީ އިބޫ ސަރުކާރުަގައި ސަރުކާރުގެ ބޮޑު ސިއްރެއް ގޮތުގައި ފޮރުވާފައެއް ނޫނެވެ.
ރިޔާޒް މަންސޫރުގެ ލިސްޓް ފެއްޓެވީ ހިޔާ ފްލެޓް މަޝްރީއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށިފައިވާ ދެ މަޝްރޫއު ކަމުން އެ ދެ މަޝްރޫއު ނިންމުމަށް ވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގެ ދަރަނި ރައީސް ސޯލިހު ދައުރުގައި ނެގި ނެގުމަކީ "އިގުތިސޯދީ ފައިދާއެއް ނެތް" ކަމެއް ނޫންކަން އަޒާނަށް ހަނދާން ކޮށްދެމުންނެވެ.
ލޯނު ނަގައިގެން ރައީސް ސޯލިހުގެ ވެރިކަމުގައި ހިންގާފައިވާ މައިގަނޑު ކަންތައްތަކުގެ ލިސްޓް:
- ހިޔާ ފްލެޓްތައް ނިންމުން
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުން
- ވަންގަވް (ޓްރޭޑްނެޓް)
- ސަބްމެރިން ކޭބަލް (ކަނޑުއަޑިން ގުޅާލުން)
- ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް
- މިފްކޯ ފުޅާކުރުމުގެ މަޝްރޫޢު
- އާރްޓީއެލް މަޝްރޫޢު
- އައްޑޫ މަގުތަކުގެ މަޝްރޫއު
- އަތޮޅުތަކުގެ ހައުސިންގ މަޝްރޫޢުތައް
- އެސްޑީއެފްސީ ބޭންކުގެ ރައުސުލްމާލު
- ފަހި ދިރިއުޅުން - 4000 ހައުސިންގ ޔުނިޓް
- ގުޅީފަޅު ހިއްކުމުގެ މަޝްރޫއު
- ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
- ކުނި މެނޭޖްކުރުމާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
- ފެނާއި ނަރުދަމާގެ މަޝްރޫޢުތައް
- ތިލަފުށި ބްރިޖް
- ޕީއެސްއައިޕީ (ސިއްހަތު، ތައުލީމު، ރާއްޖޭގެ އެއަރޕޯޓްތައް، ރަށްގިރުން ހުއްޓުވުން، ބަނދަރު)
- ކޮވިޑް-19 މެނޭޖުކުރުން
ލޯނު ނަގައިގެން ރައީސް ސޯލިހު ވެރިކަމުގައި ހިންގީ "އިގުތިސޯދީ ފައިދާއެއް ނެތް" ކަމެއް ނޫންކަން ސަލާމަތް ސިކުނޑިއަކުން ވިސްނީމާ އެނގޭނެއެވެ. ޕީއެސްއައިޕީ އެނޫންވެސް ގިނަ ކަންކަމަކީ ރައްޔިތުންގެ އަސާސީ ހައްގާއި ރައްޔިތުންގެ ޑިމާންޑާއި ދިރިއުޅުމާ ގުޅިފައިވާ ދެމެހެއްޓެނިވި އިގުތިސޯދީ މަންފާއާއި ގުޅިފައިވާ ކޮންމެހެން ނުކޮށް ވާންނެތް ކަންކަމެވެ. އެއިން ކޮންމެ ކަމެއް ގުޅިލާމެހިފައި ވަނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަވެ އިގުތިސޯދީ ނަފާވެރިކަން ލިބިލިބި ހުންނަ ގޮތަށް ކުރެޥޭ ދެމެހެއްޓެވި ތަރައްގީ މަޝްރޫއަކަށެވެ.
ރައްޔިތުންނަށް ކަންކަން އޮޅުވާލާ ތިމާމެންގެ ނާގާބިލުކަމުގައި މަތިއަޅަން އަޒާންމެން މީހާރު ދައްކާ ވާހަކަ ގަބޫލު ކުރާނޭ މާގިނަ ބަޔަކު މިހާރަކު ނެތެވެ. އިތުރަށް ބަރަހަނާ ނުވެ ކުރީ ސަރުކާރުން ނެއްޓިގެން ރައްޔިތުންނަށް ރަނގަޅު ހެޔޮވެރިކަމެއް ކޮށްދެވޭތޯ އުޅެބަލާށެވެ.