އައްޑޫ ރައީސާއެކު ތިބުމަށްވުރެ މޮޅުގޮތެއް މިހާރަކުނެތް
އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް އައްޑުއަށް ކޮށްނުދޭ ކަމަކަށް ބުނާކަށް ނެތީމެވެ. އައްޑޫގެ އާބާދީއާއި ކަންކަން ކުރެވެން ހުރި ފަސޭހަ ކަމަށް ބަލާއިރު މިހާތަނަށް ސަރުކާރު ތަކުން އައްޑޫ ވަނީ ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައެވެ. އިގްތިސާދީ ފުރުސަތުތަކާއި އަސާސީ އެތައް ކަމެއް ކުރެވެން ހުރެ އޮތީ ނުކޮށް ދޫކޮށްލާފައެވެ.
ރައީސް ސާލިހުގެ ވެރިކަމާއި ހަމައަށް އައިރުވެސް ވެރިރަށް މާލެފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީގައި އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކޮށްދެވިފައެއް ނެތެވެ. ރައީސް ސާލިހަށް ވެސް ޖެހިވަޑައިގަތީ އައްޑޫ ސިޓީގައި އެންމެ ފުރަތަމަ އަސާސީ ކަންކަން ފުރިހަމަ ކޮށްދެއްވަން އުޅުއްވާށެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އައްޑޫގެ ކުރިއެރުމަށް ހިފާފައިވާ އަމާޒު ޔާމީނު ސަރުކާރުން އަގަޑަ ބަގަޑަކޮށް އޮޅުން ބޮޅުން ކޮށްލީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވުރަށް ބެލުމެއް ނެތިއެވެ. ކުރިކަމެއް ކުރީ މުޅި ސިޓީގެ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ވުރެ ބޮޑަށް ވަކިވަކި ނުފޫޒު ގަދަ މީހުންގެ ބޭނުމާ އެއްގޮތަށެވެ. ތަސައްވަރެއް ޕްލޭނެއް ނެތިއެވެ. އަމާކީތީ ފަރަށް ދާގޮތަށެވެ.
ހަލާކޮށްލާފައިވާ މަރަދޫ ބޮޑުމަގު
ރަނގަޅު ފެންވަރެއްގައި އަލަށް މަގެއް ހެދުމުގެ ބަދަލުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ހެދި ބޮޑު މަގުވެސް ޔާމީނު ކޮށްލީ ހަލާކެވެ. ނަރުދަމައާއި ފެން އެޅުމަށް ހޮޅިވަޅުލުމުގެ ނަމުގައެވެ. ބޮޑު މަގު ހަލާކޮށްނުލާ ހޮޅިވަޅުލާނެ ގޮތެއް ޔާމީނު ސަރުކާރަކަށް ނުފެނުނެވެ. ވަނީ އެހެންތާއެވެ. މަގު ހެދި އިރު ނަރުދަމައާއި ފެން އެޅުމަށް މަގުހެދި ސަރުކާރުން ކޮށްފައި އޮތް ޕްލޭނަކަށް ބެލުމެއްނެތި އެކަން ކުރުމުން ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް ބޮޑުމަގު އޮތީ ހަލާކުކޮށްލި ގޮތަށް ނުހެދިއެވެ.
ރައީސް ސާލިހަށް ޖެހިވަޑައިގަތީ ބޮޑުމަގު ވެސް އަލުން ހަދާށެވެ. ބަނދަރުތައް ވެސް އަލުން ހަދާށެވެ. ކުރިން ނުހަދާ އޮތް އެތައް މަގެއް އަލަށް ހަދާށެވެ.
މަރަދޫ ބޮޑުމަގު އަލުން ހެދުމުގެ މަސައްކަތުގެ ތެރެއިން
އައްޑޫގެ މުޅި މަންޒަރު ބަދަލުކޮށްލާ ތަރައްގީގެ ނާރެހަކަށް ބިނާކުރި ކޮންވެންސަން ސެންޓަރ އެތަނާ ގުޅިފައި އޮތް އައްޑޫގެ ޓޫރިޒަމް ޕްލޭން ޔާމީނު އެފުށް މިފުށަށް ޖަހާލިއެވެ. ކޮންވެންޝަން ސެންޓަރ އުވާލާ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޔާމީނު ފެށިއެވެ. ވެރިކަން ނިމުނުއިރު ހިދުމަތް ދެވޭ ފެންވަރަށް އެއްވެސް ކަމެއް ނުނިމި އޮތުމުން މި ސަރުކާރަށް ޖެހުނީ އެކަން ވެސް ކުރާށެވެ. މިހެން ގޮސް ހަމައެއް ލަމައެއް ޕްލޭނެއް އަމާޒެއްނެތި ހާވާފައި ހުރިހާ ހަޑި ސާފު ކުރަމުން އައްޑޫ ސިޓީއަކީ ރަށްވެހި ތަރައްގީގެ ނަމުނާ ސިޓީއަށް ހެދުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފާފައިގެން ގިނަކަންތައް ތަކެއް ކޮށްފައެވެ. ބަޔަކަށް ނޭނގުނަސް އައްޑޫ ސިޓީގައި ދިރިއުޅޭ މީހުނަށް ކޮން އިރަކު ކުރީ ކީއްކަން ސާފުވާނެއެވެ.
ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ވަރުގަދަ ޕްލޭނެއް ރައީސް ސާލިހުގެ އެބައޮތެވެ. ބޭރު ދުނިޔެއާއި ވައިގެ މަގުން އައްޑޫ ގުޅުވާ ލެވޭނީ ހަމައެކަނި ލަންކާ އިންޑިއާ އަކާ ނޫނެވެ. ޔޫރަޕާއި ދުރު އިރުމައްޗާ އައްޑޫ ގުޅިގެން ދާކަށް މަގިނަ ދުވަހެއް ނެތެވެ. އެންމެ މިޒަމަނުގެ ވައިގެ ބަނދަރަކަށް ގަން އެއަރޕޯޓް ހަދާ އައްޑުއަށް 8000 ޓޫރިސްޓް ބެޑް އިތުރު ވެގެން ދާތަން ލަހެއް ނުވެ ފެންނާނެއެވެ. މުޅި ދެކުނު ސަރަހައްދުގެ މައި ޕޯޓަކަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވިގެންދާތަން ދާދި އަވަހަށް އައްޑޫ ރައްޔިތުންނަށް ފެންނާނެއެވެ.
ބޯހިޔާވަހިކަމުގައި ދެވަނައެއް ނެތް، ދަތުރުފަތުރުން ގުޅި ލާމެހެފައިވާ، ފުރުސަތުތައް ފަހި ކާރޫބާރޫ ބޮޑު އިގްތިސާދީ ހަބަކަށް އައްޑޫ ސިޓީ ހައްދަވާ ދެއްވަނީ ރައީސް ސާލިހެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާއެކު ތިބުން ލާޒިމްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވަނީ އެހެން ވެގެނެވެ. އައްޑޫ ސިޓީ ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި އައްޑޫ ބަދަލުކޮށްލުމަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދު ކުރަމުން ދާކަން ނިހާދު ފާހަގަ ކުރައްވަނީ ހަގީގަތަށް ބުރަވެ ހުންނަވައެވެ. ނިހާދު ވިދާޅުވާހެން އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ އައްޑުއަށް ލިބުނު ނިއުމަތެކެވެ. ހަމަތެދެކެވެ. އައްޑޫއަށްޓަކައި ރައީސް ސާލިހާ އެކު މުޅި އައްޑޫ ތިބުމަށް ވުރެ ވަކީން މޮޅު ގޮތެއް މިހާރަކު ނެތެވެ.