އެލްސޯފާ ޒިނޭގެ ތުހުމަތު ހުދުކާފޫރަށް!

އެލްސޯފާ ޒިނޭގެ ތުހުމަތު ހުދުކާފޫރަށް!
ހިޔާލީ އެއްކޮށްލުމެއް

އުމުރުން ހަގުއަންހެން ކުއްޖަކު ދޮށީ މީހަކާއި އެކު ރާއްޖޭގެ އެންމެ މަތީ އޮފީހުގައި ވިޔާނުދާ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފުވެ އެ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެނައުމަކީ އާދައިގެ ކަމެއް ނޫނެވެ. އަންހެން ކުއްޖާގެ މާޒީގައި ކިތަންމެ ނުރަގަޅު ސިފަތަކެއް ހުއްޓަސް އެއްޔަކީ ރާއްޖޭގެ އެންމެ އިސް ވެރިމީހާ އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ޖެހޭނެ ސަބަބެއް ނޫނެވެ.

އަންހެންކުއްޖާ ބުނި ބުނުމަކީ ހަގީގަތެއްނަމަ ރާއްޖޭގެ އެންމެ އިސް ވެރިޔާ އޭނާ ގުރޫމް ކުރުމުގެ ކުރިން އޭނާ ރޭޕް ކުރީ ކަމަށް ދޭހަވާފަދަ ގޮތަކަށް ބަސް އިއްވުމަކީ ދިވެހީންނާއި ދިވެހިރާއްޖޭގެ އެންމެ އިސްވެރިއެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އަންހެން ކުއްޖާގެ އިއުތިރާފާއި ކަން ހިނގާދިޔަ ގޮތަށް ރިޔާއަތް ކުރާއިރު ކުއްވެރި ވާންވީ އެ އޮފީހުގެ ކޮޓަރީގެ ތެރޭގައި ވާ އެލް ސޯފާ އެއް ނޫނެވެ. އިންޒާރު ދޭންވީ އެ ވާހަކަ ދައްކާ އަދި އެ ވާހަކައިގެ މައްޗަށް ކުޅެވޭ މަގުމަތީ ސިޔާސީ ސިލްސިލާ ތަމްސީލަކަށްވެސް ނޫނެވެ.

ހަޑި ހުތުރު އަމަލު ހިންގި ފަރާތްތައް ހުދު ކާފޫރަށް ބަދަލު ނުކުރާށެވެ. މުއައްސަސާތަކުން ލޯމަރާލުމުން ދެން އެ އިސްވެރިޔާ ޝިކާރަކުރާނީ ކާކު ކަމެއް ނޭނގެއެވެ. ދިވެހީންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވެދާނެއެވެ. ދިވެހި މަންމައަކަށް، ދައްތައަކަށް، ދަރިއަކަށް ނުވަތަ އެހެން މީހެއްގެ އަންބަކަށްވެސް ވެދާނެއެވެ. ވެރިންގެ ޝަހުވަތްތެރިކަން ފިލުވާލަން ތިބޭ ބަޔަކަށް ދިވެހި ޅަދަރިން ނުހައްދަވާށެވެ. ހެދިޔަ ނުދޭށެވެ. އެކަންކަމަށް ކަނު ލޮލެއް ނުދޭށެވެ. ނުއިވޭ ވާހަކައަކަށް ނުހައްދަވާށެވެ. ޒިންމާނަގާ ޒިންމާދާރުވާށެވެ. މިއީ ދައުލަތުގެ މުއައްސަސާ ތަކަށް ކުރެވޭ އިލްތިމާސެކެވެ. 

ތުހުމަތަކީ އަޅާ ނުލާ ދޫކޮށްލާން ހެޔޮވާވަރުގެ ތުހުމަތެއް ނޫނެވެ. އެހެނީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ އަމަލަކަށް މިކަން ވުމެވެ. އަދި އެކަން ބާރުގަދަ ވަނީ ތުހުމަތުވާ އެކެއްގެ އަމިއްލަ އިއުތިރާފުންނެވެ. ހައްދު ޖަހަނެ ޖެހޭނެ އަމަލަކަށް ވުމެވެ. އަންހެން މީހާގެ ބަސް ދޮގުވެއްޖެ ނަމަ ގަޒުފު ކުރާނެ އަމަލަކަށް ވުމެވެ. 

ދައުލަތުގެ މުއައްސަސާތައް މިފަދަ ކަންކަން ލުއި ކޮށް ނިންމާލުމަކީ ރާއްޖޭގެ ރައްޔިތުންގެ މޫނުމަތީގައި ޖަހާލެވޭ އެތިފަހަރެކެވެ. ދައުލަތުގެ އިސް ވެރީން އަމިއްލަ ސިއްރު ގުނަވަންތައް ވީޑިއޯކޮށް ފޮޓޯނަގާ ހިލޭ އަންހެނުންނަށް ފޮނުވުމުން ކުއްވެރިވަނީ އެ ފޮޓޯތައް އާންމު ކުރާ ފަރާތަށް ވެގެން ނުވާނެއެވެ. ޔުމްނު ވައްޓާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައިވެސް ދައުލަތުގެ އިސް ވެރިން ހިމެނޭ ކަމުގެ ތުހުމަތެވެ. މިއީ ސަމޯއާ އެގްރީމަންޓުގެ އަސަރު ނޫންބާވައޭވެސް ހިތަށް އަރައެވެ.