ލޫކަސް އަށް: އޮގަސްޓް 13،12 އަކީ އެމްޑީޕީގެ ބްރޭންޑެޑް ހައްގެއް

ލޫކަސް އަށް: އޮގަސްޓް 13،12 އަކީ އެމްޑީޕީގެ ބްރޭންޑެޑް ހައްގެއް

އެމްޑީޕީގެ ލީޑަރޝިޕްގައި ވަކިބަޔަކު ތިބުމަކުން ނެތުމަކުން އެމްޑީޕީގެ ބްރޭންޑެޑް ހައްގެއް ނިގުޅައެއް ނުގަނެވޭނެއެވެ. އޮގަސްޓް 12 ، 13 އާއި އިސްލާހީ ހަރަކާތަކީ އަބަދުވެސް އެމްޑީޕީއަށް ނިސްބާތްވާ އަދި ނިސްބަތްވާނެ ފުރިހަމަ ބްރޭންޑެޑް ހައްގެވެ. އޮގަސްޓް 12،13 އާ އިސްލާހީ ހަރަކާތަކީ މިއަދުވެސް އެމްޑީޕީގެ ބްރޭންޑެޑް ހައްގެކެވެ. 

އޮޅުވާލަން ނޫޅޭށެވެ. މައުމޫނިޒަމާއި ދެކޮޅަށް ހިނގި އިސްލާހީ ހަރަކާތުގެ ކްރެޑިޓް ދިވެހި ކޮންމެ ރައްޔިތަކަށް ހައްގެއް ނޫނެވެ. އޮގަސްޓް 12 ، 13 އާއި އިސްލާހީ ހަރަކާތުގެ ކްރެޑީޓް ހައްގުވާނީ އޭރު ތޮށިގަނޑު ފަޅާލާފައި ފާޅުގައި ނިކުމެ މަސައްކަތްކުރި ހިތްވަރުގަދަ ފަހުލަވާނުންނަށެވެ. އެ ފަހުލަވާނުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ. 

މައުމޫނިޒަމްގައި އިސްކޮށް އުޅުނު ބަޔަކު މިހާރު އެމްޑީޕީގެ ތެރޭގައި އާއި އިސްސަފުގައި ތިބުމަކީ އެމްޑީޕީގެ ބްރޭންޑެޑް ހައްގަކުން އެމްޑީޕީ މަހުރޫމުވާނެ ކަމެއް ނޫނެވެ. 30 އަހަރު ވަންދެން އޮތް މައުމޫނިޒަމްގެ ތެރޭގައި އިސްކޮށް އުޅުނު އެތައް ބަޔަކާއި މައުމޫނިޒަމުން މަންފާ ލިބުނު ކިތަންމެ ބައެއްވެސް އިސްލާހީ ހަރަކާތުގައި އޭރުވެސް ވަރަށް އިސްކޮށް އުޅުނެވެ.

ޑރ. މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީ ފަދަ މައުމޫނޒަމްގެ ވަޒީރުންނާއި އިބްރާއާއި މާރިއާ އާއި އެނޫންވެސް މައުމޫނިޒަމްގައި އިސްކޮށް އުޅުނު އެތައް ސަތޭކަ ބަޔަކު އޭރުވެސް މައުމޫނިޒަމާ ދެކޮޅަށް ނިކުމެ އުޅުނެވެ. ބިރު ފަހަނައަޅާ ދިޔަ ދިޔަހެން މައުމޫނިޒަމްގައި ހަރަކާތްތެރިވި އެތައް ހާސް ބަޔަކު އެމްޑީޕީއާއި ގުޅި ލާމެހުނެވެ. މައުމޫނިޒަމްގެ އިސް ދައުރު އަދާކުރި މީސްމީހުން އެމްޑީޕީގެ އިސް ސަފުން ފެންނަނީ ހަމައެކަނި މިހާރަކު ނޫނެވެ. އެމްޑީޕީ އެމްޑީޕީއަށް ވަނީ ތަފާތު ފިކުރުގެ މީހުން ބަލައިގަނެ އިސްލާހީ ފިކުރުގެ ބަޔަކަށް އެމީހުން ހަމަ މަގަށް އަނބުރާލާތީއެވެ.

މީހުންގެ ފިކުރު ބަދަލުވުވުމާއި އައުމާ ދިއުމާ އެއީ އިންސާނީ ތަބީއަތެވެ. އެހެނެކޭ ކިޔާފައި ވަކިބަޔަކު ނެތުމަކުން އަދި ވަކިބަޔަކު ތިބުމަކުން މުތުލަގަށް އެމްޑީޕީއަށް ނިސްބަތްވާ ހައްގެއް ނިގުޅައެއް ނުގަނެވޭނެއެވެ. ގޮތްގޮތަށް ނަޒަރިއްޔާތު ނެރެގެން ފޯކަސް ބަދަލުކޮށްލަން އުޅުނަސް ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ ކްރެޑިޓެއް އެމްޑީޕީ ނޫން ފަރާތަކަށް ނުނެގޭނެއެވެ. 

މައުމޫނިޒަމާ ދެކޮޅަށް ފެށިގެން އައިސް ފުޅާވެ ބޮޑުވެގެން ދިޔަ އިންގިލާބީ ބަދަލު ދިވެހި ހުރިހާ ރައްޔިތުންނަކަށް ވެސް ހައްގެއް ނުވާނެއެވެ. ބިރު ފަހަނައަޅާ އިސްލާހީ ހަރަކާތް ހިންގަން އުޅުނު މަދު މީސްކޮޅަށް އޭރު އެއްވާނަކަށް ފުރައްސާރަކޮށް ޖެއްސުންކޮށް ދަތިކޮށް އަނިޔާކޮށް ހެދީވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބައެކެވެ. މިއަދުވެސް އެމްޑީޕީގެ އިސްލާހީ ފިކުރު މަރާލާ އެމްޑީޕީއާއި މެދު ޝައްކުއުފައްދާ އެމްޑީޕީ ޕެރަލައިސްކޮށްލަން އަތުގުޅާލައިގެން ތިބީވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔެކެވެ. އެމީހުންވެސް ހިމަނައިގެން އޮގަސްޓް 12،13 އާއި އިސްލާހީ ހަރަކާތުގެ ކުރެޑީޓް ހުރިހާ ދިވެހި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. 

އެމްޑީޕީގެ ފަލްސަފާ ގަބޫލުކޮށް އެމްޑީޕީއާއި ގުޅިގެން އެއިރަކުއުޅޭ ކޮންމެ މީހަކަށްވެސް އެމްޑީޕީއަށް ނިސްބަތްވާ ބްރޭންޑެޑް ހައްގަކަސް ކްރެޑިޓަކަސް ލިބޭނެއެވެ. އިސްލާހީ ހަރަކާތުގެ އެކުވި ނަންކަމުގައިވާ އެމްޑީޕީ ފެށިގެން އަައިއިރު އުޅުނު މަދު މީސްކޮޅު ނޫން ބަޔަކަށް އެމްޑީޕީން ޖާގަ ނެތްނަމަ ބްރޭންޑެއްގެ ގޮތުގައި އިސްލާހީ ފިކުރެއް ދެމިއެއް ނުއޮތީހެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ ބްރޭންޑެޑް ނަމަކީ އެމްޑީޕީއެވެ.