ނޮވެމްބަރ3 : ކާމިނީގޭ ވެރިކަން އަބަދަށް ދަމަހައްޓަން ޖެހިމަޅި

ނޮވެމްބަރ3 : ކާމިނީގޭ ވެރިކަން އަބަދަށް ދަމަހައްޓަން ޖެހިމަޅި

މައުމޫނިޒަމްގެ ނިވައި ފަތްގަނޑަކަށް އިސްލާމް ދީން

ރާއްޖޭގެ އިނގިރޭސި ތައުލީމާ، ފަތުރުވެރިކަމާ، ސަރަހައްދާ ނުބައްދަލު ޝިޕިންގއާއި، ބައިނަލް އަގްވާމީ ވައިގެ ބަނދަރާއި ޓެލެކޮމިއުނިކޭޝަން އާއި މަސްދޯނި ފަހަރުގައި އިންޖީނު އަޅާ ފެލިވަރުން މަސް އެކްސްޕޯރޓްކޮށް ދުނިޔެއަށް ރާއްޖެ ހުޅުވާލި މޭސްތިރިއަކީ ރައީސް އިބްރާހިމް ނާސިރެވެ. ނާސިރުގެ ވެރިކަން ނިންމުމަށް ފެށުނު ހިމޭން ބަގާވާތުގެ މޭސްތިރިކަން އޮތީ ކާމީނީގޭގައެވެ. ބޭނުންކުރި ހަތިޔާރަކީ ހަމަ ލާދީނީ ހަތިޔާރެވެ. ރާވިއްކި މީހެކޭ ބުއި މީހެކޭ އުފުލިމީހެކޭ ހަމަހަމައޭ ކިޔާ ވައިއަޑުން އެކި ވަކި ކަމުވޮށި މީހުންގެ ކަންފަތް ބުޑަށްލައިދިން ފަތުވާ ތަކެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. މި ހުންނެވީ މިސްރުން ދީން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ސާފުތޯހިރު ދަންނަ ބޭކަލެކެވެ. އަބޫޖަހުލަށްވުރެ އަރަބި ބަސް ފެންފަދަ ، އާޔަތްތައް ހިތުދަސް ބަސް މޮށުންތެރިކަން ފަހި، ބަލާގާތް ތެރިކަމާއި،  ފަސާހަތްތެރި ކަމުގެ ހަނދެއް ފަދަ ދިވެއްސެކެވެ.

ގައިހަން ދޮން، އުމުރުން ޒުވާން، މޫނުމަތީގެ ބަނިޔާދަންކަމާއި އޮމާންކަމާއި ޒުވާން ކަމާއި ވާންކަމުން ހިތްތައް ކަތިލި، އަތްޕުޅު މަޑު ކޯރާޑި ކަންހުޅީގެ ވެރިޔާ އަލްއުސްތާޒު ދިވެހި ޖީތަންދުރާ މައުމޫން އަބްދުލްގައްޔޫމެވެ. ޔާމީން އަބްދުލް ގައްޔޫމްގެ ބޭބޭފުޅެވެ. ބައްޕާފުޅު ދޮންސީދީއަށް ވުރެ މާބޮޑަށް ވެސް އޮފުދާރު ގިރިޓީކަން އަރާހުރި ސީދީއެކެވެ.

މައުމޫނީ ހިމޭން އިންގިލާބު

މާލޭގެ ކަމުވޮށި ނަންހުރި އާއިލާ ތަކުން ވެސް ވެރިކަން ބޭނުމެވެ. އަރިހުރަހަށް ހިނގި އެކި ސިޔާސީ އޮއިވަރުގައި ނާސިރުގެ ވެރިކަމާ ދެކޮޅަށް ކުޑަ ބުރާސްފައްޗަކާ ބޮޑު ބުރާސްފައްޗަކުން ވެރިކަން ވައްޓާލުމުގެ ނާކާމިޔާބު ހާދިސާތައް ހިނގިއެވެ. އެތައް ބަޔަކު ޖަލަށްލެވި އަނިޔާ ލިބި  އާއިލާ ތަކުގެ ނުރުހުން  ނާސިރަށް އަމާޒުވި ދަނޑިވަޅު ވަޑައިގެން މި ހުންނެވި ދީނީ އިލްމުވެރިޔާއަކީ މިތުރުންނާ ހަތުރުން ރުހޭ މީހަކަށް ވެވިއްޖެއެވެ. އަތިރީގެއާ ކަކާގެއާ ވެލާނާގެއާ ދެމެދު އޮންނަ ވާދައިގެ ބޭރުން ދެން ރުހެވޭން ހުރި މީހަކީ ކަލްދޯ ބަޖޭ އާއޯ ފަނޑިޔާރު ކާމިނީގޭ ދޮންސީދީގެ ތުއްތު ސީދީ ފަލީލަތުލް ޝައިހުލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުލް އަޒުހަރީއެވެ. މައުމޫނަކީ ދިވެހިންގެ ޗޮއިސް ކަމުގައި ވެއްޖެއެވެ. މަންޒަރު ބަދަލުވަމުން ދާގޮތް ދެނެވަޑައިގެން ރައީސް އިބްރާހީމް ނާސިރު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވާ ސިންގަޕޫރަށް ހިޖުރަ ކުރައްވަން ނިންމެވިއެވެ.

ތަރިތަކާއި ބުރުޖުތަކާއި ކާއިނާތުގެ ބަހުރުވައިން މައް ދިވެހި ސިކުނޑިތައް އައްސިކޮށް ، މައްކާގެ ހާޝިމް ވަންހަޔަށް ނިސްބަތްވާ ކަމުގެ ދޮގު ދައުވާއާއި އެކު ދީނީ ކާޑުން ދިވެހިންގެ މައްޗަށް ވެރިކަން ކުރައްވަން ފެއްޓެވި މައުމޫނަށް ވަގުތާއި ސާުއަތުން ވެސް ކަން އޮތީ ފަހިވާ ގޮތަށެވެ. 10 ނޮވެމްބަރ 1978 ވީ  ބަރަކާތްތެރި ހުކުރު ދުވަހުގެ އިރުއޮއްސުނީ ދިވެހިން ހިތުން ލައްކަ ނަސީބު ގަދަ ރެއަކަށެވެ.

ހުވާކުރީ ޖެހުނު ކޮންމެ މީހަކު މަރަން ތައްޔާރަށް ހުރެ

ނޮވެމްބަރ 11، 1978 ގެ ސުންގަޑި ސުންމިނެޓްގައި މައުމޫނު ހުވާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ 5 އަހަރަށެވެ. އެރޭ ހުވާ ކުރެއްވީ ވެސް ހޯދި ތާކުން ހަނގުރާމަވެރި ހަތިޔާރު ހޯދައިގެން، ކިރިޔާ ނުއަތަށް ކަމެއް ދިޔަޔަސް ބަޔަކު މަރާ ވެރިކަމުގައި ދެމިހުރުމަށް ތައްޔާރުވެ ހުރެއެވެ. ގާނޫނާ ހިލާފް ބޮޑު ޖަރީމާ އަކުން ފޯވެ ހުރެއެވެ. ވެރިކަމަށް އެރީ ދުނިޔެ އުމުރަށް ވެރިކަން ދަންމާލުމުގެ ނިޔަތުގައިކަން ދިވެހިންނަށް ރޭކާލި އިރު 5 އަހަރުގެ ދައުރު އޮތީ 30 އަހަރަށް ދެމިގެން ގޮހެވެ. އެވަރުގެ ބައެއްގެ އަތަށް ވެރިކަން އެރުމުން، އެކަން ދެމެހެއްޓުމަށްޓަކާ، ކިތަންމެ ނުރައްކާތެރި އެތަކެއް ނޮވެމްބަރ 3 ގެ ހީލަތްތެރި ރޭވުންތައް ނުރާވާނެ ކަމަށް ބަލަން ހެޔޮ ނުވާނެއެވެ.

ސިފައިންގެ ވެރިޔާކަމަށް ވަނީވެސް ވެރިކަމަށް ހުވާކުރާފަހުންނެވެ. ހުވާކުރުމުގެ ކުރިން މައުމޫނު އަތުގައި ހަނގުރާމަވެރި ހަތިޔާރު އޮތުމާއި އެކުވެރިންނަށް ހަތިޔާރު ދީފާ ބޭ ތިއްބުމަކީ އޭރުވެސް ގާނޫނީ ބޮޑުކުށެކެވެ. މައުމޫނު ވެރިކަމަށް ހުވާ ކުރީ ގާނޫނާ ހިލާފަށް ހަތިޔާރު އުކުޅަށް ޖަހައިގެން ހުރެއެވެ. އެރޭ އެކަމެއް ކުރާނީ ގައިމު އެކަމަށް ތައްޔާރުވެ ތަމްރީނު ވެސް ހޯދައިގެން ތިބީމާކަން ޔަގީނެވެ.  ހޮދުތިމާގެ ހިމަށް ހަނގުރާމަ ވެރި ފަޔަރ އާރމް ޖަހާ އެހެން ދިވެހިންތަކެއްގެ އަތަށް ހަތިޔާރު ދިނީ ވެރިކަމަށް ޓަކައެވެ. އެއީ ކާމިނީގޭ ވެރިކަމުގެ ފެށުމެވެ.

ނޮވެމްބަރ 3 ގެ ފަސްމަންޒަރު

އޭގެ 10 އަހަރު ފަހުން ދިވެހި ވެރިކަމުގެ ބާރުތައް ތެތް ތުވާއްޔެއްހެން ދިގުމުއްދަތަށް ތަޅާ ބުރުއްސި ބަޔަކަށް، ދިވެހިންގެ ބަދަލުގައި ވަސަންތީ އާއި އައްޕި އާއި ނައްލައި ނާދަނު ފަދަ ވަލު ތަމަޅައިންގެ ބަޔަކު  މެޝިން ބަޑިއާ ، އޮޓޮމެޓިކް ރައިފަލާއި  ރޮކެޓް ޕްރޮޕަލަރ ގްރެނޭޑުން ޖަރީކޮށް ރާއްޖެ ނާރުވާނެ ކަމަށް ދެކޭން އޮތީ ކޮން ހުއްޖަތެއް ހެއްޔެވެ.

އޭރުގެ ސިފައިންގެ ނައިބަކަށް ހުރި އިލްޔާސަށް ސިފައިންގެ ލޯތްބާ އިތުބާރު އޮތްލެއް ބޮޑުކަމުން ވެރިކަން ފިރުކާލާފާނެތީ ކުރިކަމަކަށް ނުވުމަށްވުރެ ވުންކައިރިއެވެ. ހަނގުރާމަވެރިންގެ ކައިރިން ދަރިއާއި އަނބިމީހާއާއި ނޯކަރުން ގޮވައިގެން ހިނގާލާފާ ދިޔައިރު އަޅާވެސް ނުލާ ދޫކޮށްލީ ގައިމު ކަމެއް ވެގެންތާއެވެ. އެ ދުވަހު މައުމޫނަށް ވުރެ ހަތިޔާރު އެޅި މީހުންގެ ބޮޑު އަމާޒު ފަތްގަނޑަކަށް އިލްޔާސް ވީ ސަބަބެއްވެސް އޮންނަންވަނެތާއެވެ.

މިކަމެއްގެ މައުލޫމާތު ލިބިހުރި އަބްދުލް މަޖީދު ހާލިދު އެ މައުލޫމާތު ދިނުމުން، ބޭރުފުށުން ވެލި ބަސްތާ ތަކެއް ޖަހާ ކަން ދެއްކުމަށް މެރި ފޯރީގެ ފޯރިއާއި ޖޯޝް ދިވެހި ސިފައިންގެ ފުށުން ނަގާލީ ކޮންކަމެއް ކިހިނެއް އިންތިޒާމް ކޮށްގެން ނޮވެމްބަރ  3 ގެނައުމުގެ ޖާގަ ތަނަވަސް ކުރުން ނޫން އިތުރު ބޭނުމެއް އޮވެގެނެއް ނޫނެވެ.