ޔާމީނު ކުރި އިތުބާރު ވިއްކާލި ރޯލްމޮޑެލް
ތިން ހަތް ދުވަހުން ކަންކަން ހަނދާން ނެތުން އާދަވެފައި ތިބި ދިވެހިނަށް ގިނަގިނައިން ކަންކަން ހަނދާން ކޮށްދޭން ޖެހެއެވެ. އަދުރޭ ރައީސް މުއިއްޒުގެ ރޯލްމޮޑެލަށް ވެގެން ދިޔަ ގޮތް ހަނދާން ނައްތާލާ ކަހަލައެއް ނޫނެވެ. ޔުނިވަރސިޓީ ތަކުގައި ކިޔަވާދޭން ވެސް ކަމުދާވަރުގެ ފިލާވަޅަކަށް ވެސް އެކަން ވާނެއެވެ.
ބާރުގަދަ ވެރިކަމެއް ކުރެއްވުމަށްފަހު އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ވިކަމެއް ވެގެން ރައީސް ޔާމީނު ޖަލަށް ވަޑައިގަތީ ބޭރުން އަންނަ މިނިކާ ބާޒުތައް ޕާޓީ ޖަހައިގަތަނުދޭން ވަސިއްޔަތް ކުރައްވާފައެވެ. ޔާމީނު ޖަލުގައި ހުންނަވާ ދެއްވާ އިރުޝާދާ އެއްގޮތަށް ހިންގަން ދެޕާޓީގެ ވެރިކަން އަދުރޭ އާއި މަތިކޮށްފައެވެ. ޑރ. ވަހީދާއި ގައްސާނާއި މުއިއްޒާއި އާދަމް ޝަރީފާއި ޝިޔާމާއި ސައީދުގެ މައްޗަށް އަދުރޭ ވެރިކުރެއްވީ ދަނޑިވަޅުބަލާ އެއިން މީހަކުވެސް ދެޕާޓީ ޖަހައިގަތަ ނުދިނުމަށް ކަމަށް ބެލެވެއެވެ.
ރައީސް ޔާމީނުގެ ވަސިއްޔަތް އޮތީ ބޭރުން އަންނަ މިނިކާ ބާޒެއް ޕްރޮގްރެސިވް ކޯލިޝަން ޖަހައިގަތަ ނުދިނުމަށް ކަމުން ކިތަންމެ ރަނގަލަކަށް ވެސް އެކަން އަދުރޭ ކޮށްދިނެވެ. ކަޅުއޮށު ބަނޑުދަށުގައި ކޮރަކަލި ބޮޑުވިޔަ ނުދޭކަށް ވަސިއްޔަތެއް ނެތެވެ. އެހެން ކަމުން އެތެރޭން ހަކުރު ދެންޏާ ބޮޑުބޭބެ ނުވާންވީ ސަބަބެއް ނެތްތާއެވެ.
ނަސީބު ދިމާކުރި ގޮތުން އޭރު ޕްރޮގްރެސިވް މުޅި ކޯލިޝަނުގައި ވެސް ރައްޔިތުންގެ ބާރުވެރި މަގާމެއްގައި ހުރި ހަމަ އެކަނި މީހަކީ ޑރ. މުއިއްޒެވެ. މުއިއްޒަކީ މާލެ ސިޓީ މޭޔަރެވެ. ސެނެޓްގެ މެންބަރުން ކޮންސަލްޓެންޓުންނަށް ހަދައިގެން ބޮޑު މަހު މުސާރައެއް ދީގެން ސެނެޓްގެ ކޮންޓްރޯލް ނެގެން އޮތީވެސް މުއިއްޒަށެވެ. އަދުރޭއަށް ރޯގިލަ ކަންފުޅެއްވެސް ވާން އޮތީ މުއިއްޒުގެ ރުހުން ހޯދި ވަރަކުންނެވެ.
މާލެ ސިޓީ މޭޔަރކަން ލިބުމަކީ އޭރުގެ އިދިކޮޅު ކޯލިޝަންގެ ކޮންޓްރޯލް މުއިއްޒު އަތްދަށަށް ގެންނަން ލިބުނު ރަނުގެ ފުރުސަތެވެ. ދަނޑިވަލުބަލާ އިންތިހާ ދަރަޖައަށް ސިޓީ ކައުންސިލް ތެރެއިން އަދުރޭއަށް ފުރުސަތުތައް ފަހިކޮށްދީ ކާންދީ ރަނގަޅަށް ބުޅީގައި އަޅުވާލިއެވެ. މަހުން މަހަށް އުޖޫރައެއް ދޭން ފެށިއެވެ. ކޮރަޕްޝްނަށް މަގުފަހިވާގޮތަށް ނުއަގުގައި ވެހިކަލްތަކެއް ސިޓީ ކައުންސިލަށް ނަގާ މަހުންމަހުން ކުލީގެ ގޮތުގައި އެތައް ފައިސާއެއް ލިބޭގޮތް ހަދާދިނެވެ. މަސް މާރުކޭޓުގެ ވާހަކައަކީ މުޅި މާލޭގައި ދައްކަމުން ދިޔަ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މުއިއްޒުގެ މަޅީގައި އަބުދުއްރަހީމު ޖެހި ބާރުވެ އަދުރޭއަށް ރައީސް ޔާމީނު ވީ ތުންފުހެފައި އެއްލައިލާ ޓިޝީގަނޑަކަށެވެ.
ކަޅުއޮށު ބަނޑު ދަށުގައި ބައިންދައިގެން ކޮރަކައްޔަށް ކާންދީ ބޮޑުކޮށް ފަނިހައްޖަކަށް ހަދާ އެ ފަނިހަންޖަށް ކަޅުއޮށް ކާންދީ ނިންމާލީއެވެ. ވަނީ އެހެންތާއެވެ. ރައީސް ޔާމީނު ވަސިއްޔަތް ކުރެއްވީ ބޭރުން އަންނަ މިނިކާ ބާޒުތައް ޕާޓީ ޖަހައިގަތަ ނުދިނުމަށެވެ. ފޮޓޯއާއި ހުސްގޮނޑި ދައްކައިގެން ވެރިކަން ހޯދާދީ، ދެޕާޓީ ވެދުމަށް އެރުވީ ބޭރުން އައި މިނިކާ ބާޒަކަށް ނޫނެވެ. ބަނޑުދޮށުގައި ގެންގުޅެ ބޮޑުކުރި ކޮރަކައްޔަށެވެ.


