ރައްޔިތުން މުސާރަދެނީ ގައުމު ފާލުން ނައްޓުވާކަށްނޫން!

ރައްޔިތުން ކަންބޮޑުވުން ފާޅުކުރާނެ

ރައްޔިތުން މުސާރަދެނީ ގައުމު ފާލުން ނައްޓުވާކަށްނޫން!

ރައީސް މުއިއްޒު ބޮޑެތި މުސާރަ ދީފައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މީހުން ބައިތިއްބައިގެން އުޅޭނީ ގައުމު ހިންގަން ހެއްޔެވެ. ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރަން ހެއްޔެވެ. ނޫނީ ނަފްރަތާ ފިތުނަ އުފައްދަން ހެއްޔެވެ. 

ރައްޔިތުންގެ ފައިސާއިން މުސާރަދެނީ ގައުމު ފާލުން ނައްޓާލާ މީހުންގެ ތެރޭގައި ރުޅިވެރިކަން އިތުރުކޮށް އަދާވާތްތެރިން އުފައްދާކަށް ނޫނެވެ. ސަރުކާރުގެ ސިޔާސަތު ޕްރަމޯޓް ކުރުމާއި ދިފާއުކުރުމަކީ ދެކޮޅުވެރިކަން އުފައްދައިގެން ކުރެވޭނެ ކަމެއް ނޫނެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ރައްޔިތުން ދައްކާނެއެވެ. އެކަންކަމަށް ރައްދުދީ ޖަދަލުކުރުމަކީ ބުއްދިވެރި ވެރިކަމެއްގެ ފަރާތުން ކުރާނެކަމެއް ނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނީ ހިދުމަތް ދީގެންނެވެ. ޖަދަލުކޮށްގެނެއް ނޫނެވެ. އޮޅުވާލުމެއް ސިއްރު ކުރުމެއްނެތި ހަގީގަތް ހާމަކޮށް ދީގެންނެވެ. 

ރާއްޖޭގައި ގާނޫނުތަކާއި ގަވައިދުތައް އެބަހުއްޓެވެ. ގާނޫނާއި ހިލާފަށް އެއްވެސް މީހަކު ކަމެއްކޮށްފައިވާނަމަ ނުވަތަ ކުރަމުންދާނަމަ އެކަމެއް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް އެބައޮތެވެ. އެކަންކަން ނުކޮށްތިބެ ބަޔަކަށް މުސާރަދީގެން މުޖުތަމައު ތެރޭގައި ދެކޮޅުވެރިކަން އުފެދޭގޮތަށް ފިތުނަ ފަސާދަ އުފެއްދުމުން މުޅި ގައުމު ވެއްޓިގެން ދަނީ ބިރުވެރި ކަމުގެ ތެރެއަށެވެ. 

މާގަދަ ކަމަކަށް ހަދައިގެން ހީވާހާ ގޮތްގޮތައް ތުހުމަތުތައްކޮށް ނަފްރަތު އުފައްދާ ފަސާދަކުރަން ސަރުކާރުން ބޮޑެތި މުސާރަ ދީފައި ބަޔަކު އެބަތިއްބޭ ނުބުނާވަރެއް ނޫނެވެ. ވަކިވަކި މީހުންގެ ނަން ކިޔައިގެން މިވާހަކަ ދައްކަން މިހާރު ޖެހިއްޖެއެވެ.

ހުއްޓާނުލާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނަފްރަތު އުފައްދަންއުޅޭ ސަރުކާރުގެ ވެރީންގެ ސަބަބުން ޖެހިދާނެ ހާލަކާމެދު ކަންބޮޑުވެއެވެ. ހައްގަކާނުލާ ރައްޔިތުންގެ އެތައް ބައެއްގެ މައްޗަށް ތަފްރީކް ކުރުމާއި ހުޅުޖެހުމުގެ ތުހުމަތު އެޅުވުންފަދަ ނުރައްކާތެރި ކަންކަމުގެ ބިރުވެރިކަން ބޮޑެވެ. ވެރިކަމުގެ އާރާ ބާރުގައި ތިބެގެން އާއްމު ރައްޔިތުންގެ އެތައް ބަޔަކަށް ނިސްބަތްކޮށް ނުރައްކާތެރި ވާހަކަ ދައްކާ ފިތުނަ ފަތުރާއިރު ނުނިކުމެ ނުދާނެ ހިތި ނަތީޖާއަކަށް ކުޑަކޮށްވެސް ވިސްނާނުލައެވެ. 

މީސްމީހުނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ބައިތިއްބާފައި ތިބެނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނަފްރަތާއި ފަސާދަ ފެތުރުމަށް ކަމަށްވާނަމަ ހުރި ހިތާމައިގެ ކޮޅެއްނެތެވެ. އޭގެ ހިތި ނަތީޖާ ނުފެނި ދިޔުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ.