މުއިއްޒު ފްލެޓް ބަހާނީ ޕީއެންސީ ލިސްޓަށް
މާބޮޑު މައްސަލައެއް ނެތް ލިސްޓަށް މިވީ ކިހިނެތް
ރައީސް ސޯލިހު ވެރިކަމުގައި ހިންގި ބޯހިޔާ ވަހިކަމުގެ މަޝްރޫއުގެދަށުން 4000 ފްލެޓްގެ ހައްގުވެރިން ކަނޑައަޅާ ވަނީ އިއުލާނުކޮށްފައެވެ. ވާދަވެރި ބަޔަކު ސިޔާސީ ބޭނުމުގައި ކުރި ޝަކުވާތަކަކާއި ގުޅިގެން އޭސީސީން އެކަމުގެ ތެރެއަށްވަދެ ފްލެޓް ހަވާލުކުރުން ހުއްޓުވިއެވެ.
އޭސީސީން ބެލި ގޮތަކަށް ބަލާ ފްލެޓް ލިބުނު އެތައް ބަޔަކު ޝަރުތުހަމަނުވާ ކަމަށް ނިންމިއެވެ. އޭސީސީން ޝަރުތު ހަމަނުވާކަމަށް ނިންމީ މައިގަޑު ތިންކަމެއްގެ މައްޗަށެވެ. އެކަން ކަމަކީ:
- ހަމައެކަނި ކައުންސިލްގެ ލިޔުން އޮތުން
- ހަމައެކަނި މާލޭގައި ދިރިއުޅުގޭގެ ވެރިފަރާތުގެ ލިޔުން އޮތުން
- 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުވާ މާލޭގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުން ނެތުން
އޭސީސީގެ ރެކަމަންޑޭޝަންތަކަށް ބަލާ އަލުން ލިސްޓު މުރާޖިއާކޮށް ނިންމާ މިހިނގާ ނޮވެންބަރ މަސް ނިމުމުގެކުރިން ފްލެޓްތަކުގެ ހައްގުވެރިން އިއުލާނު ކުރާނެކަމަށް ރައީސް މުއިއްޒު ދާދިފަހުން ބުނެފައިވެއެވެ. މުއިއްޒު ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުން ކަނޑައަލާފައިވާ ފްލެޓްތަކުގެ ހައްގުވެރިންގެ ލިސްޓްގައި މާބޮޑު މައްސަލައެއް ނެތެވެ. ފަހަރުގައި މަދު ކަމެއް ހުރިނަމަވެސް ލިސްޓަށް ބަދަލެއް ގެންނަވަރު ކަމެއް ނެތްކަމަށް ވަރަށް ސާފުބަހުން ބުންޏެވެ.
ރައީސް މުއިއްޒު އެހެން ބުނިނަމަވެސް ފްލެޓް ލިސްޓު އިއުލާނު ކުރުން މުއްދަތެއް ނެތްގޮތަށް މިހާރު އަނެއްކާ އެވަނީ ލަސްކޮށްފައެވެ. ސަބަބެއް ކަމަށް ހައުސިންގ ވުޒާރާއިން ބުނަނީ އަދިވެސް ބަލަންޖެހޭ ކަންކަން ހުރުމެވެ. އެންމެ ފަހުން މިވީ ކިހިނެތްތޯއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރުފުރިގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މުއިއްޒު އަނެއްކާވެސް ބޮޑު ބިޔަ ދޮގެއް ހެދީއެވެ. ފްލެޓްދޭން ކަނޑައެޅުމުގައި ކުރީ ސަރުކާރުން ހަމަ އެކަނި އައިޑީކާޑަށް (އެވެސް އެންމެ ފުށަކަށް) ބަލައިގެން ފްލެޓް ދީފާ ހުރިކަމަށް ބުނެ ފްލެޓް ދިނުން ބޮޑުވެގެންވާ ފަސާދައެއްގެ ތެރެއަށް ވައްޓާލީއެވެ. ބޮޑުވެގެންވާ ފިތުނައެއް އުފައްދާލީއެވެ. އޭސީސީން އަތްފުނާ އަޅައިގެން ބެލި އިރު ނުފެނުނު ކަމެއް ކުއްލިޔަކަށް މުއިއްޒު ޓީމަށް ފެނުނީއެވެ. އޭސީސީގެ ބަހަކީވެސް ފުލެއް ބިތެއް ނެތް އެއްޗަކަށް ހަދާލީއެވެ.
ވެގެން އުޅޭ ގޮތަކީ ޕީއެންސީ ޑޭން ކަނޑައެޅި ވަރަށް ވުރެ ގިނަމީ މީހުނަށް ފްލެޓް ބޭނުންވަނީއެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ކުރިން ފްލެޓްތައް ހަވާލުކޮށްފިނަމަ މުއިއްޒަށް ޕީއެންސީގެ އެތެރޭގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބަކަށް ފްލެޓްތައް ދިނުންވާތީ ފްލެޓް ހަވާލުކުރުން ލަސްކުރަން މަޖުބޫރުވީއެވެ. މުޅިގައުމުގައި ހުޅުފަޅައިގެން ދިޔަސް މުއިއްޒު ބޭނުންވާ ކަމެއް ކުރުމަށް ކުރަންޖެހޭ ކަމެއް ކުރާނެކަމަށް މުއިއްޒު އެބުނަނީ އެހެން އެކަން ކުރާނެތީއެވެ.