ދޮންފަނު މީހުންނޭ ކިޔައިގެން ރައީސް މުއިއްޒު ހެދީ ދޮގެއް: ދޮންފަނު ރައީސް

ދޮންފަނު މީހުންނޭ ކިޔައިގެން ރައީސް މުއިއްޒު ހެދީ ދޮގެއް: ދޮންފަނު ރައީސް

ދޮންފަނު ރައްޔިތުންނާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެއެވެ. ދޮންފަނުގެ ބިންހިއްކައި ދިނުން ހުއްޓާލުމަށް އެދި އެއްވެސް ރައްޔިތަކުވެސް އަދި ކައުންސިލަކުންވެސް އެދިފައި ނުވާނެ ކަމަށް އިރުޝާދު ވިދާޅުވީ އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާ މިވަރުގެ ދޮގެއް ހައްދަވަން ހެޔޮނުވާނެ ކަމަށެވެ. 

ދޮންފަނު ކައުންސިލްގެ ރައީސް މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ދޮންފަނުގެ ބިން ހިއްކުމާގުޅޭ ގޮތުން ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ "އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން" ކަމަށެވެ. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ " ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން" ކަމަށެވެ.

" ނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން" ކަމަށެވެ. ރަސްމީކޮށް ދޮންފަނު ކައުންސިލަށް ކަމާބެހޭ ވުޒާރާއިން މިއަދު ސިޓީއިން އެކަން އަންގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.