މެޑަމް ސާޖީއާހުރެ ސިފައިންނަށް ފޮރުއްޕާކަށް ނެތް!
މެޑަމް ސާޖީ އުޅުއްވާ ގޮތްގޮތުން މީހުންގެ މަލާމާތާއި ފުރައްސާރަ
އެމެރިކާގެ ރައީސުން އަރާމުކޮށްލާ ޗުއްޓީ ހަދާލަން ވަޑައިގަންނަވަނީ ކޭމްޕް ޑޭވިޑަށެވެ. ރާއްޖޭގެ ރައީސުން މޫދަށް އެރިވަޑައިގަތުމަށާއި ގައިކޮޅު މޮޑެލައްވާ ކުޅިވަރުކުޅެލައްވާ މަޖާކޮށްލައްވަން ވަޑައިގަންނަވަނީ އާރަށެވެ. ރާއްޖޭގެ ކުރީގެ ރައީސުން އާރަށަށް ކިތަންމެ ވަރަކަށް ވަޑައިގެން އުޅުއްވިޔަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ކުރީގެ ފަސްޓްލޭޑީންނަކީ އާރަށަށް ވަޑައިގެން އުޅުއްވާ ބޭފުޅުންނެއް ނޫނެވެ. ބޮޑުގެރި ބޭރަށް ހިންގާހެން އާރަށަށް ވަޑައި ނުގަތަސް ކުރީގެ ފަސްޓްލޭޑީންގެ ފަސްޓްލޭޑިކަމުން ތަންފުކެއްވެސް އުންޏެއް ނުވެއެވެ.
ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތިވެރިއާއަށް ހާއްސަވެފައި ކަންކަމާއި ތަކެއްޗާއި ތަންތަން ހުރެއެވެ. މި ރާއްޖޭގައި ރިޔާސީ ގަނޑުވަރުގެ އިތުރަށް ލޯންޗު ކޮޅުތަކާއި އާރަށް އޮވެއެވެ. އެތަން ތަނަކީ ސަލާމަތީ ގޮތުން ވަރަށް ހާއްސަ ބެލެހެއްޓުންތެރި ކަމެއް އޮންނަ ތަންތަނާއި ތަކެއްޗެވެ.
ތިރީސް އަހަރުގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އާރަށަށް ވަޑައިގަތީ ކިތައް ފަހަރުކަން މިހާރުވެސް ހަދާނުގައި ހުންނަހާ ވަރަށް ތިރީސް އަހަރު ތެރޭގައި އެކަމަނާ އާރަށަށް ވަޑައިގެން އަދަދު މަދުވާނެއެވެ. މެޑަމް ލައިލާ އާރަށަށް ވަޑައިގަތީ މުޅިއަކު ދެ ފަހަރުއެވެ. މެޑަމް އިލްހާމު ރައީސް ވަހީދާ ވަކީން އާރަށަކަށް ވަޑައެއް ނުގަންނަވައެވެ. އާރަށަށް ވަޑައިގެން އުޅުއްވުމަކީ މެޑަމް ފާތުންވެސް ހިތްޕުޅާވެގެން ކުރައްވާ އުޅުއްވި ކަމެއް ނޫނެވެ. މެޑަމް ފަޒުނާވެސް އާރަށަށް ވަޑައިގެން ނޫޅުއްވައެވެ.
ކުރީގެ ފަސްޓްލޭޑީންނަކީ ފަސްޓްލޭޑީ ހެދިވަޑައިގެން ދެއްކުންތެރިކަން ކުރިއަށް ނެރުއްވައިގެން އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ކުރީގެ ފަސްޓްލޭޑީއަކު އާރަށަށް ވަޑައިގަތަސް ވަޑައި ގަންނަވަނީ ތުއްޕުޅު ބޭފުޅުންނާއެކުގައެވެ. މަދު ގަހުރަމާނަކު ގެންދެވިޔަސް ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގެންދަވައިގެން އުޅުއްވާފައެއް ނެތެވެ.
އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ރަސްމީ ގަނޑުވަރުން ބޭރުގައި ހާއްސަވެފައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކާއި އެރަށަކީ ކޮންމެ ކޮންމެ މީހަކަށް އަރާ ފޭބުން މަނާ ތަނެއްގެ ގޮތުގައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ވަކި ކަހަލަ ސެކިއުރިޓީ ޕްރޮޓޮކޯލް ތަކެއް އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް ވިސްނި ވަޑައިގަނެއެވެ.
ސަލާމަތީ ބާރާއި ހަށިފާރަވެރިންގެ ލޯތައް ކޮންމެ މީހަކަށް ވަކިވަކިން ހުއްޓިފައި އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގި ވަޑައިގަންނަވައެވެ. އެހެން ކަމުން ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން އާރަށަށް އަރުވައިގެން އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި އެކަމުގެ ސަބަބުން ސަލާމަތީ ހިދުމަތުގައި ތިބޭ ބަޔަކަށް ޖެއްސޭ ބޮޑުތަކުލީފަކަށް އެކަން ވާނެކަން މީހަކު ނުބުންޏަސް ކުރީގެ ފަސްޓް ލޭޑީންނަށް އެނގިވަޑައިގަންނަވައެވެ.
އޭރު އެކަން އެހެން އޮތަސް ފަސްޓްލޭޑީ ސާޖީ ވަރަށް ތަފާތެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގެން އަދަދު އެކަމަނާއަށް ވެސް އެނގި ވަޑައި ނުގަންނަވާނެއެވެ.
އެއްބަހެވެ. ތިންއިރު ކާ ބޭހެއްހެން ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގަތިއްޔާ ބަޔަކާ ކީކީހެއްޔެވެ. އެކަމަނާ ކިތަންމެ ވަރަކަށް އާރަށަށް ވަޑައިގަތަސް ވަރިހަމަތާއެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ހާއްސަ ވެފައި އޮންނަ ރަށެކެވެ. ފަސްޓްލޭޑީއަކީ ރައީސްގެ ޒާތީ ދިރިއުޅުއްވުމެވެ. ރައީސް އަރިހުގައި ވަޑައިގަތަސް ތުއްޕުޅު ބޭފުޅުންނާއެކު ވަޑައިގަތަސް ގިނިކަންޏާ އާރަށަށް މެޑަމް ސާޖިދާ ވަޑައިގަތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
މައްސަލައަކަށް ވަނީ އާއިލާ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ބޮޑު ފައުޖަތަކާއެކުގައި ނޫނީ މެޑަމް ސާޖީ އާރަށަށް ވަޑައިނުގަތުމެވެ. ކުއްލި ކުއްލިއަށް ކުރިން އެނގުމަކާނުލާ ބޮޑެތި ބައިބައިގަނޑު އާރަށަށް އަރުވާ އެރުވުމެވެ. ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އުޅުއްވުމަކީ ސިފައިންނަށް ވެސް ފޮރުއްޕާ ކަމަކަށް ނުވާނެއެވެ.
ސަލާމަތީ ގޮތުން ބެއްޔަސް އެއްޔަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ޓީވީން ލައިވް ކުރެވެމުން ދަނިކޮށް އާއްމުންގެ ތެރޭގައި ހިންގަވާ ވަޑައިގަންނަވަމުން މެޑަމް ސާޖީގެ މޫނު ފުއްސެވި ޓިސޫ ކޮޅުން ރައީސްގެ މޫނު ފުއްސެވުން ކަމަކަށް ނުވިޔަސް އާރަށަކީ އާއްމުން ދަތުރު ދާން އޮތްތަނެއް ނޫންކަން މެޑަމް ސާޖީއަށް އެނގިވަޑައި ގަންނަވަން ޖެހެއެވެ. ޗައިނާ ގަނޑުވަރުތަކުގެ ސިޑިތަކުގެ ރޭލިންގެ މިލަ މެޑަމްގެ އަތްޕުޅުން ކައްސަވާ އެތަން ތާނގެ ތަނބު ތަކުގައި އުނގުޅުއްވާހެން އާރަށަށް ވަޑައިގަތުން ވެސް ސެކިއުރިޓީއަށް ނުފޮރުއްޕާނަކަށް ވާވަރު ކޮށްނުލެއްވިޔަސް ފަސްޓްލޭޑީގެ ހައިބަތަށް ލިބޭ އުނިކަމެއް ނުއޮންނާނެއެވެ.
ރަސްމީ އިހުތިފާލް ތަކާއި އާއްމު ތަންތާ މެޑަމް ސާޖީ އުޅުއްވާ ގޮތްގޮތުން މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވެއެވެ. އާރަށް ފަދަ ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައި އޮންނަ ތަންތަނަކީ ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގޮވައިގެން މަޖާ ނަގާ ތަނަކަށް ހެދުމަކީ ގައުމީ ސަލާމަތީން ކަންބޮޑުވާނެ ކަންކަމެވެ. ކަމެއް ގޯހުން ގޯހަށް ދިޔުމުގެ ކުރީން ފަސްޓްލޭޑީއަށް ޕްރެޒިޑެންޝަލް ޕްރޮޓޮކޯލް ކިޔަވާ ވިދާޅުވާން އެބަޖެހެއެވެ.