އެމްޑީޕީއަށް 20އަހަރު ފުރުން ފާހަގަކުރުން މުޅިއަހަރަށް

އެމްޑީޕީއަށް 20އަހަރު ފުރުން ފާހަގަކުރުން މުޅިއަހަރަށް

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަނީ މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވަޢިގެންނެވެ. އެމްޑީޕީއަށް 20 އަހަރު ފުރެނީ މާދަމާ އެވެ.

މާދަމާގެ ހަރަކާތްތައް ފަށާނީ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ބާއްވާ ހެދުނު ސަޔަކުންނެވެ.  މާދަމާ ހެދުނު ނުވައެއް ޖަހާއިރު ދަނޑިކޮށީ  ޖަގަހައިގައާއި ރަށްރަށުގެ ޖަގަހަތަކާއި އޮފީސްތަކުގައި ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާނެއެވެ. ކޮންމެ އަހަރެކޭ އެއްގޮތަށް ކޭކު ފެޅުން ވެސް އޮންނާނެއެވެ. 

އެމްޑީޕީން ބާއްވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާދަމާ މެންދުރުފަހު ބާއްވާ ފުޓްސަލް މުބާރާތަކާއި ޒުވާނުންގެ ރޫހުގެ ފަރާތުން ތައާރަފުކުރާ ޕޮޑްކާސްޓެއް ވެސް މިރޭ އޮންނާނެއެވެ. 

20 އަހަރު ފުރުމާއި ގުޅިގެން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޖަލްސާއެއް ބާއްވަން ވެސް ހަމަޖެހިފައިވެއެވެ.  ފުރަތަމަ ޖަލްސާ ބާއްވާނީ ޖުލައި 11ގައި ކުޅުދުއްފުށީގައެވެ. ފަހު ޖަލްސާ އޮންނާނީ އޮގަސްޓު މަހު މާލޭގަ އެވެ

"ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18ގައި ދަންމަރެއް ހިފައިގެން މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދުވާ ދުވުމެއް ފެށޭނެއެވެ.  ރަންރިދޫ ދަންމަރު ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހުއެވެ.  

މިޔުޒިކް ޝޯއަކާއި ކާނިވަލަކާއި އާރޓް އެގްޒަބިޝަނެއް ވެސް އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި 20 އަހަރު ފުރުން ފާހަަގަކުރުމުގެ ގޮތުން ދިގުދެމިގެންދާ ހަރަކާތްތަކެއް ރޭވުމުގެ ބޭނުމަކީ އެމްޑީޕީން ރާއްޖެއަށް ގެނައި ރަނގަޅު ބަދަލުތައް ފާހަގަކުރުމާއި ރަށްރަށުގައި ތިބި މެންބަރުންގެ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކުރުމެވެ.