ގޮނޑިގެއްލޭ އިސްލާހު ފުށުންޖެހިއްޖެނަމަ މަގޭ ދުވަސްދާނެ: އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ ގާނޫނާގުޅޭ ބޮޑުހުކުމް ނެރެން މިހާރު އޮތީ ތައްޔާރުފެފައެވެ. މިދަނޑިވަޅަކީ ރައީސް ކައިރީގައި ދުވަސް ހިނގައިދާނެތީ ގާނޫނު އަސާސިއަށް ގެނައި ގޮނޑިގެއްލޭ އިސްލާހު ފުށުން ޖެހިޔަނުދޭން ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ބަންޑާރަނައިބު އިސްވެހުރެ ޖެހި ސަކަރާތުގެ ހަނދާން އައުކޮށްލަން އަނެއްވެސް މިއީ ރަގަޅު ދަނޑިވަޅެކެވެ.
ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ ގާނޫނު ފާސްވުމުން އެ ގާނޫނު ފުށުންޖަހަން ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދިފަހުން އަހަރުވެގެން ހިނގައްޖެއެވެ. ނިޒާމީ ބޮޑުލޮޅުން ގަނޑަކަށްފަހު އެތައް ދުވަހެއް ފަހުން ބޮޑުހުކުމް މާދަމާ ކުރާނެއެވެ. ރައީސް މުއިއްޒު އިންތިހާއަށް ބޭނުންވެގެންް ގާނޫނު އަސާސީއަށް ގެނުވި އެ އިސްލާހު ފުށުން ޖެހުނަނުދޭން އިންތިހާ ދަރަޖައަށް ވެރިކަމުގެ އާރާބާރާއި ނުފޫޒު ސްޕްރީމް ކޯޓަށް ފޯރުވިކަމަކީ އެންމެން ދަންނަ ހަގީގަތެކެވެ.
ރައީސް މުއިއްޒު ހާސްވެ ރަންބުއްދިވާ ވައްތަރުގެ މައްސަލަތައް ކޯޓުތަކަށް ވަނުމުން، އެ މައްސަލަތައް މައިތިރިކުރަން ކަނޑައެޅިފައިވާ މޭސްތިރިއަކީ އެޓާރނީ ޖެނެރަލް އުޝާމްއެވެ. ގޮނޑިގެއްލޭ އިސްލާހު ފުށުންޖެހުމަށް ހުށަހެޅުނު މައްސަލަ "ސުޕްރީމް ކޯޓުން ބޭރު ނުކުރިއްޔާ ރައީސް ކައިރީގައި ދުވަސްދާނެ" ކަމަށް ދެކިގެން އެޓަރނީ ޖެނެރަލް އުޝާމް ނުހާވާ ހަޑިއެއް ނެތެވެ. އޭގެ އިތުރުންވެސް މުއިއްޒު ޖުޑިޝަރީއަށް ނުފޫޒުފޯރުވަން ހާއްސަކޮށް ކަނޑައަޅައި ބަޔަކު ތިބެއެވެ.
ގޮނޑިގެއްލޭ އިސްލާހު ފުށުންޖެހުމުގެ ދުސްތޫރީ މައްސަލަވަނުމުން، އެ ހާސްކަމުގައި އެދުވަހު އެޓާރނީ ޖެނެރަލަށް ގުޅައި މައްސަލަ ނިމެންވާނީ ސަރުކާރުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހޯދުމަށް ޑރ. މުއިއްޒު އެންގިއެވެ. އެހާތަނުން އުޝާމް އަވަސްވެގަތީ މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަނުދީ އިޖުރާއީ އިއުތިރާޒެއް ނަގައި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމުގެ ރޭވުންތައް ރޭވުމަށެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން
އުޝާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާއަށް ބިނާކޮށް މައްސަލަ ބޭރުކުރުމަށް ފަނޑިޔާރުންނަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އުޝާމުގެ މި މަސައްކަތަށް ފަހު، އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އުޝާމް ދިނެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް 17 ފެބްރުއަރީ އާއި 18 ފެބްރުއަރީ 2025 އަށް ތާވަލުކުރުމުން އުޝާމު ހުރީ ވަރަށް އުފަލުންނެވެ. ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް މުއިއްޒުއަށް ދިނެވެ. އެހެނަސް ކަންވީ ދިމާ އިދިކޮޅަށެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބޭރެއް ނުކުރިއެވެ. މައްސަލަ އަޑުއަހާ ފައިސަލާކުރުމުގެ ބާރު ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ. މިހެން މިކަން ދިއުމުން މުއިއްޒު ކޯފާވެ، ރުންކުރުވެ އުޝާމްއަށް ގުޅައި މިވީ ކިހިނެތްތޯ ސުވާލުކުރިއެވެ. އުޝާމް ބުނީ ފަނޑިޔާރުން އޭނާގެ ބަސް ނޭހީ ކަމަށެވެ. ދޯކާ ދިނީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު އެހިސާބުން ނިންމައި، ފަނޑިޔާރުން ވަކިކުރުމަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތަކެއް ހޯދައި ހެކި އުފެއްދުމުގެ މަސައްކަތް އުޝާމް އާއި ހޯމް މިނިސްޓަރު އިހުސާނުއާ ހަވާލުކުރިއެވެ. ހަމަ އެޢާއިއެކު ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް ގާނޫނެއް ފާސްކޮށް ސަރުކާރަށް ބައިއަތު ނުހިފާ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު އުޝާމްއަށް އެނގިއެވެ. އެގޮތަށް ބިލެއް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ލައްވައި ޑްރާފްޓުކޮށް އެ ބިލު ހުށަހެޅޭނެ ގޮތުގެ އިންތިޒާމު އުޝާމު ހަމަޖެއްސިއެވެ.
އުޝާމް އާއި ހޯމް މިނިސްޓަރ އިހްސާން ކުރަމުންދިޔަ އެ މަސައްކަތުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ޖޭއެސްސީއަށް މާކުރިން ހުށަހެޅުނު މައްސަލަތަކާއި ފަނޑިޔާރުންނާ ގުޅޭ އެކިއެކި މައްސަލަތަކުގެ މައުލޫމާތު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި މުވައްޒަފުންގެ އަތުން ހޯދައި، ސުޕްރީމް ކޯޓުގެ މީޓިންގ ރޫމްތަކާއި ފަނޑިޔާރުންގެ ކޮޓަރިތައް ފުލުހުން ލައްވައި ކުރިއެވެ. ކޮންެމެ ފަނޑިޔާރަކާއި ބެހޭގޮތުން ބަލާނެ އެއް މައްސަލަ ހޯދިއެވެ. އެއްކުރި މައުލޫމާތުގެ އަލީގައި ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުންނާއި ގުޅޭ މައްސަލައެއް ހިލުވާލާ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސްއާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންގެ އެއްބާރުލުމާއެކު އެ ގާޒީންނަށް ބިރު ދައްކައިގެން ބަޔާންތަކެއް ހޯދިއެވެ.
ސަސްޕެންޑް ކުރުން
މައްސަލަ ކޯޓަށް ހުށަހެޅި އަލީ ހުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ގަވާއިދު އޮންނަ ގޮތުން އެ އަމުރުތަކާމެދު 48 ގަޑިއިރުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަން ޖެހުނެވެ. އެއަމުރުތަކާމެދު ގޮތެއް ނިންމުމަށް 25 ފެބްރުއަރީ 2025 ދުވަހުގެ ރޭ 9 ޖަހާއިރަށް އުއްތަމަ ފަނޑިޔާރު ޖަލްސާއަކަށް ގޮވާލިއެވެ. އެޖަލްސާގައި އަމުރެއް ނެރުމާމެދު ފަނޑިޔާރުންގެ މެދުގައި ހިލާފު އުފެދި ފަނޑިޔާރުން ދެބަޔަކަށް ބެހުނެވެ. އެއްބަސްވެވުނީ އަނެއް ދުވަހު ހެނދުނު 11 ޖަހާއިރު އަޑުއެހުމެއް ބޭއްވުމަށްފަހު އަމުރާމެދު ގޮތެއް ނިންމުމަށެވެ. އަމުރު ނެރުމާމެދު ފަނޑިޔާރުންގެ ވިސްނުން ހުރި ގޮތް އެހިސާބުން އެނގިގެން ދިޔައެވެ.
ފަނޑިޔާރުން ގެ ވިސްނުނުން ހުރި ގޮތާއި ނިންމި ގޮތް އެއިގެ ތެރެއިން ދެ ފަނޑިޔާރުން ލަސްނުކޮށް އުޝާމްއަށް ވަގުތުން އަންގިއެވެ. އުޝާމް އާއި ހޯމް މިނިސްޓަރު އިހްސާެން އެޓާރނީ ޖެނެރަލްގެ އޮފީހުގައި ބައްދަލުކޮށް ސުޕްރީމް ކޯޓުން އަމުރު ނެރުން ހުއްޓުވޭނެ ގޮތެއް ރޭވިއެވެ. ޖޭއެސްސީގެ ގާނޫނު ދިރާސާކޮށް، އަމުރު ނެރުމާމެދު ވަކިގޮތަކަށް ހިޔާލުހުރި ފަނޑިޔާރުން ސަސްޕެންޑްކުރުވޭނެ ގޮތެއް ހޯދައި، އެގޮތް އިންތިޒާމް ކުރުމަށް އޭސީސީގެ ރައީސްއާއި ޖެއެސްސީގެ ރައީސް އަށް މިދެ މީހުންވެގެން އިރުޝާދު ދިނުމަށްފަހު، އުޝާމް އާއި އިހްސާން އެ ފަނޑިޔާރުންނާބެހޭ ގޮތުން ތައްޔާރުކުރި ޝަކުވާތައް ހަމަ އެރޭ ދަންވަރު 01:30 އޭސީސީއަށް ފޮނުވިއެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނު ހެނދުނާ އޮފީސްތައް ނުހުޅުވެނީސް އޭސީސީގެ ރައީސް އާއި ޖޭއެސްސީގެ ރައީސް އޮފީހަށް ގޮސް އެދުވަހު ގެ 11 ޖެހުމުގެ ކުރިން ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމު ހަމަޖެއްސިއެވެ. ކުރި އިންތިޒާމް ތަކަށްފަހު، ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ލިޔުންތައް އެ ފަނޑިޔާރުންނަށް ފޮނުވުނީ ޝަރިއަތް ފެށުމަށް 10 މިނިޓަށް ވެފައި ވަނިކޮށެވެ. 11 ޖަހެންވާއިރަށް ފަނޑިޔާރުން ސަސްޕެންޑު ނުކުރެވިދާނެތީ ޝަރިއަތް ލަސްކުރުމަށް ކުރެވެން ހުރި ކަންކަން އިންތިޒާމުކުރުމަށް ވެސް އުޝާމް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް އެނގިއެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ހިނގައިދިޔައީ މިގޮތަށެވެ. އަދި އަދަށް ސަސްޕެންޑްކުރި ފަނޑޔާރުންނަށް ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލައެއް ނުހިންގައެވެ. ނުވެސް ހިންގާނެއެވެ. މުއިއްޒު ބޭނުންވީ ގޮތަށް ސްޕްރީމް ކޯޓްގެ ބެންޗާ ކުޅެލެވުމުން ބެންޗުން މީހުން މަދުކުރަން ކުރި މަސައްކަތްވެސް ހުއްޓަލީއެވެ. މިހާރު އޮތް މުއިއްޒުގެ ގޮނޑިކޮއްކޮ ބެންޗުން މާދަމާ ނެރޭ ހުކުމް ވެގެންދާނީ ގޮނޑިގެއްލޭ އިސްލާހު ފުށުން ނުޖެހޭ ހުކުމަކަށް ކަމަށް ބެލެވެއެވެ.


