އިންތިއަށް: ބޮޑު މުސާރަކަމުން ރަށްފުށުމީހާގެ ވަޒީފާގެ ވާހަކަނުދައްކާ
ހެވެއް އެދޭ ސަރުކާރަކުން ރަށްފުށު މީހާ ވަޒީފާއިން ވަކިކޮށް ބިކަނުކުރާނެ
އިމްތިޔާޒް ފަހުމީމެން މީގެ ފަސް އަހަރު ކުރިން ހޭނުބަހައްޓާ ދެއްކި އެއްވާހަކައެއް އޮވެއެވެ. ޕޯޑިއަމެއް ކައިރިއަށް ހުއްޓެވުނަސް އެވާހަކަ ދައްކައެވެ. މަޖިލީހުގެ ކޮމެޓީއެއް ޓިވީއަކުން ލައިވް ކުރަންޏާ މައުލޫއާ ނުގުޅުނަސް އެވާހަކަ ދައްކައެވެ. މަޖިލީހުގެ ތެޅުމުގައި އިންދާ ފޫކޮޅު ހިރުވައިގަނެގެން ތެދުވެވުނަސް ދައްކާނީ އެވާހަކައެވެ. ޓީވީ ޝޯއަކުން ހަނި ފުރުސަތެއް ލިބުނަސް އެވާހަކަ ދައްކައެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުނަށް ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތް ސަރުކާރުތަކުން ހަދާދީފައި ނެތް ވާހަކައަކީ އިންތިމެންގެ އެ ދުވަހުގެ ތަސްބީހައެވެ. ރައީސް ސޯލިހަށް ވެރިކަން ލިބި ވަޑައިގަތުމުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތް ހޯއްދަވާ ދެއްވުމެވެ. ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދީގެން އާމްދަނީ ހޯދޭނެ ފުރުސަތު ފަހިކޮށް ދެއްވުމަކީ ދުރުރާސްތާ އަމާޒެވެ. ރަށްރަށުން ސާފު ބޯފެންލިބި ފެންވަރުހުރި ކަރަންޓްގެ ހިދުމަތް ލިބި ލަފާފުރުން ފަސޭހަވެގެން ދިއުމުން ކޮންމެ ރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރުމަށް ފަހި މާހައުލަކަށް ހެއްދެވުމުގެ މަސައްކަތް ފައްޓަވާ ބޮޑު ކާމިޔާބީއެއް ކުރުމުއްދަތެއްގައި ވަނީ ހާސިލުކުރެވިފައެވެ.
އަސާސީ ހިދުމަތްތައް ފުރިހަމަ ކުރެވިގެން ފުޅާ ދާއިރާއެއްގައި އިގްތިސާދީ މަސައްކަތްފެށި ރައްޔިތުންނަށް އަމްދަނީ ލިބެން ފެށެންދެން ވެސް ރަށުމީހާއަށް ރަށުގައި ހަމަޖެހިގެން އުޅެލެވޭވަރު ކޮށްދިނުމަކީ ދައުލަތެއް އޮތުމުގެ ބޭނުމެވެ. އެހެންކަމުން އުފެއްދެން އޮތް އެންމެ ގިނަ އަދަދަކަށް ރަށްރަށުގައި ވަޒީފާ އުފައްދާދީ މަހު މުސާރަ ގިނަބަޔަކަށް ލިބޭނެ ގޮތް ހަދާދިނުމަކީ ގޯހަކަށް ހަދައިގެން ވާހަކަ ދައްކަން އިންތިމެން ލަދު ނުގަންނަ ކަމެވެ.
ޒަމާނީ ފެންވަރަށް ރަށްރަށުގެ އިންޖީނުގެތައް ބިނާކޮށް އެތަންތަނަށް ބޭނުންވާ ފަންނީ މީހުންނާއި އެހެނިހެން މުއައްޒަފުން ހޯދާ ހިދުމަތް ދޭން ފެށުމަކީ ކުރިން ދެމީހަކު ލައިގެން ނަމަކަށް ކުރިކަމެއްހެން ކުރެވޭނެ ކަމެއް ނޫނެވެ. އަމްދު ފެނަކައާއި ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ތަންތަނެއް ނޫނެވެ. ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަކީވެސް އެކުންފުނިތަކުގެ މަސްއޫލިއްޔަތެވެ. ފެނާ ކަރަންޓާ ނަރުދަމާ ހިދުމަތް ހިންގާ ބެލެހެއްޓުމަކީ ދެތިން ހަތަރު މީހަކަށް ކުރެވޭވަރަށް ވުރެ ބުރަ އުނދަގޫ ކަމެކެވެ. އެއިން ކޮންމެ ހިދުމަތެއް ދިނުމަށް ކޮންމެ ރަށެއްގައިވެސް އެތައް ބަޔަކު 24 ގަޑިއިރު މަސައްކަތުގައި ދެމިތިބެންޖެހެއެވެ. އެހެން ކަމުން ގިނަ އަދަދަކަށް ކޮންމެ ރަށަކަށްވެސް މުއައްޒަފުން ބޭނުންވެއެވެ.
އަމްދުން ބައެއް ރަށްރަށުގައި ހިދުމަތް ގާއިމު ކުރުމަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންޓްރެކްޓަށް ދީގެން ކުރުވުމުގެ ބަދަލުގައި ކޮންޓްރެކްޓަށް މުއައްޒަފުން ނަގައިގެން އެމީހުން ލައްވާ އެމަސައްކަތް ކުރުވުމަކީ ބޮޑުތަނުން ހަރަދު ކުޑަވެ އެރަށެއްގެ ގިނަ ބަޔަކަށް ރަށުގައި ތިބެގެން އާމްދަނީ ލިބުމަށް ފަހިވި ފަހި ފުރުސަތެކެވެ.
އެއްފަހަރާ މުޅި ރާއްޖޭގައި ކަރަންޓް އަޕްގްރޭޑްކޮށް ފެނާ ނަރުދަމާ އަޅާ ހެދުމަކީ ހަރަދުބޮޑު ކަމެކެވެ. ދަރަނިވެރި ވެގެންވެސް އެހުރިހާ ހިދުމަތެއް ހުރިހާ ރަށެއްގައި ގާއިމު ކުރެވުމަކީ ކުރިމަގުގެ ހަރަދުތައް ކުޑަވެ ފައިދާ ގުނަވެ ދަރަނި އަދާކުރުމަށް އެޅުނު އިގްތިސާދީ ބިންގަލެވެ. ރަށްރަށުގެ ގިނަ ބަޔަކަށް ރަށުގައި ތިބެ ވަޒީފާއަދާކޮށްގެން އުފާވެރި ދިރިއުޅުމެއް އައިލާތަކަށް ލިބި އިޖުތިމާއީ އެތައް މައްސަލައަކުން ރައްޔިތުން އަރައިގަންނާނެ ކަމެކެވެ. ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާއެއް ނެތޭ ގޮވިމީހުންގެ އަނގަ ބަންދު ވެގެން ދިޔަކަމެކެވެ.
ރަށްރަށުގައި ތިބެ ޢާމްދަނީ ލިބޭގޮތް ގިނަ ބަޔަކަށް ވުމުން މަސްދޯނި ފަހަރު ހުއްޓެނީއޭ ހަރަދު ބޮޑުވަނިއްޔޭ ދަރަނިއްޔޭ ކިޔާ އަނގަ ދިޔާކުރަނީ ދައުލަތުން ބޮޑުމުސާރަ ނަގައިގެން ތިބެ ގަނޫނީ ޒިންމާ އަދާނުކޮށް ސިޔާސީ ހަސަދަވެރި ކަމުގައެވެ. ރަށްރަށުގެ ރައްޔިތުންނަށް ހެވެއް އެދޭ އެކަކުވެސް ރަށްރަށުގައި ތިބި މުއައްޒަފުން ވަކިކޮށް މަދުކޮށް ހަދާކަށް ވާހަކައެއް ނުދައްކާނެއެވެ. ރައްޔިތުންނަށް ހެވެއް އެދޭ ސަރުކާރަކުން ވެސް ރަށްފުށު މީހާ ވަޒީފާއިން ވަކިކޮށް ބިކަކުރާކަށް ނޫޅޭނެއެވެ. ބޮޑު މުސާރަކަމުން ރަށްފުށުމީހާގެ ވަޒީފާގެ ވާހަކަ އިންތިމެން ނުދައްކާށެވެ.