ރާއްޖެއަކީ ދަމާނެ ކޮޅަކުން ހަންދަމަން އޮތް މުއިއްޒުގެ ރޮނޑެއް!

ރާއްޖެއަކީ ދަމާނެ ކޮޅަކުން ހަންދަމަން އޮތް މުއިއްޒުގެ ރޮނޑެއް!
ހިޔާލީ އުފެއްދުމެއް

ރައީސް މުއިއްޒަށް ހެދޭނުހެދޭ އެނގޭބާވައެވެ. ސަރުކާރު ހިންގުން އަގަޑަ ބަގަޑަވެ ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ. މިހާވަރުން ދަންޏާ ބަލިވެގެން ޑޮކްޓރަށް ދައްކަން ވެމްކޯއަށް ދާން ނުޖެހި ސަލާމަތްވާނެ ބާވައެވެ. އެމްއޭސީއެލުން ބިންހިއްކަމުން އާރުޑީސީން އެއަރޕޯޓް އަޅާދެމުން ބޮޑު މާލޫދު ކިޔާ ހިސާބަށް ސަރުކާރެއްގެ ކަންކަން ބޮއްސުންލާ ތަރުތީބު ގެއްލުނީމާ ރާއްޖޭން ގައުމެއްގެ ސިފަ ގެއްލިއްޖެއެވެ. 

ރާއްޖެއަކީ ވަށަފަރު އަބްދުއްރަހުމާނު ހާޖީ އާއި ހިންނަވަރު ޖަނާބު މުހައްމަދު އާއިލީ އެއްމެދު މުދާ ގަނޑަކަށް ހަދައިފިއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ނޫނީ އެހެން މާއްދާއެއް ގާނޫނު އަސާސީގައިވެސް އޮތްހެނެއް ހިޔެއްނުވެއެވެ. ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މުއިއްޒު އެހެރަ ދަނީ ކުރަމުންނެވެ. 

އޭސީސީ އާއި ޕޮލިހުގައި ތިބީ އިވުނަސް ބީރު ފެނުނަސް ކަނު ވާހަކަ ދެއްކުނަސް މަންމަން ބައެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތައް ނޭވާ ހޮޅިއަށް އެޅެމުން ދާއިރު ފުލުފުލުގައި އައު ކުންފުނިތައް އުފައްދަމުން އެދަނީ ފަތުއަޑު ކިޔާފައެވެ. އެސްޓީއޯއިން ބޭސް ވިއްކުން ކަމުނުގޮސްގެން ބޭސް ކުންފުންޏެއް ހަދައިފިއެވެ، އެމްއޭސީއެލްގެ ދަރިކުންފުނި ދެކުންފުނީ ހަދައިފިއެވެ. 

އަނެއްކޮޅުން އާއްމު ރައްޔުތުން ކުރާ އާއްމު ވިޔަފާރީގެ ތެރެއަށް ވަދެ ސަރުކާރުން ވިޔަފާރި ކުރަން ފެށީއެވެ. އައިނު ކުންފުންނާޢި ލޮޖިސްޓިކް ކުންފުންޏާއި ގައުއަޅާ ކުންފުނި ވުޖޫދުކޮށްފިއެވެ. އިގުތިސޯދީގޮތުން ދަތިވެ ދަރަނި ބޮޑުވީ ވަރަކަށް ދުނީޔޭގެ އެހެން މީހުން ވީހާވެސް ބޮޑަށް ކުންފުނިތައް އެއްކޮށް ހިންގުމުގެ ހަރަދު ކުޑަކޮށް މުސާރަ ދޭމީހުން ކުރަނީ މަދެވެ. ރައީސް މުއިއްޒު ކަންކުރަނީ ދިމާ އިދިކޮޅަށެވެ. ދަމާނެ ކޮޅަކުން ހަންދަމަން ރާއްޖެއަކީ މުއިއްޒުގެ އަމިއްލަ ރޮނޑަކީތާއެވެ.

ޑރ. ޝަމްހީދު ވިދާޅުވަނީ އާއްމު ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކަށް މިވަނީ އެފަދަ ވިޔަފާރިތަށް ފުނޑާލުން ކަމަށެވެ. ތެދެކެވެ. މިކަހަލަ ގަދީމީ ބޯދާ ވިސްނުމާއި ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނަން އެބަޖެހެއެވެ. 

ޑރ. ޝަމްހީދު ވިދާޅުވާހެން ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނެވެ. އެހެން އެކަން އޮތްއިރު އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން މަޖުބޫރުވާނެއެވެ. ސަރުކާރުން ރިސޯޓް ހިންގިޔަސް ރައްޔިތުންނަށް 400 ޑޮލަރު ލިބުމުގެ ބަދަލުގައި، އެވިޔާފަރިތަކަށް ލިބޭ ގެއްލުން ފޫބެދުމަށްވެސް ރައްޔިތެއްގެ ބޮލަކަށް 400 ހޭދަކުރަން ޖެހުމަކީ މާ ގާތްކަމެއް ކަމަށް ޝަމްހީދުމެން ވިދާޅުވަނީ މުއިއްޒުގެ ސިޔާސަތުގެ ދޯހަޅިކަމުންނެވެ.