ބަޖެޓު ބަޔާނަކުން ގައުމެއް މުއްސަންޖެއް ނުވާނެ

ފައިސާ ނެތް ވައުދެއް ދައުލަތުގެ މުއްސަނދިކަމަކަށް ބަދަލެއް ނުވާނެ

ބަޖެޓު ބަޔާނަކުން ގައުމެއް މުއްސަންޖެއް ނުވާނެ

އޮޑިޓަރ ޖެނެރަލްގެ ނަސޭހަތް، މަޖިލީހުގެ އަޑުއެހުން - ނަމަވެސް މި ޚުޠުބާގެ އަމާޒަކީ ކޮބާ؟

ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވާ ރައުޔު، ދުވަހެއް ދުވަހަކަށް ހުކުރު ހުތުބާއަކާ ދަނީ އެއްގޮތްވަމުންނެވެ. ހުތުބާ އަޑުއަހަން ތިބޭ މީހުން ވެސް ހުތުބާގައިވާ އިންޒާރުތަކަކީ އެމީހުންނާ ގުޅުންހުރި ކަންކަންކަން ހިތުގެ އަޑިން ގަބޫލުކުރެއެވެ. ހުތުބާ އަޑުއަހަން ތިބުމަކީ އިސްލާހުވެފައިވާ ބައެއްގެ ގޮތުގައި ދައްކާލެވޭ ދައްކާލުމަކަށް އޮންނަނީ ވެފައެވެ. އެހެނެއް ކަމަކު އަޑުއަހަން ތިބޭ މަޑުމޮޅިކަމާ ގާތަށްވެސް އަމަލު އިސްލާހުވާތަނެއް ނުފެނެއެވެ. 

ހަރަދުތައް އިންތިހާއަށް އިތުރުވުމާއި، ދަރަނި ބޮޑުވުމާއި، ނުދައްކާ ހުރި ބިލްތަކާއި، ދެމެހެއްޓެނިވި ނޫން ވައުދުތަކާއި އަދި މާލީ ކޮންޓްރޯލް ނެތްކަމުގެ އިންޒާރު އޮޑިޓަރ ޖެނެރަލް ވެސް އަހަރުން އަހަރަށް ދެއްވަމުން ގެންދަވައެވެ. ސަރުކާރުގެ އިސްވެރިން މި ނުރައްކާތައް ގަބޫލުކުރައްވައެވެ. މަޖިލިސް މެންބަރުން އެ އަޑުއައްސަވައެވެ. ނަމަވެސް ޖެހިގެން އަންނަ އަހަރުގެ ބަޖެޓު އަންނަނީވެސް ހަމަ އެ މައްސަލަތަކާ އެކުގައެވެ.

ދައްކާ ވާހަކަތަކުގެ ބަދަލުގައި، ހިސާބުތަކަށް ބަލައިލުމުން މާ ބޮޑަށް މިދެކެވޭ ވާހަކަ ސާފުވާނެއެވެ. އަޅާ ކިޔާލަން ފަސޭހަވާނެއެވެ. 

2026 ވަނަ އަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާއެވެ. 2027 އަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން 4.5 ބިލިއަން ރުފިޔާ ކުޑަވެއްޖެ ކަމަށް ރައްޔިތުންގެ ގާތުގައި ބުނެއެވެ. މިއީ އަޑުއަހަން ވަރަށް އުންމީދީ ވާހަކައެކެވެ.

ނަމަވެސް، ހަގީގީ ހަރަދުތަކަށް ބަލާއިރު، އެ އަދަދު ވަނީ 49.33 ބިލިއަނުން 52.60 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ބަޖެޓުގެ ޑެފިސިޓް ނުވަތަ އުނި އިތުރު 7.58 ބިލިއަނުން 9.44 ބިލިއަނަށް ވަނީ ބޮޑުވެފައެވެ.

އިންޓްރެސްޓާއި ފައިނޭންސިންގ ހަރަދުތައް 4.51 ބިލިއަނުން 4.99 ބިލިއަނަށް އިތުރުވެފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދު 13.93 ބިލިއަނުން 14.42 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

އަނެއްކޮޅުން، ލޯނުގެ އަސްލު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ އަދަދު 11.75 ބިލިއަނުން 4.46 ބިލިއަނަށް ވަނީ ދަށްވެފައެވެ. ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވެފައިވާ ކަމަށް ފެންނަ މައިގަނޑު ސަބަބަކީ މިއީއެވެ. އެކަމަކު ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވުމަކީ މާލީ ބުރަ ކުޑަވުމެއް ނޫނެވެ.

ސަރުކާރުން ނުދައްކާ ހުރި ބިލްތަކުގެ އަދަދު 7.5 ބިލިއަން ރުފިޔާއަށް އަރާއިރު، ދައުލަތަށް ލިބެންޖެހޭ ޓެކްސްގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ނުލިނި އެބައޮތެވެ. އަނެއްކޮޅުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޑިވިޑެންޑްގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ނުލިބި ހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ދައްކައެވެ.

ފަހުން ބުނެވިދިޔަ ހުރިހާ އަދަދުތަކަކީ ދައުލަތުގެ ދަރަނި ކަމަށް ބަލައި އެއްކޮށްލެވޭކަށް ނެތެވެ. މީގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ފައިސާއާއި ދައުލަތުން ދައްކަންޖެހޭ ފައިސާ ހިމެނެއެވެ. އެހެން ކަމުން މި ހިސާބުތަކުން ހާމަވަނީ ފައިސާ މެނޭޖްކުރުމާއި، އާމްދަނީ ހޯދުމާއި އަދި މާލީ ޒިންމާދާރުކަން ކުޑަވެފައިވާ މިންވަރެވެ.

ސިޔާސީ މައިދާނުން އިވެނީ ކޮން އަޑުތަކެއް

ސަރުކާރު ހިންގާ ސިޔާސީންގެ ފުށުން އިވެނީ ރަން ވަޅުތަކާއި، ޒައިތޫނި ގަސްތަކާއި، އޮރެންޖު ބަގީޗާތަކާއި، ޖީލުތަކަށް ދެމިގެންދާނެ ތަނަވަސްކަމުގެ ވާހަކައެވެ. ދުރު ގައުމުތަކުން އަންނަ އިންވެސްޓްމަންޓްތަކުން ގައުމަށް ފާގަތިކަން ލިބޭނެ ކަމުގެ ވައުދުތަކެވެ. އަދި ހާރިޖީ ގުޅުންތަކުގެ ކާމިޔާބީއަކީ ގައުމު ރައްކާތެރިކޮށްދޭ "ރަން އައްޑަނައެއް" ގެ ގޮތުގައި އެ މީހުން ސިފަކުރެވެއެވެ.

ނަމަވެސް، އެބުނާ ރަންވަޅުތައް އާމްދަނީއަށް ނުވާހާ ހިނދަކު، އޭގެއިން ސަރުކާރުގެ ބިލްތަކެއް ނުދެއްކޭނެއެވެ. އިންދާ ޒައިތޫނި ގަހަކުން ބޭރުގެ ލޯނެއް އަދައެއް ނުކުރެވޭނެއެވެ. ހިޔާލީ އޮރެންޖު ދަނޑުތަކުން ބޭރު ފައިސާގެ ރިޒާވް ވަރުގަދައެއް ނުކުރެވޭނެއެވެ.

ބޭރުގެ އިންވެސްޓަރެއްގެ އިއުލާނަކީ ސަރުކާރުގެ އާމްދަނީއެއް ނޫނެވެ. ހާރިޖީ އެއްބަސްވުމަކީ ހިލޭ އެހީއެއް ނޫނެވެ. ބޭރުގެ ލޯނަކީ ހިލޭ ލިބޭ ފައިސާއެއް ނޫނެވެ. އަދި ސޮވެރިން ގެރެންޓީއަކީ ލޯނު އަނބުރާ ދެއްކުމުން ސަލާމަތްވުމަށް އޮތް ރައްކާތެރިކަމެއް ނޫނެވެ.

މީގެ ކުރިން ލިބޭނެ ކަމަށް އުންމީދުކުރި ފައިސާ ނުލިބުނު ނަމަވެސް، 2027 ގެ ބަޖެޓުގައި ބޭރުގެ އެހީއާއި ބޮންޑު ނުވަތަ ސުކޫކް މެދުވެރިކޮށް ގާތްގަނޑަކަށް 298 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޑޮލަރު ނުލިބޭ ނަމަ، އެ ބުނާ "ރަން އައްޑަނަ" ކޮބައިތޯއެވެ؟

ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް

2027 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމުގެ ކުރިން މަޖިލީހުން އަންނަނިވި ސުވާލުތަކުގެ ޖަވާބު ހޯދަންޖެހެއެވެ:

  1. އާމްދަނީ އިތުރުވާ މިންވަރަށްވުރެ ހަލުވިކޮށް ހަރަދުތައް އިތުރުވަނީ ކީއްވެގެންތޯ؟
  2. މީގެ ކުރީގެ ބަޖެޓުތަކުގައި ވީ ވައުދުތަކަށް ވީ ކިހިނެއްތޯ؟
  3. ނުދައްކާ ހުރި 7.5 ބިލިއަން ރުފިޔާގެ ބިލްތައް ދައްކާނީ ކިހިނެއްތޯ،
  4. ނުދައްކާހުރި ހުރިހާ ފައިސާ ދައްކާނެ ތާވަލަކީ ކޮބައިތޯ؟
  5. ބޭރުގެ ފައިސާގެ ތެރެއިން ޔަގީންވެފައިވާ ހިލޭ އެހީ އާއި ލޯނަކީ ކޮބައިތޯ،
  6. ޔަގީންކަން ނެތް ނަމަވެސް ލިބޭނެ ކަމަށް އުންމީދުކުރާ ފައިސާއަކީ ކޮބައިތޯ؟
  7. ވައުދުވެފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން ސީދާ ދައުލަތުގެ ހަޒާނާއަށް ވަންނާނީ ކިހާ މިންވަރެއްތޯ؟
  8. ސަރުކާރުގެ ގެރެންޓީތަކާއި، ކުންފުނިތަކާއި އަދި ހާމަނުކޮށް ހުރި އެއްބަސްވުންތަކުގެ ސަބަބުން ދައުލަތަށް އޮތް މާލީ ބުރައަކީ ކޮބައިތޯ؟
  9. ލަފާކުރާ ބޭރުގެ ފައިނޭންސިންގ ނުލިބިއްޖެ ނަމަ، ކަނޑާލާނީ ނުވަތަ މަޑުޖައްސާލާނީ ކޮން މަޝްރޫއުތަކެއް ނުވަތަ ކޮން ހިދުމަތްތަކެއްތޯ؟

ހަމައެކަނި އިންޒާރު ތަކުރާރުކުރައްވައިގެން އޮޑިޓަރ ޖެނެރަލަކަށް ދައުލަތުގެ މާލީ ހާލަތު އިސްލާހެއް ނުކުރެއްވޭނެއެވެ. ހަމައެކަނި އިހުތިރާމާއެކު އަޑުއަހައިގެން މަޖިލީހުގެ ޒިންމާއެއް އަދައެއް ނުކުރެވޭނެއެވެ. 

މެންބަރުން ބަޖެޓު ފާސްކުރުމަކުން، ފައިސާ ނެތް ވައުދެއް ދައުލަތުގެ މުއްސަނދިކަމަކަށް ބަދަލެއް ނުވާނެއެވެ.

ރައްޔިތުން ސުވާލުކުރަންވީ މިހެންނެވެ: ރަނާއި، މޭވާ ގަސްތަކާއި އަދި ބޭރުގެ ތަނަވަސްކަމުގެ ވައުދުތަކަކީ ހަގީގަތުގައިވެސް ދައުލަތުގެ ހަޒާނާއަށް އާމްދަނީ ވަންނާނެ ކަންކަންތޯ، ނުވަތަ މިއީ އިތުރު އަހަރަކު ދަރަނި ނެގުމަށް ދައްކާ ރީތި ވާހަކަތަކެއްތޯއެވެ؟

ސަރުކާރުން ވައުދުވަނީ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ރާއްޖެއެއް ފެންނާނެ ކަމަށެވެ. ނަމަވެސް ބިލްތައް މިހާރުވެސް ދަނީ އަންނަމުންނެވެ. އިންޓްރެސްޓް ދަނީ އަރަމުންނެވެ. މީގެ ހުރިހާ ޒިންމާ މިއަދުވެސް އުފުލަންޖެހެނީ ޓެކްސް ދައްކާ ރައްޔިތުންނަށެވެ.

ހުތުބާ އަޑުއަހާ ކޮންމެ މީހަކީ ސާލިޙު މީހަކަށް ނުވާ ފަދައިން، ބަޖެޓު ބަޔާނަކުން ގައުމެއް މުއްސަންޖެއް ނުވާނެއެވެ. އެކަން ކުރެވޭނީ ޒިންމާދާރު ފިޔަވަޅުތަކާއި ކަށަވަރުކުރެވޭ މާލީ ނަތީޖާތަކުންނެވެ.

ނޯޓް: މި ލިޔުމަކީ ސޯޝަލް މީޑިއާގެ މަންސެއްގައި އޮތް ލިޔުމެއްގެ އަސްލު ނުގެއްލޭ ގޮތަށް ކުދިކުދި ބަދަލުތަކާއެކު ކުރެވިފައިވާ ތަރުޖަމާއެކެވެ. ކްރެޑީޓް ހައްގީ އެލިޔުން ލިޔުނު ފަރާތަށެވެ.