އަލައްބާރަށް ރަސްމާލެ ދިނުމާ ރިސޯޓް ކުއްޔަށްދިނުން އުޑާބިމާހާ ތަފާތު
އަލައްބާރުގެ ވޯޓަރ ފްރަންޓް އެންޑް މެރީނާ ގަދަކަމުންވެސް ހުއްޓުވަންޖެހޭ
ކޮންމެ ހަމައެއް އަޅުވައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ރަސްމާލެ ޑީލާއި ރިސޯޓްތައް ކުއްޔަށް ދިނުމާ އެއް ގޮތެއް ނުކުރެވޭނެއެވެ. ރިސޯޓްތަކާއި ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާ އެއްފަދަ ވާނީ ކޮންފަދައަކުން ހެއްޔެވެ. އެހެނެއް ކަމަކު ހޭޖެހޭ ބޮޑެތި މީހުން ކަމަށް ދެއްކިގެން އުޅޭ އެތައް ބަޔަކު ރަސްމާލެ ޑީލާއި ރިސޯޓްތައް ކުއްޔަށް ދިނުމާ އެއްފަދަ ކޮށްގެން ވާހަކަ އެބަ ދައްކައެވެ.
99 އަހަރަށް ކުއްޔަށް ދީފައި އޮންނަ ރިސޯޓަކީ އެތަނުގައި ބަޔަކު ވަޒަންވެރި ވެވޭތަނެއް ނޫނެވެ. ރިސޯޓަކުން އެއްވެސް ވެސް ބަޔަކަށް ޕްރަޕަޓީއެއް ނުވިއްކެއެވެ. ނުގަނެވެއެވެ. މިލްކެއް ނުކުރެވެއެވެ. ރެސިޑެންސް ވިސާއެއް ދުލެއް ނުކުރެއެވެ.
އިކުއިޒިޝަން ކޯސްޓަކާ ނުލާ ރިސޯޓެއް ކުއްޔަކަށް ނުދެއެވެ. ރާއްޖޭގެ މާލީ ނިޒާމުން އެއްވެސް ރިސޯޓަކަށް ބޭރެއް ނުވެވެއެވެ. ބިމުކުއްޔާއި ބެޑްޓެކްސް ދައުލަތަށް ދައްކަން ޖެހެއެވެ. ގްރީން ޓެކްސްއާއި ޕްރޮފިޓް ޓެކްސްއާއި ޖީއެސްޓީއަށް ދަންދެން ރިސޯޓުން ދައްކަން ޖެހެއެވެ.
ރިސޯޓް ހަދަން ދޫކުރާއެއްވެސް ތަނެއްގެ ބިން ހިއްކަނީ ސަރުކާރަކުންނޫނެވެ. ކުއްޔަށް ހިފާ ބައެކެވެ. އެހެނެކޭ ކިޔާފައި ބިން ހިއްކުމުގެ އަގު ސަރުކާރުން ދޭކަށް ނުޖެހެއެވެ. ކޮންމެ ރިސޯޓަކުންވެސް ސީއެސްއާރުގެ ގޮތުގައި ހިދުމަތެއް ނުވަތަ ހިދުމަތެއް ހިލޭ ދެއެވެ.،
ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި މެނޭޖުމަންޓް ބަދަލުވުމަކުން އައު މެނޭޖުމަންޓައް ކުލީގެ މުއްދަތު އިތުރު 99 އަހަރަށް ދެމިގެނެއް ވެސް ނުދެއެވެ. ހުރިހާ ވަގުތެއްގައި ރިސޯޓްތަކުގެ މައްޗަށް ރާއްޖޭގެ ގާނޫނު ހިނގައެވެ.
އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރ ބިން ދިނުމުގައި ކަން އޮތީ އެހެނެއް ނޫނެވެ. ރަސްމާލޭގެ ބިން ހިއްކީ ސަރުކާރުންނެވެ. ބިމު ކުއްޔެއް ސަރުކާރަކަށް ނުލިބެއެވެ. 99 އަހަރަށް އީގަލް ހިލްސަށް ދޫކުރާ ބިމުގައި އިމާރާތްކޮށް އެތަނުން ޕްރަޕަޓީ ވިއްކުމުގެ އިހުތިޔާރު އީގަލް ހިލްސަށް އޮވެއެވެ. ވިއްކާ ޕްރަޕަޓީއެއްގެ އަގުން ސަރުކާރަށް ލިބެނީ އެންމެ ދިހަ ޕަސެންޓެވެ. ޕްރަޕަޓީ ގަންނަ ފަރާތަށް ވެސް ފުރިހަމަ 99 އަހަރު ލިބެއެވެ.
ރަސްމާލޭގައި ހިނގާ އެއްވެސް ވިޔަފާރިއަކުން ޓެކްސެއް ސަރުކާރަކަށް ނުލިބެއެވެ. ރިސޯޓްތަކާ ހިލާފަށް ޕްރަޕަޓީ ގަނެގެން މީހުން ދިރިއުޅޭނެއެވެ. ބޭރު މީހުންނަށް ސެކަންޑް ހޯމްގެ ގޮތުގައި ވަޒަންވެރިވެއެވެ. ބޭރުން ވަޒަންވެރިވާ މީހުނަށް ރާއްޖޭން ގޯލްޑަން ވިސާ ލިބެއެވެ.
ރަސްމާލޭން ބައެއް އީގަލް ހިލްސަށް ދޫކޮށްލަނީ 12 ވަރަކަށް މިލިޔަން ޑޮލަރުގެ އިންވެސްޓް މަންތަކަށެވެ. އޭގެ މުގާބިލުގައި ކޮށްދޭހާވެސް ކަމަކީ ސަރުކާރަށް ދައްކަންޖެހޭ ފައިސާއިން އަގުކަނޑާ ހަމަކުރާގޮތަށް ހުޅުމާލޭގައި 5000 ފްލެޓް އަޅާދިނުމެވެ. ރަސްމާލޭން ބޮޑުބައެއް ހިލޭ ދޫކޮށްލުމުން ޒަމާން ގަނދަކުން ދައުލަތަށް ތިރީހަކަށް މިލިޔަން ޑޮލަރ ލިބޭނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެވަރުގެ ބޮޑު މިލްކިއްޔާތެއް ހުސްނުވާ 99 އަހަރަށް އީގަލް ހިލްސްއަށް ދީގެން ދިވެހި ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އެންމެ ބޮޑު ބިރުވެރިކަމަކީ ރައްޔިތުންނަށް އެކަށީގެންވާ މާލީ މަންފާއެއް ނުވާތާ ބޭރު މީހުން ވަޒަންވެރިކޮށްގެން ރާއްޖޭގައި އޮތް ސައްތައިންސައްތަ އިސްލާމް ވަންތަކަން ނެތި ދިޔުމުގެ ބިރެވެ. ރަސްމާލެއަށް ހާއްސަކޮށްގެން ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ޖެހުނުކަމީ ރާއްޖޭގެ ގާނޫނީ ނިޒާމަށް ރަސްމާލެ ނުފެދޭ ކަމުގެ ހެއްކެވެ.
އެހެން ކަމުން ރިސޯޓްތަކާއި ރަސްމާލެ ޑީލާ އުޑާ ބިމާހާ ތަފާތުކަން ވަރަށްވެސް ސާފެވެ. ބޭރު މީހުނަށް ޕްރަޕަޓީ ވިއްކުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރަން އުޅޭ " މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" އަކީ ގަދަކަމުންވެސް ހުއްޓުވަންޖެހޭ ކަމެކެވެ.




