މުއިއްޒު ވުޒާރާ މަދުކުރީ ގޮތް ހުސްވެ ސަލާމަތްވާން ނެތިގެން

މުއިއްޒު ވުޒާރާ މަދުކުރީ ގޮތް ހުސްވެ ސަލާމަތްވާން ނެތިގެން

ރައީސް މުއިއްޒު ކުރީން ސަރުކާރު ހިންގީ ރައްޔިތުންގެ ފަޅީގައި ހުރެގެންކަމަށް ބުނަމުން ދިޔައެވެ. މުއިއްޒު ސަރުކާރު ހިންގީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް ބުންޏަސް އާހިރުގައި ހުރެވުނީ ރައްޔިތުންގެ ފަޅީގައި ނޫންކަން ރައްޔިތުން ނޫނެކޭ ބުނުމުން އެނގުނީވެސް ކަންނޭގެއެވެ. އެކަމަކު ރައްޔިތުން ނޫނެކޭ ބުނުމުން ގޯސްތަކެއް ހެދިއްޖެކަމަށް މުއިއްޒު އަމިއްލައަށް ގަބޫލުކުރި ކަމަށް ބުނަން ތަންކޮޅެއް އަވަހެވެ.

ކެބިނެޓް ކުޑަކޮށްލާ ސިޔާސީ މީހުންތަކެއް ދޫކޮށްލާ ވާހަކަ ދެއްކިޔަސް މުއިއްޒުގެ ކިބައިން އިހުލާސްތެރިކަމެއް ނުފެނެއެވެ. ލިބޭ އާމްދަނީއާއި ނުބައްދަލު މިންވަރަށް ހަރަދުބޮޑުވެ އޮބި ނޯތިމާ ވުޒާރާތައް މަދުކޮށް ބަޔަކު ވަޒީފާއިން ވަކި ކުރާކުރުމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރާކަމެކޭ ބުނެވިދާނެ ހެއްޔެވެ.

ކުދިކުދިކޮށް ފޮތޮފޮތި ކޮށްގެން 20 ވުޒާރާ ހަދައިގެން ފެންވަރު ހުރި ހިދުމަތެއް ނުދެވުނު ބަޔަކަށް ޒިންމާތައް ގުޅަކޮށް ބޮޑުކޮށް 10 އަށް އަދަދު ކުޑަކޮށްގެން ޒިންމާ ބޮޑުކުރުމުން ކުރިން ވީވަރުވެސް ނުވާނެއެވެ. އަދިވެސް ދަނޑިމަތި އަނބުރަން ތިބީ ކުރިންވެސް ދަނޑިމަތި އެނބުރި މީހުންނެވެ. އެބައެއްގެ ކިބައި މުއިއްޒަށް ސަލާމަތް ނުވެވިގެންއުޅޭ ގިނަ މީހުން އަދިވެސްތިބީ ދައުލަތް ދަމާވީދާ ކެވެން އޮތް ގޮތެއް ބަލައިގެން ކާލަކާލައެވެ.

ބަދަލުގެ ހަގީގަތަކީ ރައްޔިތުންގެ ވިންދެއް ނޫނެވެ. ކޮރަޕްޝަނާއި އިސްރާފާއި ހެދި ހިފަހައްޓާ ނުލެވޭ ވަރަށް ހާލަތު ދަށްވީއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ރައްޔިތުން ނޫނެކޭ ބުނި ބުނުމަކީ މީހުނާ ކުލެލަން ލިބުނު ފުރުސަތަކަށް ހެދީއެވެ. ބަގުޑި ބައްދައިގެން އެންމެން ގޮވައިގެން އުޅެން އުޅުނަސް ހިފަހައްޓާ ނުލެވޭވަރުވީމާ ވާނީ އެހެންތާއެވެ.

ރިޒާވް ހުސްކޮށްލައިގެން 500 މިލިޔަން ދަރަނި ދެއްކީ މިމަހުއެވެ. އީރާނާ ކުރާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އޮތީ ހިޔަނި އެޅިފައެވެ. އާމްދަނީއަށްވުރެ ކުރާ ހަރަދު އިންތިހާއަށް ބޮޑެވެ. ފަތުރުވެރިންގެ އަތުން ސަރުކާރަށް އެކި ނަންނަމުގައި ނަގާ ފައިސާގެ ގިނަކަމުން ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ބޮޑުތަނުން ކުރުވެގެން ހިގައްޖެއެވެ. 

ކޮރަޕްޝަނާއި އިސްރާފު ބޮޑުކަމުން ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ ގޮތެއްނެތި ދަރާވިކި ސަރުކާރު އޮތީ ބަނގުރޫޓްވާ ހިސާބުގައެވެ. އަވަށްޓެރި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ މަދަދާއި އެހީތެރިކަން ލިބޭތީ ދަނީ ނޭވާ ލެވެމުން ނުލެވެމުންނެވެ. ވުޒާރާތައް މަދުކޮށް ހިންގުމުގެ ހަރަދު ކުޑަކުރުން ނޫންގޮތެއް ނެތުމުން ރައްޔިތުންގެ ވިންދަށް ސަރުކާރު ހިންގަން އުޅެނިއްޔޭ ބުނީމާ ގަބޫލުކުރާނީ މޮޔައެކެވެ.