ޓޮމް ފޮނުއަރުވަނީ ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުން
ޕީޕީއެމް ރިޔާސީ ޓިކެޓަކީ ޔާމީނު ވައްކަން ނުކުރާ ކަމަށް އޮތް ހުއްޖަތެއް ނޫން
ޔާމީނަށް ޖަލުހުކުމް ހައްގު ކަމަށް ޕީޕީއެމް-ޕީއެންސީގެ އިސް މީހުން ކަނޑައަޅައިފިއެވެ. ހޮދު ޔާމީނު ވެސް އޭނާއަށް ކުށުން ބަރީއަ ނުވެވުނު ކަމަށް ނިންމައިފިއެވެ. މޯދީ ބޭނުމިއްޔާ ޖަލަށްލާނެ ކަމަށް ބުނެ އަމިއްލައަށް ޖަލު ހުކުމް ހައްގު ކަމަށް ރޭގައި އެންޑޯސް ކޮށްފިއެވެ.
ޔާމީނު ޖަލަށްލާން ޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރާ އެކަކީ މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އެވެ. ތާރިގު ދެކޭ ގޮތުގައި ޔާމީން މައްޗަށް ޖަލު ހުކުމެއް އަޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނު ވާދަ ކުރާނެއެވެ. ކިތަންމެ މުއްދަތު ދިގު ޖަލު ހުކުމެއް ޔާމީނަށް އަޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ޔާމީނަށް އޮތް ކަމަކަށް ޓޮމް ނުދެކެއެވެ. ސުޕްރީމް ކޯޓުގައި ހުކުމަށް ނިހާއީ ސިފަ ނުލިބޭ ހިނދެއްގައި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވޭނެ ކަމަށް ބުނެ ބަޔާން ނެރެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.
ރަންކޮޅާ ޓޮމާއެވެ. އިހުލާސްތެރި ކަމެއް ހުރެގެން ތިޔަ ދައްކާ ވާހަކައެއް ދައްކާ ނަމަ އަދި ތިޔަ އުޅެވެނީ ހުވަފެނެއްގައެވެ. މެރެޑޯނާ އަތުން ޖެހި ގޯލަކުން ވޯލްޑްކަޕް ހޯދިހެން ސްޕްރީމް ކޯޓުން ދެ އަކުރުގެ އަރާރުމަކުން ޔާމީނަށް މައްސަލަ އަކުން ބޯ ދަމައިގަނެވުނަސް ހުރިހާ މައްސަލައެއްގައި އެހެން ވާނެ ކަމަށް ހީވަނީ ހެއްޔެވެ. ތިޔައީވެސް ގޮތެކެވެ. ވ. އާރަށު މައްސަލާގައި ޔާމީނަށް ސަލާމަތް ނުވެވޭނެކަން ތިޔަ ގަބޫލު ކުރަނީ މާއަވަހަށެވެ. އަދި ހުކުމް ކުރީއެއްވެސް ނޫނެވެ.
ޕީޕީއެމް ރިޔާސީ ޓިކެޓަކީ ޔާމީނު ވައްކަން ނުކުރާ ކަމަށް އޮތް ހުއްޖަތެއް ނޫނެވެ. ރިޝްވަތާއި މަނީލޯންޑަރިންގ ގެ ކުށް ޔާމީނަށް ސާބިތު ވެއްޖެނަމަ ރިޔާސީ ޓިކެޓް ޖެހޭނީ އޮޅާލާށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ވަގުންނަށް ރައީސްކަމަށް ވާދަ ކުރާކަށް ޖާގައެއް ނޯވެއެވެ.
ޔާމީނަށް ޖަލު ހުކުމް ނައިސްގެން ޓޮމްމެން ތިޔަ އުޅެނީ ހާދަ ވަރަކަށެވެ. ޔާމީނު ސަލާމަތުން ހުރުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ނުލިބިގެން ތިޔަ އުޅެނީ ކާކަށް ހެއްޔެވެ. މުއިއްޒާއި ޝަހީމާއި ވަހީދާއި ޖަމީލުވެސް އެތިބެނީ ދަނޑިވަޅު ބަލަބަލާ ވިއްޔާއެވެ. ޔާމީނު ޖަލަށް ލިޔަސް ޓިކެޓާ ނުހިފަން ވަސިއްޔަތް ކުރި އަޑު އަހައިގެން ނިހާއީ ހުކުމޭ ސްޕްރީމް ކޯޓޭ ނުކިޔާ ޔާމީނަށް ވާގޮތެއް ބަލަން ތިބެބަލާށެވެ.
ޔާމީނަށް ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ތިޔައިން އެކަކުވެސް ޔާމީނު ސަލާމަތް ކުރަން އެއްކަމެއް ކުރާނީއެއް ނޫނެވެ. ނޫސްބަޔާން ނެރެ ފޮނު އަރުވަނީ ޔާމީނު ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުންނެވެ.