ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ވެރިން ޖެހޭނީ ކުޑަކަކޫޖަހަން

ދައްކާނެ ބަހަނާއެއް ޖަހާނެ ސަކަރާތެއް ނުއޮންނާނެ

ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ވެރިން ޖެހޭނީ ކުޑަކަކޫޖަހަން

މީސްމީޑިއާގެ އުދާސް

އެކަކު ބުންޏެވެ. ތިބީ އެންމެ ތިންސަތޭކަ މީހުންނެވެ. ދެވަނަ މީހާ ހިސާބު ހަދާފައި ބުންޏެވެ. ހަތްސަތޭކައެއްހާ މީހުންނެވެ.

ސަރުކާރުގެ އަޅުވެތި ކޮންޓްރޯލްގެ ދަށުގައިވާ ދަރުބާރީ މީޑިއާތަކުން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތި ފަތުރައިލީ "މަދު އަދަދެއްގެ ބަޔަކު" އެއްވި ވާހަކައެވެ. މިއީ ހަގީގަތް ފޮރުވަން އުޅެ، އަމިއްލައަށް ފަލީހަތްވެ، ނިކަމެތިވެގެން ގޮސް ހަދާނެގޮތް ހުސްވެއްޖެކަމުގެ ދިރިހުރި ހެއްކެކެވެ! އިރުގެ އަލިކަން އަތްތިލައިން ނިވާކުރަން އުޅުމަކީ މޮޔައިންގެ އަމަލެކެވެ.

ހަގީގަތަކީ މުޅި އާޓިފިޝަލް ބީޗު ސަރަހައްދު އެއްކޮށް ފުރި، ބަންޑުންވީ ކަމެވެ! އެތެރޭގައި ތިބޭނެ ތަންކޮޅެއް ނެތިގެން، ބޭރަށް ނިކުމެ، އެތައް ހާސް ރައްޔިތުންނެއް އެއް އަޑަކުން، އެއް ރޫހެއްގައި ނިކުމެ މި އަނިޔާވެރި ވެރިކަމަށް ރައްޔިތުން ތިބި ސާބިތު ގޮތް ވަރަށް ސާފުކޮށް ހާމަކޮށްދީފިއެވެ.

ސަރުކާރުގެ ފައިދަށުން ބިންގަނޑު ކަހައިލައި، ގޮތްހުސްވެއްޖެކަމުގެ ސާފު ކޮޅުމަތި މިއަދު މިވަނީ ފެންނަން ފަށާފައެވެ. ދެން ދައްކާނެ ބަހަނާއެއް، ޖަހާނެ ސަކަރާތެއް މިހާރަކު ނެތެވެ.

ވާނީވެސް އެހެންތާއެވެ! "ބުރަދާރ އަބްދުއްލޯ" މި ގައުމުގެ ބިންތަކާއި ވަސީލަތްތަކުން ނެގި ވަރެއް، އަތުލައިގަތް މިންވަރެއް ދެނެހުރި އެކަކުވެސް ނެތެވެ. ޔަގީނުންވެސް ސާފުވާ ހަގީގަތަކީ، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ނާޖާއިޒު މަންފާ ނަގައި، ޖީބުތައް ފުރާލައިފި ކަމެވެ.

ދެން މި މަޝްރޫއު (ރަސްމާލެ ޑީލް) ހުއްޓާލާނީ ކިހިނެއް ހެއްޔެވެ؟ ވިކިފައި ތިބި މީހުންނަށް އޮތީ ރައްޔިތުން ކިތަންމެ ނިކަމެތިވިޔަސް، ގައުމު ކިތަންމެ ބޮޑު އަނދަވަޅަކަށް ވެއްޓުނަސް އެ ޖަރީމާ ކުރިއަށް ގެންދިއުމެވެ.

އެކަމަކު ހަނދާން ބަހައްޓާށެވެ! މި ފަސްގަނޑުގެ ހަގީގީ ވެރިން ކަމުގައިވާ ލޮބުވެތި ދިވެހި ރައްޔިތުން މިވަނީ ސާފު ބަހުން ނިކުމެ، މި ހިޔާނާތްތެރި މަޝްރޫއަށް ފުރިހަމައަށް "ނޫނެކޭ" ބުނެފައެވެ!

ވެރިކަމުގެ ބާރުގައި މަސްތުވެފައި ތިބި ވެރިންނަށް އަދި މި ފެނުނީ ހަމައެކަނި ފެށުމެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަދި އޮތީ ކުރިއަށެވެ! ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ކޮންމެ އަނިޔާވެރި ވެރިއަކުވެސް ކަކޫޖަހަން މަޖުބޫރުވާނެ ދުވަސް މާ ދުރެއް ނޫނެވެ!

ނޯޓް: މި ލިޔުމަކީ ފޭސްބުކް އެކައުންޓެއްގައި އަހުމަދު ސައީދު ނަމުގައި ލިޔެފައި އޮތް ލިޔުމެއްގެ ނަކަލެވެ. ކޮޕީރައިޓް އެ އެކައުންޓަށެވެ.