ރަސްމާލެ ކެންސަރުޖެހި މުޅި ދައުލަތް ހުދުފުށް ވެއްޖެ
ސްޓޭބަލް އެސްއީއޯތައް އިނދަޖައްސާލާ އީގަލް ހިލްސް ފައިދަށު ގައުމު ވެއްޖެ
ކުރިއްސުރެ ދައްކަމުން އައި ވާހަކައެކެވެ. ދައުލަތުގެ އެންމެ ފައިސާފޮއްޗެއްވެސް ހަރަދުނުކޮށް ހިއްކާ ނިންމާނެކަމަށް ބުނެ ހިއްކަންފެށި ފުށިދިއްގަރުފަޅުގެ ސަބަބުން ދިވެހި ދައުލަތް ބަނޑު ބިންމަތީގައި ޖަހަން ޖެހޭނެ ވާހަކައެވެ. މަޖިލީހުން ބަޖެޓެއް ނުދެނީސް ދައުލަތުން ފައިސާއެއް ހަރަދުނުކޮށް 8 މަސް ދުވަސްތެރޭގައި ހިއްކާ ނިންމަން ބުނި ބިޔަ ރަސްމާލެ އެންމެ ފަހުން ވެގެން މިދަނީ މުޅި ދައުލަތަށް ޖެހުނު ކެންސަރަކަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ބާޓާ އުސޫލުން ސިލޯނު ކުންފުންޏެއް ކަމަށްވާ ސީއެމްސީސީ ( ރާޖޫ) އާއި އެކުވީ އެއްބަސްވުމެއް ދަށުން 18 ޑިސެމްބަރ 2023 ގައެވެ. ރަސްމާލެ ހިއްކުމުގެ މުގާބިލުގައި ސީއެމްސީސީއަށް ހުޅުމާލޭގައި ހިއްކާފާ އޮތް ބިމުން 10 ހެކްޓަރ ބިން ދޭގޮތަށެވެ. ސީއެމްސީސީން ރަސްމާލެ ހިއްކުމުން ރަސްމާލެއިން ވެސް 60 ހެކްޓަރ ދޭން އެއްބަސްވިއެވެ. ސީއެމްސީސީ އާއި އެކުގައި ވެވުނު އެއްބަސްވުން 2024 ގެ މެއި ބާތިލުކުރުމާ ހަމައަށް ދިޔައީ ހިއްކިފައިވަނީ އެންމެ 29 ހެކްޓަރެވެ.
ވީގޮތެއް ވެގެން ރާޖޫ ކުންފުންޏާއެކު ވީ އެއްބަސްވުން ބާތިލު ކުރުމުން ސަރުކާރުން އުފުލަންޖެހުނީ ކޮންޒިންމާއެއް ކަމެއް ބަދަލެއް ދޭންޖެހޭކަމެއް ނުޖެހޭކަމެއް ސާފެއްނުވެއެވެ. ރަސްމާލޭން 29 ހެކްޓަރ ބިން ހިއްކުނު އިރު ހުޅުމާލޭން ސީއެމްސީސީއަށް ދޭން ކަނޑައެޅި ބިމަށް ވެސް ވީގޮތެއް ނޭގެއެވެ. ރަސްމާލެ ހިއްކުމުގައި ފުރަތަމަ ކޮންޓްރެކްޓަރާއި އެޗްޑީސީއާއި ދެމެދު ދަރަންޏާއި އަލާކެނޑުމާއި ބަދަލު ދިނުމުގެ ހާލަތު އޮތްގޮތެއް އެނގޭ ރައްޔިތަކު ނޫޅެއެވެ.
ރަސްމާލެ ހިއްކުން އަވަސްކުރުމުގެ ނަމުގައި އެކިބައިބައި އެކި ކުންފުންޏާ ހަވާލުކޮށް ބިން ހިއްކާގޮތަށް މަޝްރޫއު ބަދަލުކޮށްލިއެވެ. އެމްއޭސީއެލް ލައްވާ އެއްބައި ހިއްކުވިއެވެ. އަނެއް ބައެއް ހިއްކުވީ ޗައިނާ ހާބަރ އިންޖިނޭރިންގ (ސީއެޗްއީ) ލައްވައެވެ. އަނެއްބައި ހިއްކުން ހަވާލުކުރީ ޗައިނާގެ ސީއާރުސީސީ އާއި އިންޑިއާގެ އެމްއެމްއެކްސްޕޯޓު ގުޅިގެން ހިއްކުމުގެ މަސައްކަތް ކުރާ ގޮތަށެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރތައް ގެނެސްގެން ކުންފުނި ކޯންޏަކުން މަސައްކަތް ކޮށްގެންވެސް ހިއްކުނީ ހިއްކަން ކަނޑައަލާފައިވާ ރަސްމާލޭގެ ދެބައިކުޅައެއްބައެވެ. ރަސްމާލޭގެ ދެބައިކުޅައެއްބައި ހިއްކުނު އިރު މުޅި ދައުލަތް ހުދުފުއްވެއްޖެއެވެ. އެއަރޕޯޓްގެ ރަންވޭ ރަހުނު ކޮށްގެން ދަރަނި ނަގައިގެންވެސް އެހުރިހާ ފައިސާ އަޅަން މިޖެހުނީ ފުށިދިއްގަރު ފަޅަށެވެ. ދައުލަތުގެ އެންމެ ވަރުގަދަ ކުންފުނިތައް ކަމަށްވާ އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލް ހުދުފުށްވެ ބީއެމްއެލް ވަށައިގެން ކޮށާލާ ނިމޭއިރުވެސް ރަސްމާލެ ނުހިކުނެވެ. އީގަލް ހިލްސްއަށް ނުދީ ބާކީ އޮތްތަން ހިއްކުމަށް ފައިސާ ހޯދަން ރަހުނުކުރާކަށް ވިއްކާކަށް އެއްޗެއްނެތެވެ. ރަސްމާލޭގެ ބަލިގަނޑުގައި ގައުމަށް ޖެހިފައިވާ ކެންސަރުން ސަލާމަތްވާން އީގަލް ހިލްސް ފަދަ ކުންފުންޏަކަށް މުޅިރާއްޖެ ވިކުންނޫން ދެވަނަ ގޮތެއް ނެތެވެ.




