ފެންނަނީ ބޮޑުތަނުން ދައުލަތް ލޫޓުވާލާފައިވާތަން: ޝާހިދު

ކޮންމެ ދިމާލަކަށް ބަލާލިޔަސް ރާއްޖޭގައި މިއަދު ފެންނަނީ ބޮޑުތަނުން ދައުލަތް ލޫޓުވާލާފައިވާތަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގުތަކާއި އުންމީދުތަކާއި ރާއްޖޭގެ ހަޒާނާ ލޫޓުވާލައިފިކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރޭ އޮތް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އޮނަރަބަލް ޝާހިދު ވިދާޅުވަނީ މުޅި މި ދައުލަތް ލޫޓުވާލައިފިކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޑު ފޭރިގެންފިގެންފައިވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތުގައި އުފެދި ކަންބޮޑުވުމުގެ ޝުޢޫރަކީ ލޫޓުވާލައިފި ކަމުގެ ޝޫއޫރެވެ. ކޮންމެ ދިމާލަކަށް ބަލާލިއަސް މިއަދު ފެންނަނީ ބޮޑު ތަނުން މި ސަރުކާރުން ދިވެހި ދައުލަތް ލޫޓުވާލާފައިވާތަނެވެ. ރައްޔިތުންގެ ހައްގުތައް ލޫޓުވާލާފައިވާ ތަނެވެ.
ރައްޔިތުންގެ އުއްމީދުތައް ލޫޓުވާލާފައިވާ ތަނެވެ. ރައްޔިތުންގެ ހަޒާނާއާއި މުޅި މި ދައުލަތް ލޫޓުވާލައިފިކަމަށް ޝާހިދު ތަކުރާރުކޮށް ވިދާޅުވިއެވެ.