ނަޝީދަށް: ބޭރުމީހުނަށް ނަފްރަތު ނުކުރިޔަސް އަލައްބާރު އޯކޭއެއްނޫން
ރައީސް ނަޝީދު ކުރެއްވި ޓްވީޓް ދިވެހިބަހުން ނުކުރެއްވީ ކީއްވެ
ދެރަކަމުގެ ކޮޅެއް ނެތެވެ. މުޅި އެމްޑީޕީގެ މައިގަނޑު ވިސްނުމާއި ރައީސް ނަޝީދުގެ ހިޔާޅު ތަފާތުވުމަކީ ރައީސް ނަޝީދުގެ ވިސްނުމާއެއްގޮތަށް މުޅި ޕާޓީގެ ވިސްނުން ބަދަލުކުރަން ޖެހޭކަމެއް ނޫނެވެ. އެމްޑީޕީ އުފެދުނީ ނަޝީދު އެ ވިދާޅުވާ ފަދަ ގައުމު ވިއްކާ ފިކުރެއްގައެއް ނޫނެވެ. ބައިބައިވުމާއި ބިރުވެރިކަން އުފައްދާކަށް ވެސް ނޫނެވެ. ޑިމޮކްރެޓިކް ހުޅުވާލެވިފައިވާ ސިޔާސަތުތަކާ ދެކޮޅަކަށްވެސް ނޫނެވެ. ބޭރު މީހުންނަށް ނަފްރަތުކުރުމާއި ދެކޮޅުވެރި ކަމަކީވެސް އެއްވެސް އިރަކު އެމްޑީޕީގެ ފިކުރެއްނޫނެވެ. އިއްޔެވެސް މިއަދުވެސް އެމްޑީޕީ އޮތީ އެމްޑީޕީ އުފެދުނު އަސާސްތަކުގެ މަތީގައެވެ.
އެކިނަސްލުގެ އެކި ދީނުގެ މީހުން ބައިބަޔަށް ގެނެސް ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ އެއްވެސް އިރަކު އެމްޑީޕީގެ ފިކުރެއް ނޫނެވެ. ސިޔާސަތެއްވެސް ނޫނެވެ. ބޭރުގެ އިންވެސްޓަރުނަށް އަބަދުވެސް އެމްޑީޕީން މަރުހަބާ ކިޔައެވެ. ގުޅިގެން ފުޅާ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް ކުރިއަށް ގެންދިޔުމަކަށް އެމްޑީޕީން ހުރަހެއް ނާޅައެވެ. އެހެނަސް ނުފޫޒުގަދަ މަހުޖަނެއްގެ ގޮނޑިކޮއްކޮއަކަށް ރާއްޖެ ހަދާކަށް އެމްޑީޕީ އެއްއިރަކުވެސް މަރުހަބާއެއް ނުކިޔައެވެ. އަމްދުން ޔަހޫދީންގެ މަސްލަހަތު ހުރި އެއްވެސް ވިޔަފާރިއަކަށް ދުވަހަކުވެސް ދިވެހި ރައްޔިތުން މަރުހަބާއެއް ނުކިޔާނެއެވެ.
އިނގިރޭސި ބަހުން ކުރެއްވިޔަސް ރައީސް ނަޝީދު އެ ކުރެއްވީ އެމްޑީޕީގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގިނަ ދިވެހިން ތަރުހީބު ދޭނޭ ޕޯސްޓެއް ނޫނެވެ. އެ ވިދާޅުވާ ފަދަ ލިބަރަލިޒަމެއް ގިނަ ދިވެހިންނަކަށް ކަމަކުނުދެއެވެ. ރައީސް ނަޝީދުގެ ވިސްނުންފުޅު ގިނަ މީހުނާ ތަފާތުވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ރައީސް ނަޝީދު ވެސް މެޖޯރިޓީއަށް އިހުތިރާމް ކުރެއްވީމާ ގޯހުން ކަމެއް ނުހިނގާނެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގެ ދިވެހިތަރުޖަމާ:
"އެމް.ޑީ.ޕީ އިން ފަހަކަށް އައިސް ގެންގުޅެމުންދާ މިސްރާބަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުރިން މި ޕާޓީއަކީ ހުޅުވާލެވިފައިވާ، ހުރިހާ ފިކުރަކަށް އިހުތިރާމުކުރާ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކުގެ އެންމެ އިސް ސަފުގައި އޮތް ޕާޓީއެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރު މީހުންނަށް ނަފުރަތުކުރުމާއި ހައްދުފަހަނަޅާފައިވާ ގައުމީ ފިކުރުގެ ވާހަކަތައް ދެއްކުމަށް މި ޕާޓީން ބުރަވަމުންދާ މަންޒަރެވެ. މިއީ އެމް.ޑީ.ޕީ އުފެދިގެން އައި މަގުސަދުތަކާއި، ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ބިނާވެފައިވާ އަސާސްތަކާ، އަދި ޕާޓީގެ ކުރީގެ ސަޕޯޓަރުން ބަލައިގަތް އުސޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.
ޕާޓީގެ ތެރޭގައި ތިއްބެވި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިންތިޚާބީ ކާމިޔާބީއެއް ހޯދޭނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައި، ކަންކަން އޮޅުވާލައިގެންނެވެ. ނަމަވެސް، މިއީ އެމް.ޑީ.ޕީގެ އަސްލު ތަނބުތަކެއް ކަމުގައިވާ ތައުލީމީ، ހުޅުވާލެވިފައިވާ ފިކުރުގެ މީހުންނާއި ލިބަރަލް ވިސްނުމުގެ މީހުން ޕާޓީއާ ދުރުކުރުވާނެ ކަމެކެވެ. ކުރު މުއްދަތެއްގެ ސިޔާސީ މަންފާއަކަށްޓަކައި ޕާޓީގެ އަސްލު ސަޕޯޓަރުން ބާކީކޮށްލުމަކީ ނުބައި މިސްރާބެއްގެ އިތުރުން، ސްޓްރެޓީޖިކް ގޮތުން ބަލާއިރު ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.
"ބިރަކާ ނުލާ މަޖާކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ކެމްޕޭންގެ ހަނދާން އާކޮށްލުން މުހިންމެވެ. އެ ޝިއާރުގެ ސަބަބުން ޕާޓީގެ ތާއީދު ކުޑަވުމުގެ ބަދަލުގައި، އިތުރު ވިހިހާހެއްހާ ވޯޓު ޕާޓީއަށް ލިބި، ތާއީދު އިތުރަށް ފުޅާވެގެންދިޔައެވެ. ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމާއި، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ކެނޑޭނެ ކަމެކެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން އާންމު މަސްލަހަތު ގެއްލި، ގައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްވެގެންދެއެވެ.
އެމް.ޑީ.ޕީ މިއަދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. މި މިސްރާބުގައި ކުރިއަށްދާނަމަ، ޕާޓީގެ ވަކިވަކި ސިފަތަކާއި ޕާޓީން ހިފަހައްޓަމުން އައި އަގުހުރި އުސޫލުތައް ގެއްލިގެން ހިނގައިދާނެއެވެ. އަޅުގަނޑުގެ އުއްމީދަކީ، ޕާޓީގެ އަސާސްތައް ގަބޫލުކުރާ މެންބަރުން މިކަމުގެ ތެރެއަށް ވަދެ، ޕާޓީ ހަލާކުގެ ތެރެއަށް ދިޔަނުދީ ސަލާމަތްކުރުމެވެ. އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގައި އިޚުލާޞްތެރިކަން އިސްކުރުމުގެ ހިކުމަތާއި ހިތްވަރު މާތްﷲ އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން."




