ދެގުޅަ ޕެނެޑޯލާއި ބާމު ފުޅިއަކުން ނުފުދޭނެ
އަހަރަކުން 540 މީހުން. މަހަކު 45 މީހުން. ހަފްތާއަކުން 10.5 މީހުން މިއީ ޖޯކެއް ނޫން. މި ބުނެވޭ ރޭޓަކީ 10 އަހަރުން 5،400 މީހުން.
ފަރުވާއަށް އިހުމާލުވެ ބޭހާއި ވަސީލަތަށް ކުޑަ ލޮޅުމެއް އެރިނަމަވެސް ފުރާނައެއް ގުރުބާން ވާނެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ވެންޓިލޭޓަރުގައި އޮތް ދުވަސް ވަރެއްގައި ދައުލަތުން އާންމު ކުރާ ހިސާބު ތަކަކީ ގައުމެއްގެ ރައްޔިތުން ތަކެއް ނެތި ހިނގައިދާނެ ކަމުގެ ބިރުވެރިކަމެއްގެ ރަނގަބީލެކެވެ.
އަތޮޅު ތެރޭގެ ހެލްތް ޕޯސްޓުތަކާއި ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ފަރުވާ ދެވޭ ވަސީލަތާއި ތަޖުރިބާ ނެތްތާ ދުވަސްތަކެއް ވީއެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ފާމަސީ ތަކުން ލިބުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ބޭސް ލިބުން މިހާ ވަރަށް ދަތިވި އެއްވެސް ޒަމާނެއް ގަވަރުމެންޓް ހޮސްޕިޓަލް މާލޭގައި ހުޅުވީއްސުރެ ދިވެހީން ނުދެކެއެވެ.
މަހާ ރެހެންދިއަށް ބައިނާޅާ ބޭހުގެ ވިޔަފާރިނުކުރެވޭ ގޮތަށް ބޭހުގެ ވިޔަފާރި ދަތިކޮށްފާ ސްޓޭޓް ފާމާ ހެދިޔަސް އަދި ބޭހެއް ނުލިބޭނެތާއެވެ. ބޭހަށް ކިޔާނަން ނޭގިގެން ބޭސް އެތެރެ ނުކުރެވޭތީ ފާމާ ދަނޑު ހައްދަން ފަސްގަޑު ޖަހަންޏާ އެތާ ބޭސްގަސް އިންދައިގެން ފަޅާހެދި ބޮޑުވެ ބޭސްއެޅިމާ ނޫނީ ސްޓޭޓް ފާމާއެއް ކަމަކު ބޭހެއް ދޭކަށް ނުލިބޭނެތާއެވެ.
އެދުވަސް އަންނަންދެން ޑޮކްޓަރު ލިޔެދޭ ބޭސް އާންމުކޮށް ލިބެން ނެތުމުގެ ހައްލެއްގެ ގޮތުގައި ވުޒާރާގެ އިސް މާލިމީ ބުނަނީ “ޑޮކްޓަރު ލިޔެން ޖެހޭނީ އާންމުކޮށް ލިބެން ހުންނަ ސްޓޮކުގައިވާ ބޭހެވެ.” ހޮޑު ލެވޭ މީހާއަށް ދޭންވީ ޕެނަޑޯލެވެ. ހުން އައިސްފައިވާ މީހާއަށް ދޭންވީ ބާމު ފުޅިއެކެވެ. މިއީ ބޮޑުވަރެވެ.
ރާއްޖޭގައި ބޭރު ބަޔަކު ވަޒަން ވެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި ތަންކޮޅެއް ވިސްނުންތެރި ގޮތަކަށް ނަސްލެއް ނައްތާލުމުގެ ޖަރީމާ ތަކެއް ދައުލަތުން ހިންގަނީ ބާވައެވެ. ޔަހޫދީން މީހުން މަރަނީ ހަތިޔާރުގެ ބޭނުން ހިފައިގެންނެވެ. ރާއްޖޭގައި ފަރުވާއަށް ޖައްސައިގެންނެވެ. ނަތީޖާ އެކައްޗެކެވެ.
ބުރަދަން އިތުރުވެ ހަކުރާއި ޕްރެސަރ ކޮންޓްރޯލް ނުވާ ކެންސަރު ބަލިމީހާ ބަރުދަން ލުއިކުރުމަށް ދޭންޖެހޭ ފަރުވާ ކޮސްމެޓިކްއަށްވެ އާސަންދައެއް ނުދެއެވެ. ހަކުރާއި ޕްރެޝަރ މަތިކަމުން ކެންސަރަށް ފަރުވާ ނުކުރެވިގެން ބަލިމީހާގެ ފުރާނަ ދިޔަސް ގީލާ މެޑަމަށް ވަރިހަމައެވެ. ކޮންމެ ގޮތަކުންވެސް ބަލިމީހުން މަދުވާވަރަކަށް އެކަމަށް ކުރަންޖެހޭ ހަރަދު ކުޑަވާނެތާއެވެ، ރައްޔިތުންގެ ހައްގުތައް އަދާކޮށްދޭން ގަންދީ ހުވާކޮށްގެން ތިބެ ކަންކުރަން ރާއްޖޭގައި އޮންނަ ގޮތަކީ އެއިީ ކަންނޭނގެއެވެ.
ދައުލަތުގެ ވަކި ފަންތިއަކުން މައްޗަށް ގޮސްފިނަމަ ބޭރުގެ އެކިއެކި ކަރަތަކުން ބޭސްފަރުވާ ކުރެވެއެވެ. ވެރިމީހާ ބޮލުގައި ރިއްސާލިއަސް ސިންގަޕޫރުގެ އެލިޒަބަތަށެވެ. މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ. ޖިންސް ބަދަލުކުރުން ހުއްދަކުރާ ސަމޯއާ އެގްރިމަންޓްގެ އެގްރިމަންޓްގައި ސޮއިކުރުމުގެ ރިވޯޑެއްގެ ގޮތުގައި ސިއްހީ ވަޒީރުކަން ލިބުމުން ބަލި ނައްތާލަނީ ބަމީހާ ނައްތާލުމުގެ ސިޔާސަތެއް ދަށުން ނޫން ކަމެއްވެސް ނޭގެއެވެ.
ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ ނިސްބަތް އިތުރުވުމަކީ ކަން ބޮޑުވުމެކެވެ. ގަރުނަކުން މުޅި ދިވެހި އާބާދީ ސްޓްރޯކް ޖެހުން ބަލައެއް ނުގަނެވޭނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދިރާސާތައް ވަރުގަދަ ކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަލުވި ކުރަން ޖެހެއެވެ. ރައްޔިތުންގެ ފުރާނައާއި ގުޅޭ ކަންކަމަކީ ހާއްސަ ސަމާލުކަމެއް ބޭނުންވާނެ ކަންކަމެވެ. ނޫނީވިއްޔާ ހިންގަމުންދަނީ ރާވާގެން ނަސްލު ނައްތާލުމަށް ހިންގާ ޖެނެސައީޑްގެ އައު ވައްތަރަކީ ބާއެވެ.




