އަތޮޅު ކައިންސިލް އުވުމުން މާލޭގައިނޫނީ ލެޖިޓިމޭޓް މެންބަރުންނެއް ނުތިބޭނެ
އިދާރީ ދާއިރާތައް ތަމްސީލުކުރާ މުއައްސަސާތައް އުވާލުމަކީ އިދާރީ ދާއިރާތައް އުވާލުމެވެ. އަތޮޅުތަކާއި މާލެއަކީ ގާނޫނު އަސާސީބުނާ އިދާރީ ދާއިރާ ތަކެވެ. އަތޮޅު ކައުންސިލް އުވާލައިފިނަމަ ގާނޫނު އަސާސީގައި ބުނާ އިދާރީ ދާއިރާވެސް އުވިގެން ދާނެއެވެ. އިދާރީ ދާއިރާތައް އުވުމުން އިންތިހާބީ ދާއިރާއެއް ނުއޮންނާނެއެވެ. އިންތިހާބީ ދާއިރާ ނެތިއްޖެނަމަ އެދާއިރާ ތަމްސީލުކުރާ ލެޖިޓިމޭޓް މެންބަރުންނެއް ނުތިބޭނެއެވެ.
ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް 19 އަތޮޅާއި މާލޭގެ ވާހަކަ 20 އިދާރީ ދާއިރާގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އިންތިހާބީ ދާއިރާތައް ކަނޑަ އަޅަނީ އެ 20 އިދާރީ ދާއިރާގެ ތެރެއިންކަން ވަރަށް ރަނގަޅަށް ގާނޫނު އަސާސީގައި ބުނެއެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ 20 އިދާރީ ދާއިރާ ތަމްސީލު ކުރަން ވަކި މުއައްސަސާއެއް ނުހުންނަ ގޮތަށް އަތޮޅު ކައުންސިލްތައް އުވާލެވިގެން ނުވާނެއެވެ.
ސިޓީތަކާއި ރަށްތައް ޢޭގެ އަމިއްލަ ޒާތުގައި މިނިވަންކަމާއެކު ހިންގުމުގެ އިހުތިޔާރު ލިބުމަކީ އެ އަތޮޅެއްގެ އަތޮޅުވަންތަކަން ގެއްލެންޖެހޭ ސަބަބެއްނޫނެވެ. ސީޔާސީ ގޮތުން ރާއްޖެ ބައިކޮށްފައިވާ ބައިކުރުން ކަމުގައި އަތޮޅުތަކުގައި ކޮންމެ އަތޮޅެއް ތަމްސީލު ކުރާނެ ގާނޫނީ އިދާރާއަކާއި ވެރިއަކު ހުންނަން ޖެހޭނެއެވެ. ކޮންމެ އަތޮޅަކަށްވެސް އެ އަތޮޅުކަމަށް ކަނޑައަޅާއިފައިވާ ސަރަހައްދަށް އޮންނަ ހައްގުތަކާއި ޒިންމާތަކެއް އޮންނާނެއެވެ. ވަކި ރަށެއްގެ އިހުތިސޯސުގައި ނުހިމެނި އަތޮޅުގެ އިމުގެ ތެރޭގައި އޮން ސަރަހައްދުތަކާއި ބިންތަކާއި ތަކެއްޗަށް ޒިންމާވާ ގާނޫނީ ބާރުވެރި ފަރާތެއް އަބަދުވެސް ހުރެއެވެ. ހުންނަންވެސް ޖެހެއެވެ.
މީސް މީހުން ރަށްރަށަށާއި އަތޮޅު އަތޮޅަށް ނިސްބަތްކޮށްގެން ވަޒަންވަރިކަމާއި ރަށްވެހިކަން ދީގެން އުޅޭ ގައުމެއްގައި އަތޮޅަކީ ޖޯގްރަފިކް ނަމެއްގެ ގޮތުގައި ފުއްދާލެވޭ ވަރަށްވުރެ ދިވެހިންގެ ގައުމިއްޔަތާއި ގުޅިފައިވާ ރާއްޖޭގެ މައި ސިފައެވެ. ގާނޫނު އަސާސީގައި އެ ވާހަކަ އޮޅުމެއް ނެތް ވަރަށް ބަޔާންކޮށްފައި އެބައޮތެވެ.
ރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ އަތޮޅަކީ ވަކި ހާއްސިއްޔަތެއް އޮންނަ ގައުމިއްޔަތުގެ ރުކުނެކެވެ. އަތޮޅު ނެތި ރާއްޖެއެއް ނުއޮންނާނެއެވެ. އަތޮޅަކީ ޖޯގްރަފީ ގޮތުން ވަކި ސިފައެއް ލިބޭތީ ހަމައެކަނި ނަމެއްގައި އޮންނަ އެެއްޗެއް ނޫނެވެ. ސިޔާސީ ގޮތުން ރާއްޖެ ބައިކޮށްފައި އޮންނަ ބައިތަކަށް ކިޔާ ނަމަކީ އަތޮޅެވެ. އިދާރީ ހިންގުން މުޅިން ވަކީން މިނިވަން ކަމާއެކު ހިންގާތާ އެތައް ޒަމާނެއް ވެގެން ދިޔައިރު އަދިވެސް މާލެއަކީ ކ. މާލެއެވެ.

