އޭސީސީއަކީ ދަތްހުރި ސިންގާއަކަށް ހަދާކަށް ނުކެރޭނެ!

އޭސީސީއަށް ވީތީ އަތްނުލެވޭ ބައެއްގެ ގޮތުގައިވެސް އޮވެގެން ނުވާނެ

އޭސީސީއަކީ ދަތްހުރި ސިންގާއަކަށް ހަދާކަށް ނުކެރޭނެ!

ރާއްޖެއަކީ ވަސީލަތާއި އާމްދަނީއާއި އާބާދީއާއި ނުބައްދަލު ދައުލަތެއް އޮތް ގައުމެކެވެ. ގާނޫނު އަސާސީ ލާޒިމްކުރާ ތިން ބާރާއި މިނިވަން މުއައްސަސާ ތަކަށް އެކަނި ބެއްޔަސް ދައުލަތުގެ ބިޔަކަން އެމެރިކާއާއި ނުބައްދަލެވެ. ދައުލަތުގެ ތިންބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގޭގެ ވާހަކަ ބާއްވަމާ ހިނގާށެވެ. ގާނޫނު އަސާސީ ލާޒިމުކުރާ މިނިވަން މުއައްސަސާތަކުން ހަމައެކަނި އޭސީސީއަށް ބަލާލަމާ ހެއްޔެވެ.  

އޭސީސީ އޮތުމަށް ގާނޫނު އަސާސީ ލާޒިމު ކުރީ ދަތްނެއް ސިންގާއެއްގެ ގޮތުގައެއް ނޫނެވެ. މަގާމަށްޓަކާ ގޮނޑިކޮއްކޮ އެއްގެ ގޮތުގައި އޮތުމަކަށްވެސް ނޫނެވެ. އެއިރަކު މަޖިލީހުގެ މެޖޯރިޓީ ޕާޓީއެއްގެ ބުމަރެއް ގޮތުގައި އޮތުމަކަށް ވެސް ނޫނެވެ. 

މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކުން ބޭނުންވުމުން މެންބަރުން މަގާމުން ދުރުކުރެވޭ އޭސީސީއެއް ދުވަހަކުވެސް ބާރުވެރި ތަނަކަށް ނުހެދޭނެއެވެ. އޭސީސީ މެންބަރަކު މަގާމުން ވަކި ކުރެވޭނީ ކުށެއްގެ ތުހުމަތެއް ކުރެވޭ ހިނދު އާއްމުކޮށް ހުޅުވާ ލެވިފައިވާ ތަހުގީގެއްކޮށް ޝަރީއަތަށް ކުށް ސާބިތުވެގެންނެވެ. ހަމަ ބަޔަކު އެއްވެލާފާ އޭސީސީ ބުރުވާލަން އުޅުނަސް ބުރުވާ ނުލެވޭ ވަރުގެ ތަނަކަށް އޭސީސީ ނުހަދައެއް އޭސީސީއަކީ އާރެއް ބާރެއް އޮތްތަނަކަށް ނުވާނެއެވެ. 

އޭސީސީ މެންބަރުންގެ ހުންނަންޖެހޭ އިލްމީ ފެންވަރާއި ތަޖުރިބާއާއި ނަޒާހަތްތެރިކަމުގެ މިންގަނޑު ސާފުކޮށް ކަޑައެޅިފައި އޮންނަން ޖެހެއެވެ. ޝަރުތެއް އުނިވެއްޖެނަމަ އެކަން ޝަރުއީ ކޯޓަކުން ކަނޑައަޅަންޖެހޭ ގޮތަށް ގާނޫނު ބައްޓަން ކުރެވެން ޖެހެއެވެ. ރައްޔިތުން މަޖިލީހަށް އޭސީސީ ޖަވާބުދާރީ ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް އޮންނަން ޖެހެއެވެ. ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ފާހަގަ ކުރެވޭ އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާކުރުވާ ފިޔަވަޅު އަޅަންޖެހޭ ކަންކަމަށް އޭސީސީއަށް ފިޔަވަޅު އެޅޭނެ ފްރޭމްވޯކެއް އޮންނަން ޖެހެއެވެ. ސިޔާސީ ކުލަނެތް ފަންނީ ވަގުތީ އިންކުއަރީ ކަމިޝަނަކުންވެސް އެކަން ކުރެވިދާނެއެވެ.

އޭސީސީއަށް ވީތީ އެ މިހުންނަކީ އަތްނުލެވޭ ބައެއްގެ ގޮތުގައި އޮވެގެން ނުވާނެއެވެ. ހަމަ އެހެން ސިޔާސީ ނުވަތަ އެނޫންވެސް ޖަޒްބާތެއްގައި ހިތަށް އެރީމާ އަތްލެވެ ބަޔަކަށްވެސް ވެގެން ނުވާނެއެވެ. މަގާމުގެ ވާޖިބު އަދާނުކުރެވެންޏާ އިސްތިއުފާ ދިނުމުގެ އާދަ އަށަގަންނަވަންވެސް ޖެހެއެވެ. އެކަމަށްޓަކާވެސް ޕަބްލިކް އިންކިއުރީ މުހިންމެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިހުލާސްތެރިކަމެއް އޮތްނަމަ ސިޔާސީ ދަތި ދަށުނުވެ އޭސީސީ މިނިވަން ކަމާއެކު މަސައްކަތް ކުރެވޭ ގޮތަށް މެންބަރުންގެ އަދަދު މަދުކޮށް ގާނޫނު އަސާސީއާއި ގާނޫނުތައް ބަދަލު ކޮށްދޭށެވެ. ޔަގީނެވެ. ނުކުރާނެއެވެ. ކުރާކަށް ނުވެސް ކެރޭނެއެވެ.