ކުރިމަތިލެވިދާނެ! މަސައްކަތަކަށް ތައްޔާރުތަ!

ޒިންމާ ހަވާލުކުރާހާ ގާބިލުތޯ ބަލާ ހޯދުމަކީ އަހަރުމެންގެ ޒިންމާއެއް

ކުރިމަތިލެވިދާނެ! މަސައްކަތަކަށް ތައްޔާރުތަ!

- ހިލް ހިލްމީ - 

މަޝްހޫރު ޕޮލިޓިކަލް ފިލޯސޮފަރ ޖޯން ލޮކް ފަރުދީ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ މުހިންމުކަމާއިމެދު އަލިއަޅުވާލަމުން ބުނެފައިވެއެވެ. "މަޖިލިސް މެމްބަރުންނަކީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އަމާނާތްތެރިންގެ  ގޮތުގައި ހަރަކާތްތެރިވާ  ބަޔަކަށްވުމާއި، ގާނޫނަށާއި ގާނޫނީ ވެރިކަމަށް ތަބާވުމަށް ޚާއްސަވާންޖެހޭ ބައެކެވެ."

ފިލޯސޮފަރުން މީގެ އެތަށް ސަތޭކަ އަހަރު ކުރިން މިހެން ބުނެފައިވާއިރު މިގައުމުގައި ވެސް އާދަކާދައިގެ މަތީންނާއި ގާނޫނީ ހަމައިގެ ތެރެއިން ދައުރު ނިމެންކައިރިވުމުން މަޖިލިހަށް ކުރިމަތިލާ މީހުން އެކިއެކި ވައުދުތަކާއި އެކު ޑިމޮކްރަސީގެ ފޮނިމީރުކަމުގެ ތެރެއިން ގައުމަށާއި އެމީހަކު ކުރިމަތިލާ ދާއިރާއަށް ހެޔޮބަދަލު ގެނައުމުގައި ހުންނާނެވާހަކަ ދައްކަމުން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލާ މޫސުން އަތުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބު ނިމި އެކަމުގައި އުޅުނު މީހުން ވަރުބަލި ނުފިލަނީސް ކުރިމަތިލުމުގެ ވާހަކަ ދައްކަނީ އެންމެންނަށްވެސް ކުރިމަތިލުމުގެ ހައްގު އޮންނާތީއެވެ. އެކަމާއިމެދަކު ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. 

ގާނޫނުގައި މެންބަރުންގެ ޝަރުތުގެ ގޮތުގައި އޮންނަނީ؛-

1. ދިވެހި ރައްޔިތަކަށްވުން،

2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން،

3. މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން،

4. އުމުރުން 18 އަހަރު ފުރިފައިވުން 

5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

މިހެން މިކަން އޮތެއްކަމަކު ކުރިމަތިލުމުގެ ދޮރު ހުޅުވެމުންދާއިރު، ކުރިމަތިލާ މީހުން އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް އެމީހުންގެ ދައުރާއި ޒިންމާތައް އުފުލަން ހަގީގަތުގައި ތައްޔާރުތޯ ސުވާލު އުފެދުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. 

ފަސްއަހަރަކުން އެއްފަހަރު ބާއްވާ މިގައުމުގެ މަޖިލިސް އިންތިޚާބުގައި އެތައް ދާއިރާއެއް ހިމެނޭއިރު، ކޮންމެ ދާއިރާއެއްގައިވެސް އެކި ޕާޓީތަކުންނާއި މިނިވަން ހައިސިއްޔަތުން ކުރިމަތިލާ އެތައް ކެންޑިޑޭޓުންނެއް ތިބެއެވެ. ކުރިންވެސް ދެންނެވިހެން އަޅުގަޑުމެންގެ ގާނޫނު އަސާސީގައި ހައްގު ދެވިފައިއޮތްގޮތުގެ މަތީން ޝަރުތު ހަމަވެގެން އެންމެ ފަހުން މަޖިލިހުގެ ގޮނޑިތަކާއި ހަވާލުވި މީހުންގެ ހުރި ގާބިލުކަމަކާއި އެކަމަށް އެކަށީގެންވީވަރާއިމެދު ކަންބޮޑުވުން އުފެދިފައިވެއެވެ. ކުރިއާއި ޚިލާފަށް މަޖިލިސް ޓީވީތަކުން ފެންނާތީ އެ މެމްބަރުން ދެއްކި ސުލޫކަކާއި ދެއްކި އުފެއްދުންތެރިކަމެއް ނުވަތަ ދެއްކި ވާހަކައިގެ މައްޗަށް ބަލައި ދެން އެތަނަށް މީހަކު ފޮނުވުމުގައި ގެންގުޅެންޖެހޭ ވިސްނުމަކާއި ނިންމުމެއް އޮތުމަކީ އަޅުގަނޑުމެން އެންމެންގެ މަސްލަހަތާއި ގުޅިފައި އޮތް ކަމެކެވެ. 

އަހަރެންގެ ޕާޓީ މީހާވީމަ ނޫނީ އެންމެ ނުފޫޒު ގަދަ މީހާ ބުނި މީހާވީމަ އެމީހަކު މަޖިލިހަށް ފޮނުވުމަކީ ތިމާ އަރާ ހުރި ގޮފިގަނޑު ކަނޑާލުންފަދަ ކަމެއްކަން މިހާރު ވިސްނެން ވެއްޖެއެވެ. މަޖިލިހަށް މީހުން ހޮވުމުގައި އެމީހެއްގެ ހުރި ލަޔާގަތަކަށާއި އިލްމަށް އަދި ތަޖުރިބާއާއި ފާއިތުވެ ދިޔަ ޒަމާންތަކުގައި އެމީހަކުގެ އުޅުންބުޅުން ހުރިގޮތް އަދި އެމީހެއްގެ ކިބައިގައި މީހުންނާއިމެދު ކުލުނު ހުރިވަރަކާއި ތެދުވެރިކަން ސާބިތުކުރިވަރާއި މެދު ވިސްނީ ވަރަށް މަދުބަޔެކެވެ. މިހާލަތުގައި ގޮތް ނިންމުމުން ނިކުތް ނަތީޖާއަކީ މަޖިލިހަކީ ގޭތެރޭ މައިންބަފައިންގެ ތެރޭ ބަލަން ކަމުނުދާހާ ދަށްފެންވަރުގެ ތަނަކަށް އެތަން ބަދަލުވުމެވެ. މިއީ މިއޮތް ތަހުޒީބު ޒަމާނު، މިގައުމުގައި މިއޮތްހާ ތައުލީމީ ޖީލަށް ކުރެވޭ މަލާމާތެކެވެ. އަހަރުމެންގެ އަމިއްލަ ނަފުސު އެންމެ ޖާހިލިއްޔަ ޒަމާނަށް ގެންދެވޭ އަމަލެކެވެ.

އަނެއްކާވެސް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބެއް ބޯމަތިވެފައިވާއިރު، އަޅުގަޑުމެން އެންމެހައި ރައްޔިތުން ތަމްސީލުކޮށް އެމަޖިލިހުގައި ވާހަކަ ދައްކާ ވަކާލާތު ކުރަން ދިއުމުގެ ޝައުގުވެރިކަން ހުރި، ހުރިހާ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ސުވާލުތަކެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަޖިލިސް މެމްބަރެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ހަގީގަތުގައިވެސް ތައްޔާރުތޯ އަހަން އެބަޖެހެއެވެ. ލަގަބުގެ ޝައުގުވެރިކަން އެއްކިބާކޮށް ތިމާ ކުރިމަތިލާން ގަސްތުކުރާ ދާއިރާގެ ކަންކަމާއިމެދު ދިރާސާކޮށް ތިމާއަށް އޮތީ ބެލިފައިތޯ އާއި އެފަދަ ކަންކަމާއި ވަކާލާތުކޮށް، އެކިއެކި ދޮރޯށިން ވަދެ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އެކު ވާހަކަ ދައްކާ ހައްލު  ހޯދުމުގެ ބަރުދަން އުފުލުމުގެ ހަކަތައާއި މައުލޫމާތު އެބަހުރިތޯ އަހަން އެބަޖެހެއެވެ. ރައްޔިތުންނާއި ބައްދަލުކޮށް މުޅި ޖުމްލަ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި ދިރާސާކޮށް އެކަމާއިމެދު ހަދަންޖެހޭ މައުނަވީ ރިޕޯޓު ހެދުމުގެ ފެންވަރު އެބަހުރިތޯ ސުވާލު ކުރަން އެބަޖެހެއެވެ. ހުށަހެޅޭ ބިލުތަކާއިމެދު ވާހަކަ ދެއްކުމަށް ކުރަންޖެހޭ ދިރާސާތަކާއި ކަމާއި ގުޅުން ހުރި ދިމަދިމާލުން ރައުޔު ހޯދުމާއި ދުނިޔޭގެ ކުރިއަރާތިބި އެކިއެކި ގައުމުތަކުގައި އެފަދަ ކަންކަން ކުރިއިރު ދިމާވި ޗެލެންޖުތަކާއި އެއިން އަރައިގަތްގޮތް ބަލާ ހޯދާނެ ގާބިލުކަން އެބަހުރިތޯ އަހަންޖެހެވެ.

 

ރައްޔިތުންގެ މަޖިލިހަކީ ތިމާއަތުގަ ފައިސާ  ހުރުމުން މީހުންގެ ހާލަތާއި ކުޅެ ކާމިޔާބުކޮށްގެންގޮސް ވަދެ ތިމާގެ ޖާހާއި ތަނަވަސްކަން އިތުރު ކުރަންއޮތް މައިދާނަކަށް ނުވަތަ ބާޒާރަކަށް ހެދިޔަ ދީގެން ވާކަށްނެތެވެ. ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މަޖިލިހަކީ މުހިންމު ދައުރެއް ކުޅެންޖެހޭ އެންމެހައި ރައްޔިތުންގެ ޖަޒުބާތާއި ދިރިއުޅުން އަދި މުޅި ދިރިއުޅުމާއި ގުޅިފައިވާ ރައްޔިތުންގެ ވިންދާއިއެކު ހިނގަންޖެހޭ ތަނެކެވެ.  

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ރައްޔިތުންނާއި ގުޅުންހުރި ހުރިހާކަމެއް ވަރަށް ސާފުކޮށް އެނގެންޖެހޭ ބައެކެވެ. ކުރިމަތިލާ ދާއިރާއަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ސާފުކޮށް އެނގޭތޯ؟ ތިޔަ ދާއިރާއަށް ކަނޑައެޅިފައިއޮތް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ތަކާއި މެދު ވިސްނާ ހެދިންތޯ؟ އެއިން ކަމެއް ތިޔަ ދާއިރާއަށް ކަނޑައެޅިފައިއޮވެ އެކަން ނުވެދިޔަ ސަބަބާއި މެދު ވިސްނާ ބެލިންތޯ؟ ދާއިރާ އަށާއި މުޅި ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ލިބިފައިވާ ފައިސާ ހޭދަވީ ކިހިނެއްތޯ ބަލާ ހޯދާނެ ގޮތެއް އެނގޭތޯ؟ އިގުތިސާދީ ބަހުރުވަ އަޑުއަހައި އިގުތިސާދީ ބަހުރުވައިން ވާހަކަ ދައްކަން އެނގުމަކީ މަޖިލިސް މެމްބަރުންގައި ހުންނަންޖެހޭ މުހިންމު ސިފައެއްކަން އެނގޭތޯ؟ ގައުމުގެ އިގުތިސާދީ، އިޖުތިމާއީ، އަދި ސިއްހަތާއިބެހޭ ސިޔާސަތު ރަގަޅަށް އޮޅުންފިލާތޯ؟ ތިމާ ކުރިމަތިލާ ދާއިރާއަށް މިދެންނެވި ކަންކަން އުނިވެފައިވަނީ ކިހާވަރަކަށްކަން އެނގޭތޯ؟ ދިރިއުޅޭ އަމިއްލަ ރަށް ދޫކޮށް ވެރިކަންކުރާ ރަށަށް އައިސް ދިރިއުޅެނީ ކޮން ސަބަބުތަކަކާއިހުރެކަން އެނގޭތޯ؟ އެއްވެސް އިންސާނަކު އުފަލާއިއަރާމު ދޫކޮށް ދަތިއުނދަގޫ ގޮތް ޚިޔާރުކުރަނީ ކޮން ކަންކަމެއްގެ އަސާސަށް ބިނާކޮށްކަން އެނގޭތޯ؟ މިކަންކަމާއިމެދު މަޝްހޫރު ޕޮލިޓިކަލް ފިލޯސޮފަރ އެރިސްޓޯޓްލް ވިދާޅުވެފައިވަނީ ނުވަތަ އެރިސްޓޮޓްލް ގަބޫލުކުރެއްވީ "ފްރޮނެސިސް" ނުވަތަ އަމަލީ ޙިކުމަތަކީ ރަނގަޅު ސިޔާސީ މީހަކަށް މުހިންމު ސިފައެއްގެ ގޮތުގައެވެ. އޭނާ އަދިވެސް ވިދާޅުވީ "މަޖިލީހުގެ މެންބަރުންގެ ކިބައިގައި ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ގާބިލްކަމާއި، ދާއިރާގެ ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް އެނގި، އާންމު ހެޔޮކަމުގެ ފުން ވިސްނުމެއް އޮންނަން ޖެހޭނެއެވެ."

މިކަންކަން ހައްލުކޮށް ކުރިމަގަށް ފަހިވާނެ ލަނޑުދަނޑިއެއް ހިފައިގެންނޫނީ ރައްޔިތުން ކައިރިއަށް ވޯޓުގެ ވާހަކަ ދައްކަން ދިއުން ހުއްޓުވަން އެބަޖެހެއެވެ. އެކަން ކުރެވޭނީ އާންމު ރައްޔިތުންނަށެވެ. ތިޔަ ރައްޔިތުންގެ ކުރިމައްޗަށް އަންން ކެންޑިޑޭޓުންނާއި ސުވާލު ކުރުމަކީ ލާޒިމް ކަމަކަށް ހަދަން އެބަޖެހެއެވެ. އަހަރުމެންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ މަސައްކަތަކާއި ހަވާލުވާއިރު އެކަމުގެ ޒިންމާ ހަވާލުކުރާހާ ގާބިލުތޯ ބަލާ ހޯދުމަކީ އަހަރުމެންގެ ޒިންމާއެއްކަން ގަބޫލުކޮށް އެކަމުގައި އަމަލީ ސިފަ ގެންނަންމިއޮތީ ޖެހިފައެވެ. އެއީ ފާއިތުވި ދެތިން ދައުރެއްގެ މައްޗަށް ބަލައިލީމަ ކަންހިނގައިފައިވާ ގޮތުން އެގޮތް ދެން ތަކުރާރު ކުރުމުން އަހަރުމެންގެ ގައުމު ފުންވަޅުގަނޑެއްގެތެރޭ ތާއަބަދު ތިބެންޖެހިދާނެފަދަ ނުރައްކާތެރި ކަމަކަށްވާތީއެވެ. 

މަޖިލިހަށް ހޮވަންވީ ތިމާގެ ގާނޫނީ ވާޖިބާއި އިޖުތިމާއީ ޒިންމާ ފުރިހަމައަށް ނަގަންއެނގޭ ތައުލީމާއި، މައުލޫމާތު އަދި ތަޖުރިބާހުރި ތަސައްރަފު ފުދޭ މީހުންނެވެ. އެމީހަކު ގޮސް ދައްކާ ވާހަކައަކުން ގައުމަށް ފައިދާހުރި ވާހަކަ ދެއްކޭވަރު މީހުންނެވެ. ތިމާގެ ކިބައިގައި ހުރި ފެންވަރެއްގެ ބޭނުންކޮށް ތާއަބަދު ގައުމުގެ ކުރިއެރުމާއި ތިމާގެ ދާއިރާގެ ރައްޔިތުންނަށް މަންފާ ހޯދާދެވޭވަރު މީހުންނެވެ. ހޮވަންވީ ބާރުހުރި ފައިސާ ގިނަ މީހާއަށް ބަލައިފައެއްނޫނެވެ. ވަކި ޖަމާއަތަކަށް ވީތީ އެޖަމާއަތުގެ މީހުން ހިފާގެންގުޅޭ  އާލާތެއްގެ ގޮތުގައި ބޭނުންކުރާ މީހަކު އެމީހުންނާއި ހަވާލުކުރާ ވިސްނުން ދޫކޮށް ފެންވަރު ހުރި ތިމާގެ އަމިއްލަ ސިކުނޑިން ވިސްނާފަ ބަސްބުނެ ކަންކުރާނެ މީހުން ހޮވުން މުހިންމު ވެއްޖެއެވެ. މިގައުމުގެ މުސްތަބުބަލު ބިނާވާނީ މި މަޖިލިހަށް ފޮނުވާ މީހުންގައި ހުރި ފެންވަރަކާ ތަސައްވުރެއް އަދި އިސްތިގުލާލަކާއި ހުރި މުސްތަގިއްލު ތެދުވެރި ކަމެއްގެ މައްޗަށްކަން އަހަރުމެން ގަބޫލުކުރަންޖެހިއްޖެއެވެ. 

ޕޮލިޓިކަލް ފިލޯސޮފަރ ރޫސޯގެ "އާންމު އިހުތިޔާރު" (ޖެނެރަލް ވިލް")ގެ ކޮންސެޕްޓްގައި ކަނޑައަޅާފައި ވަނީ ޕާލަމެންޓް މެމްބަރުން އެމީހުންގެ އަމިއްލަ މަސްލަހަތަށް ނުވަތަ ވަކި ޖަމާއަތްތަކެއްގެ މަސްލަހަތަށް ވުރެ މުޖުތަމައުގެ މަސްލަހަތަށް އިސްކަން ދޭށްޖެހެއެވެ. އެމީހުންގެ ވިސްނުމާއިފިކުރު ހުންނަންޖެހޭނީ އާންމު މަސްލަހަތަށާއި މުޅި މުޖުތަމައުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ވައުދަކާއި އެކުގައެވެ، މިނޫން ދެވަނަ ގޮތެއް އޮވެގެންނުވާނެއެވެ. 

ކުރިމަތިލާން އަންނަނީ މިފަދަ މީހުންތޯ ބަލާ ސުވާލު ކުރަންޖެހިއްޖެއެވެ. އެކަން ނުކޮށް ތިބުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ.