ލޭނުއެޅުން ހުއްދަކުރުމުން އުފެދޭނީ ކޯޓާގެ ކަޅުބާޒާރެއް: މައުރޫފް
ނުބައި އަސަރު ކުރާނީ އާދައިގެ މަސްވެރި އާއިލާތަކަށް
ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަކީ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމެއްކަމަށް ކެންދޫ ދާއިރާގެ މެނބަރ އޮނަރަބަލް މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. މައުރޫފް މިހެން ވިދާޅުވީ ލޭނު މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހަޅުއްވަމުންނެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުޅުވާލުމާއެކު އެކަން ކުރުމުގެ ހުއްދަ އާއި ކޯޓާ ލިބުމުގެ ފުރުސަތު ބޮޑަށް ފަހިވެގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. ކޯޓާ ހޯދުގެ ފުރުސަތު ދިވެހި އާންމު ރައްޔިތުންނަށް ނުލިބި އެމީހުންގެ އާމްދަނީ އާއި ވިޔަފާރި ބަގުރޫޓުވެގެން ހިނގައިދާނެ ކަމަށް މެންބަރު މައުރޫފް ވިދަޅުވިއެވެ.
ރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް ވަޒިރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. 15 އޮގަސްޓު 2024 ގައި އާންމުކޮށްފައިވާ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުން ބަދަލުކުރުމަށް ގޮޮވާލާ ކަމަށް މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ލޭނު މަސްވެރިކަން ހުއްދަ ކުރުމުން ކަނޑުގެ ދިރުންތައް ހަލާކުވުމަށް މަގުފަހިވެ، މަސްވެރިކަމުގެ އަމާޒަކަށް ނުވާ އަދި ނެތި ދިޔުމުގެ ބިރު ހީވެފައިވާ އެތައް ދިރުން ތަކަށް ވެސް ގެއްލުން ލިބި މަސްވެރިކަމުގެ ސިނާއަތަށް ތަފާތު ގޮތްގޮތަށް އޭގެ ގެއްލުން ކުރިމަތިލާން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެކަމުގެ ނޭދެވޭ އަސަރު މަސްވެރިކަމާއި ފަތުރުވެރި ކަމަށާއި ތިމާވެއްޓަށް ކޮށްފާނެތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މައުރޫފް ޒާކިރު ވަނީ ވިދާޅުވެފައެވެ. ލޭނު އަޅަން ހުއްދަ ދިނުމުން އޭގެ ނުބައި އަސަރު ކުރާނީ އާދައިގެ މަސްވެރި އާއިލާތަކަށް ކަމަށް މެންބަރު މައުރޫފް ފާހަގަ ކުރެއްވިއެވެ.
އަނެއްކޮޅުން މަސްވެރިކަމުގެ މާކެޓް މޮނޮޕޮލައިޒްކުރުމުގެ ބިރު ވެސް އިންތިހާއަށް އޮންނާނެކަންވެސް މައުރޫފް ޒާކިރު ފާހަގަކުރެއްވިއެވެ. ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން އާހިރުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދިވެހިން ތިބެން ޖެހޭނީ މަހަށް ހަމަ އަގު ނުލިބި ކަމަށާއި އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ކަނޑުގެ ދިރުންތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.