ޝުޖާއަށް: 925 މިލިޔަން ދެއްކުނީ މުއިއްޒުގެ މޮޅު ކަމަކުންނޫން

ޝުޖާއަށް: 925 މިލިޔަން ދެއްކުނީ މުއިއްޒުގެ މޮޅު ކަމަކުންނޫން

ކަންކަން ނުކުރެވި ދެއަހަރު ފާއިތުވުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ނުދައްކާށެވެ. ވެރިކަމަށް އައުމުގެ ކުރީންވެސް 2026 ވަނަ އަހަރުގެ އެޕްރީލް މަހު 1 ބިލިޔަނަށް ވުރެ ގިނަ ޑޮލަރ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭނެކަން އެނގޭނެއެވެ.

ފެހި ސިގްނަލްތައް ދިއްލިފައި އޮވެގެން ވެރިކަމަށް އައި ބަޔަކު 925 މިލިޔަން ޑޮލަރގެ ދަރަނި ދައްކައިފީމޭ ކިޔަން ލަދެއް ނުގަނޭހެއްޔެވެ. ބަލަގަ ތިޔަ ބުނާ 925 މިލިޔަނެއް ދެއްކުނީ ކަލޭމެންގެ މޮޅުކަމަކުން ނޫނެވެ. ކަލޭމެން އައުޓްކުރަން އުޅުނު އިންޑިއާގެ ހެޔޮކަމުންނެވެ. ދިވެހި ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނާ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. 

500 މިލިޔަން ޑޮލަރުގެ ސްކޫކް ދެއްކުނީ އިންޑީއާ އިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީއެއް އޮތީތީއެވެ. ގައުމުގެ ރިޒާވްގެ ފޫކަހާލައިގެން ވެސް ސްކޫކް ދައްކަން ހަމަ ކުރެވުނީ އެންމެ 100 މިލިޔަން ޑޮލަރު ނޫންހެއްޔެވެ. އަނެއްކޮޅުން އެޕްރީލް 23 ވީހުގައި ދައްކަން އޮތް 400 މިލިޔަން ޑޮލަރު ތިޔަ ދެއްކުނީ ރިޒާވްގައި ބާކީ އޮތް 80 މިލިޔަން ޑޮލަރާއި އިންޑިއާއިން ދަރަނި ދައްކަން ދިން 320 މިލިޔަން ޑޯލަރުގެ ކަރަންސީ ސްވެޕްގެ ފައިސާކޮޅު އެއްކޮށް ދީގެން ނޫން ހެއްޔެވެ. އަންނ އަހަރުގެ މެއި މަސް އަންނަން ވާއިރަށް އެ 320 މިލިޔަން ޑޮލަރ ދެއްކޭނެ ގޮތެއް ހޯދޭތޯ އުޅެބަލާށެވެ. 

މަތިހަށި ނަގާފައި ދަރަނި ދައްކަނީއޭ ކިޔާއިރު އަބޫދާބީ ފަންޑަން މިމަހު ދައްކަންޖެހޭ 100 މިލިޔަން ޑޮލަރުވެސް ރޮއިހޭރިގެން 2031އަށް ދެއްކުން ލަސްކުރީމާ ދަރަނި ދެއްކުނުކަމަށް ވޭހެއްޔެވެ. ދައްކަން ޖެހޭ ބޮޑެތި ލޯނުތައް އޮއްވާ ތިމަންނާމެންނަކީ މާގަދަބައެކޭ ލޯނުދައްކަން އެއްވެސް ހުރަހެއް ނެތޭ ކިޔައިގެން ވެރިކަމަށް އަރަތިބެ ތިޔަ ދައްކަނީ ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. 

ވެރިކަމަށް އަރާ އިންޑިއާ ޖެހިގަތްގަތީނުން ރާއްޖޭގެ ޓޫރިޒަމަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުންދީ ޑްރޯނާއި ހަތިޔާރުގަނެ ވަޒީރުންނަށް 20 ކާރުގަނެ، ޓެކްސީ ލައިނުގެ ނަމުގައި 150 ކާރު ގަންނަން ލިބުނު އާމްދަނީ ބައެއް ތަޅާލީ ފޯރާފާ ދިގުވެގެން ނޫން ހެއްޔެވެ. ބައިހަދާފައި ވެރިންގެ ޓީމުތައް ފަސްޓް ކުލާހުގައި ދުނިޔޭގައި އުދުހުނީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ވެގެން ނޫން ހެއްޔެވެ. ރަސްމާލެ ހިއްކަން އެތައް މިލިޔަން ޑޮލަރެއް އުކާލީ ކާކު ބުނެގެން ހެއްޔެވެ. ދުނިޔޭގެ އެތައް ގައުމެއްގައި އެންބަސީ ބަހައްޓައިގެން އައުވާނުން އަޅާ ފުރައިގެން ކޮންމެ މަހަކު އެތައް މިލިޔަން ޑޮލަރެއް އިސްރާފުކުރަނީ ގޮތެއް ފޮތެއް ނެތީމައެވެ. 

2 އަހަރު ބައި ވަންދެން ތަރައްގީ މަޝްރޫއުތައް ނުހިންގާ ދަރަނި ދެއްކީއޭ ކިޔައިގެން ބާރަށު ޝުޖާއުމެން އަނގަދިޔާ ކުރަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. ވައިބާރު ދުވަހެއްގައި އަރުވާފައި އޮތް ރާރާ ގުޑިއެއްހެން އަޑުގޮއްވިޔަސް ކުރާ ވައްކަމާއި ދަވާލާ ދަވާލުމަށް ރައްޔިތުން ބުނަނީ ނޫނެކޭކަން ގަބޫލުކޮށް ތިޔަ ބުނާ ޕީއެންސީގެ ހަގީގީވެރިކަން ދެން ކުރަން އުޅޫނެކަމެއްނެތެވެ.