މުއިއްޒު ބޭނުންނަމަ ހުޅުމާލެ އޮންނާނީ ސިޓީ ކައުންސިލް ދަށުގައި
ރައީސް މުއިއްޒު ކުރައްވަން ބޭނުންފުޅު ކަމެއް ނުކުރެވިއެއް ނުއޮންނާނެއެވެ. ބޭނުންފުޅު ވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމު ގެއްލުވާލުމުގެ ބާރު އަތްޕުޅަށް އެހުންނެވީ ނަންގަވައިގެންނެވެ. ބޭނުންފުޅު ވުމުން ސްޕްރީމްކޯޓުގެ ބެންޗަށް ބޭނުންފުޅު ގޮތެއް ހެއްދެވެއެވެ. ބޭނުންފުޅު ވުމުން އަތޮޅު ކައުންސިލްތައް އުވާލައްވައިފިއެވެ. ބޭނުންފުޅު ގޮތަށް ރަށު ކައުންސިލްތައް ކުޑަކޮށް ލައްވައިފިއެވެ.
އަތްޕުޅަށް އެވަރުގެ ބާރުތައް ނަންގަވައިގެން ހުންނެވި ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ. ކައުންސިލުން ހަވާލުނުވާން އުޅުނަސް ކައުންސިލަރުންނާއި މޭޔަރ ބަދަލުކުރައްވައިގެން ވެސް އެކަން ކުރެއްވީހެވެ.
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް އެޗްޑީސީން ވަކިކޮށް މާލެސީޓީ ކައުންސިލަށް ދެއްވުމަކަށް ރައީސް ބޭނުންފުޅެއް ނުވެއެވެ. ރިޔާސީ ކެންޕޭނު ކުރެއްވީ ސިޓީ ކައުންސިލްގެ މޭޔަރ ގޮތުގައި ހުންނަވައިގެން ކަމުން ރިޔާސީ ވައުދަކަށް އެކަން ވީއެވެ. ރިޔާސީ ވައުދަކަށް އެކަން ވިޔަސް ވެރިކަން ލިބި ވަޑައިގަތުމުން ވިސްނުންފުޅު ބަދަލުވީއެވެ. ރައީސް ބޭނުންފުޅު ގޮތަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލޭގެ ހުރިހާކަމެއް އޮތުމެވެ. މޮހަނަށް ދޯނި ދޭހެން ހުޅުމާލޭގެ މިސްކިތްތައް ބެލެހެއްޓުން ނޫންކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމަކަށް ރައީސް މުއިއްޒު ބޭނުންފުޅެއް ނުވެއެވެ. އެވެސް ނަމެއްގައެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ހަވާލު ނުކުރެއްވިގެން އުޅެނީ ސިޓީ ކައުންސިލްގެ ސަބަބުން ކަމަށް ވިދާޅުވަނީ ވައުދު ނުފުއްދަވަން ވެގެންނެވެ. މާލޭ މޭޔަރ އާދަމް އާޒިމް ކިތަންމެ ސިޓީއެއް ފޮނުއްވަވާ މަޝްވަރާ ބައްދަލުވުންތައް ސަރުކާރުގެ އިދާރާތަކާއެކު ފުލުފުލުގައި ބޭއްވެވިޔަސް ރައީސް ބޭނުންފުޅު ނުވަނީސް އެކަމެއް ނުވާނެއެވެ. ރައީސް އަދި އެކަމެއް ނުކުރައްވާނެއެވެ. މޭޔަރަކަށް އާޒިމާ ޝަކޫރު ހޮވުނުނަމަ އެކަން ކުރެއްވީސް ތޯއްޗެކެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދަން ކައުންސިލުން ފާސްކުރަންޖެހޭ ކަމެއް ނުއޮންނާނެއެވެ. ޑެޕިއުޓީ މޭޔަރާއި ވިލިމާލެ ކައުންސިލަރަށް އެކަމެއް ނޭނގެއެވެ. މޭޔަރ މުއިއްޒާ ގުޅުންހުރު މައްސަލައެއް އެޖެންޑާ ކުރެވިއްޖެނަމަ ކޯރަމް ގެއްލުވާލާ ކައުންސިލަރުންތަކެއް ނިކުމެ ރައީސް މުއިއްޒުގެ ރުހުން ހޯދަން ދިފާއުގައި ވާހަކަ ދެއްކުމަކީ އަޖައިބެއް ނޫނެވެ.
ކޮންމެ މީހަކު ކޮންމެ ރާގެއްގައި ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކީއްކުރަން ހެއްޔެވެ. މުޅި ހުޅުމާލެވެސް އޮތީހީ މާލެ ސިޓީކައުންސިލް ދަށުގައެވެ. އޮޅުވާލައްވާ ކަމުން ރެކެން ރައީސް މުއިއްޒެއް ކަމަކު އުޅުއްވާނެ ކަމެއްނެތެވެ.






