އޭއައި އެޕަކުން ފުލުހުންނަށް މަރެއްގެ ދޮގު މައުލޫމާތެއް ދީފި

އިންސާނީ ބެލެނިވެރިކަމާނުލާ އޭއައި އިންޓަރނެޓްގައި ހަރަކާތްތެރި ވުމުގެ ކަންބޮޑުވުމެއް

އޭއައި އެޕަކުން ފުލުހުންނަށް މަރެއްގެ ދޮގު މައުލޫމާތެއް ދީފި

އެންތުރޯޕިކް ކުންފުނިން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއަކުން، އޮޓޮމޭޓެޑް ޓެސްޓެއްގެ ތެރެއިން، ފިލަޑެލްފިއާ ފުލުހުންނަށް މަރުގެ މައްސަލައަކާ ގުޅޭ ދޮގު މަޢުލޫމާތެއް ފޮނުވައިފިއެވެ. މި ހާދިސާއާ ގުޅިގެން، އިންސާނެއްގެ ބެލުމުގެ ދަށުން ނޫންގޮތަކަށް އޭއައި ނިޒާމުތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ދޮގު މަޢުލޫމާތު ފޮނުވާފައިވަނީ ⁰ނުނިމި ހުރި މަރުގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ހިއްސާކުރެވޭ ގޮތަށް ހަދާފައިވާ PhillyUnsolvedMurders.com ވެބްސައިޓް މެދުވެރިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން، މި އޭއައި މޮޑެލް ޓެސްޓުކުރުމުގެ ތެރޭގައި އެ ވެބްސައިޓަށް ވަދެވި، މައްސަލައާ ގުޅޭ މަޢުލޫމާތު އެނގޭ ކަމަށް ހެދިގެން ހަގީގަތާ ހިލާފު މަޢުލޫމާތުތަކެއް ވަނީ ހުށަހަޅާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އެ މަޢުލޫމާތަކީ "ސްޕޭމް" ނުވަތަ ބޭކާރު އެއްޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީ، މައްސަލަ ތަހުގީގުކުރާ ފަރާތްތަކާ ހަމައަށް އެ މަޢުލޫމާތު ގޮސްފައެއް ނުވެއެވެ. އަދި ފުލުހުންގެ އެއްވެސް ނިޒާމަކަށް ގެއްލުންވެފައި ނުވަތަ އެއްވެސް މައުލޫމާތެއް ވަގަށް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

އެންތުރޯޕިކް ކުންފުންޏަށް މި ހާދިސާ ފާހަގަވީ ސެޕްޓެމްބަރު 28 ގައެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހު އެކަން ފުލުހުންނަށް ވަނީ އަންގާފައެވެ. އެ ކުންފުނިން މިހާރު ވަނީ މިކަމަށް މެދުވެރިވި ޓެސްޓިންގ މަރުހަލާ ހުއްޓާލައި، ސަލާމަތީ ފިޔަވަޅުތައް މުރާޖައާކުރަމުންދާ ދަނޑިވަޅުގައި "ކްލޯޑް" އޭއައި އަށް އިންޓަނެޓް ބޭނުންކުރެވޭ ގޮތަށް އޮތް އޮތުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ފިލަޑެލްފިއާ ފުލުހުން ވަނީ މި ހާދިސާ ރިޕޯޓްކުރުން ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި މަރުގެ މައްސަލަތަކާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމަކީ އަނިޔާ ލިބުނު އާއިލާތަކަށާއި ތަހުގީގު ކުރާ ފަރާތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، އިންސާނުންގެ ސީދާ ބެލުމެއް ނެތި އޭއައި ނިޒާމުތައް އިންޓަނެޓްގައި މަސައްކަތް ކުރުމާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.