ވަފާތެރިވުމުގެ އިނާމް ފައިސަލް ނަސީމަށް
އިނާޔަތް ލިބޭ ފުރަތަމަ ނައިބު ރައީސަކަށް ފައިސަލް ނަސީމް
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސުންނަށް ދައުލަތުން އޮފީސް ހިންގުމުގެ ހަރަދާއި ހުންނެވުމުގެ ހަރަދާއި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ބޭސްފަރުވާއާއި ރައްކާތެރިކަމާއި މާލީ އިނާޔަތް މިހާތަނަށް ލިބި ވަޑައިގަތެވެ. އެހެން ނަމަވެސް އެއްވެސް ގާނޫނެއްގެ ދަށުން ކުރީގެ ނައިބު ރައީސުންނަކީ ދައުލަތުން އެއްވެސް އިނާޔަތެއް މިހާތަނަށް ލިބިވަޑައިގެން ބޭފުޅުންނެއް ނޫނެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް މިޙާރުވަނީ ގެނަސްފައެވެ. ގެނައި އިސްލާހުތަކާގުޅިގެން ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑުތަނުން ވަނީ ކުޑަވެފައެވެ. ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރި ނަމަވެސް މިހާތަނަށް ދައުލަތުން އެއްވެސް އިނާޔަތެއް ލިބިވަޑައި ނުގަންނަވާ ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭގޮތަށް ގާނޫނަށްވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ކޮންމެ މަހަކު 30،000ރ. އާއި ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ކުރީގެ ނައިބު ރައީސުނަށް ދައުލަތުން ހަމަޖެހިގެން ދާނެއެވެ. ގާނޫނުގެ ދަށުން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ނައިބު ރައީސުންނަށް އެކަނި ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި 2007 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވައިފިއެވެ. ރައީސް ނަޝީދުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް ވަހީދުގެ ނައިބު ރައީސަކީ މުހައްމަދު ވަހީދުއްދީނެވެ. ރައީސް ޔާމީނުގެ ނައިބު ރައީސުންގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު އަދީބާއި އަބްދުއްލާ ޖިހާދު ތިއްބެވިއެވެ. ރައީސް ސޯލިހުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ ފައިސަލް ނަސީމެވެ.
ކުރީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ ތެރެއިން މަގާމުގައި ފުރިހަމަ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުނު ހަމަ އެކަނި ބޭފުޅަކީ ރައީސް ސޯލިހުގެ ނައިބު ރައީސް ފަައިސަލް ނަސީމެވެ. އެއްވެސް އެހެން ބޭފުޅަކަށް މަގާމުގައި ރިޔާސީ ދައުރެއް ފުރިހަމައެއް ނުކުރެއްވުނެވެ. އެހެންކަމުން ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން މާލީ އިނާޔަތާއި ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބިވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހުގެ ނައިބު ރައީސް ފަައިސަލް ނަސީމެވެ. ފައިސަލް ނަސީމަށް އެލިބިވަޑައިގަތީ ވަފާތެރިވުމުގެ އިނާމެވެ.

