ފެންނަނީ ވަރުބަލިނުވެ ދަތުރުކުރާ ހައިމާކަކާއި ކޮޅުވެއްޓިއެއް: ރައީސް ސޯލިހު

ފެންނަނީ ވަރުބަލިނުވެ ދަތުރުކުރާ ހައިމާކަކާއި ކޮޅުވެއްޓިއެއް: ރައީސް ސޯލިހު

56 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވަމުންދާއިރު ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 56 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެގެންދާއިރު ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ހޯރަފުށި ދުވަސް" ފާހަގަކުރަން ހއ. ހޯރަފުށީގައި ރޭ ބޭއްވި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާއިރު ތަރައްގީގެ ގޮތުން ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމުގެ ޝަކުވާ ކޮންމެ ރަށަކުން ވެސް ކުރަމުންދާ ކަމަށެވެ.

"މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން. ކަމެއް ކުރި ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާއިރުގައި ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެއްވާ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް. އެ ނޫން އެއްކަމެއް ވެސް ނުފެނޭ،" އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ އެއްވެސް ޕްލޭނެއް ނެތި މަތިމައްޗަށް ވައުދުތައް ވަމުންދާ މަންޒަރު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް އައިއިރު 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. 

"މިއިން އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަން 15 މިލިއަން ޑޮލަރު ހަރަދުވާނެ. ކޮބައިތޯ ފައިސާ؟ އެ ފައިސާ ނެތި ކިތަންމެ ވައުދެއް ވިޔަސް އަދި އެކަން ކުރާނެ މީހުން ކޮބައިތޯ؟ ބޭރު ބަޔަކާ އެކަން ކުރަން ހަވާލުކުރަނީތޯ، ކޮށްފިއްޔާ އަނެއްކާވެސް މި ލިބޭ ޑޮލަރުކޮޅު އަނެއްކާވެސް ދާނީ ބޭރަށް،" ކަމަށް އިބޫ ވިދާޅުވިއެވެ. އެކަން ކުރަން ވާނީ ޕްލޭނަކާއެކު ފައިސާ ވެސް ހޯދައިގެން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރުން އެއާޕޯޓުތަކާއި ބިން ހިއްކަން ހަވާލުކުރަނީ ދުވަހަކު ވެސް މިފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ސަރުކާރުގެ ކުންފުނިތަކަކާއި ކަން ފާހަގަކުރައް ވަމުން ރައީސް ސޯލިހު ވިދާޅުވީ އެގޮތަށް ކަންކަން ކުރުމުން ރަނގަޅަށް ހިނގަ ހިނގާ ހުރި ކުންފުނިތައް ވެސް ހަލާކުވާނެ ކަމަށެވެ.