ގައްސާނު މައުމޫނު ދެއްވީ ޕީއެންސީ އިގުރާރުގެ ތަރުޖަމާއެއް

ޕީއެންސީ: ރިޔާސީ ޓިކެޓް ދިނީ ޔާމީނަށް | ވެރިކަން ދިނީ މުއިއްޒަށް

ގައްސާނު މައުމޫނު ދެއްވީ ޕީއެންސީ އިގުރާރުގެ ތަރުޖަމާއެއް

ގެއްލިދާނެ މަގާމަށްޓަކައި ކޮނޑުހުޅުން ނެއްޓެންދެން އަތް ޖެއްސަސް ޕީއެންސީ ކޮންގްރެހަކީ ފްލޮޕެއްކަން އެކަމުގައި ބައިވެރި އެންމެންނަށް ވެސް އެނގެއެވެ. މުއިއްޒާއެކު ނިކުމެގެން 2028 ގެ ވެރިކަން ކީއްކުރަން ހެއްޔެވެ. މަރުވެފައިއޮތް ބޯވައެއްވެސް ނުނެގޭނެކަން އެނގެއެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލާ މީހަކަށް ފަހަރެއްގައި އެހެން ގޮތަކަށް ފެނުނަސް މުއިއްޒަށް 2028 ނުލިބޭނެ ކަން ހުދު މުއިއްޒުވެސް ގަބޫލުކުރެއެވެ. 

ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައި އޮތްނަމަ ކޮންގްރެސް ބައިވެރިން ލައްވާ އިގުރާރުކުރުވާ ހުވާކުރުވާ ހަދާކަށް ނުޖެހޭނެއެވެ. އިގުރާރެއް ނުވިޔަސް ހިތުލޯތްބެއް އޮތްނަމަ ލޮލުން ބޮލުން އެދިގެން ވޯޓު ދޭނެއެވެ. ހޮވަން މަސައްކަތްވެސް ކުރާނެއެވެ. ކުރުވި އިގުރާރުގެ އިބާރާތްތަކަށް ބަލާލުމުން ކޮންގްރެސްގެ ބައިވެރިންނަށް މުއިއްޒު އިތުބާރު ނުކުރާކަން ވަރަށް ރަނގަޅަށް އެނގެއެވެ. 

މުއިއްޒާ އެކު ތިބި  އިސް ގިނަ މީހުންނަކީ ގެރިހަން ލައިގެން ތިބި ހިޔަޅުތަކެއްކަން މުއިއްޒަށް އެނގެންވާނެއެވެ. ރައީސް ޔާމީނު ނެތް ދުނިޔެއެއްގައި ނޫޅޭނެކަމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަތްހުވާކޮށްފައި ބުނަމުން މުއިއްޒަށް ވެރިކަން ޖަހައިގެނެދިން ބާޒުތައް ކިތަންމެ ބޮޑު އިގުރާރެއްވިޔަސް ވަފާތެރި ނުވާނެކަން ވެސް މުއިއްޒަށް އެނގެން ވާނެއެވެ.

ރައީސް ޔާމީނަށް 2023 ގެ ޓިކެޓް ވެސް ޝަރުތެއްނެތި އެ މިހުން ދިނެވެ، އާހިރުގައި ކަން ނިމުނީ ޔާމީނުގެ ޓިކެޓަކީ މުއިއްޒަށް ވެރިކަން ހޯދި ހުސް ގޮނޑިއަށް ވެގެންނެވެ. މިހާރުވެސް ވެރިކަމުގެ ފޮނިމީރުކަމުގައި ނެގެން އޮތްހާ ފައިދާއެއް ނަގަމުން ވެރިކަމެއް ނިމިދާއިރު ކަމެއްވިޔަނުދީ މަތިފަޑީގައި އެ ތިބެނިއްޔަކީ މުއިއްޒަށް 2028 ހޯދާދޭކަށް ނޫނެވެ. ވެރިކަމުގެ ތެރެއިން ނެގެން އޮތްހާ ފައިދާއެއް ހޯދާށެވެ.

އަދުރޭއާއި ސައީދާއި އާދަން ޝަރީފާއި ޝުޖާމެން ކޮންމެ ކުލައަކުން ފޮނު އެރުވިޔަސް އެ މީހުންގެ ހަގީގީ ސިފައަކީ ކޮބައިކަން ދާދިފަހުންވެސް އަދުރޭ ވަނީ ޔާމީނަށް ނިސްބަތްކޮށް ބުނެފައެވެ. އަދުރޭ ބުނިގޮތުގައި އަދުރޭއާއި ފަލާހާއި މުއިއްޒުގެ ވެރިކަމެއް ނުނިމެއެވެ. ނިމުނީ ޔާމީނުގެ ވެރިކަމެވެ. އެގޮތަށް 2028ގައި އަދުރޭމެން ނިންމާނީ މުއިއްޒުގެ ވެރިކަމެވެ. ހިންޏަށް ހަކުރު އޮޅުވާލާހެން މުއިއްޒަށް އޮޅުވާލައިގެން ވެރިކަމަށް ދޮންކުރަނީ ކާކުކަން ތިލަވާނެއެވެ.

ޕީއެންސީ ކޮންގްރެސްގެ ކާމިޔާބީ ގައްސާނު މައުމޫނު ސިފަކުރެއްވި ގޮތް މިސާލަކަށް ފުދެއެވެ. ގައްސާނު ދެއްވި މެސެޖަކީ ޕީއެންސީ މަތީ މަޖިލީހުގެ އިގުރާރުގެ ތަރުޖަމާއެކެވެ. " 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީ.އެން.ސީ.ން ކާމިޔާބު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުން، އެކަން ކަށަވަރު ކުރުމަށް، އިސްނަންގަވައިގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއި، ހިދުމަތުގައި އިހުލާސްތެރިވުމާއި، ގައުމަށް ވަފާތެރި ވުމުގެ އިތުރުންވެސް މި ޕާޓީ އަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ކުރުމަކީ، ޕާޓީގެ އެންމެހާ އާންމު މެންބަރުންގެ ހައްގުގައި، ޕާޓީގެ މަގާމުތަކާއި ހަވާލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އުފުއްލަވަންޖެހޭ ފަރުދީ މަސްއޫލިއްޔަތެއް" ކަމަށް ގައްސާނު އެ ވިދާޅުވީ އޮޅިގެނެއް ނޫނެވެ. 

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށާއި ހިދުމަތުގައި އިހުލާސްތެރި ނޫންކަމަށާއި ގައުމަށް ވަފާތެރި ނުވާކަމަށާއި މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ނޫން ކަމުން ބަޔަކު މަގާމުތަކަކާ ހަވާލުވިޔަސް މުއިއްޒަށް ވެރިކަން ލިބެންނެތްކަމަށް ގައްސާނު އެ ވިދާޅުވީ ސާފު ބަހުންނެވެ.