މާލެސީޓގެ އެމްޑީޕީ ކައުންސިލް، ޕީއެންސީއަށްވުރެ ޕީއެންސީ!

މާލެސީޓގެ އެމްޑީޕީ ކައުންސިލް، ޕީއެންސީއަށްވުރެ ޕީއެންސީ!

އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ ސްޕަރމެޖޯރިޓީއާއި މާލޭ މޭޔަރކަން ދިނީ ވައްކަން ފޮރުވާކަށް ނޫނެވެ. ހިނގާ ނިމިފައިވާ ބޮޑެތި ކޮރަޕްޝަންތަކުގައި މަތިއަޅާ ނުހިނގާ ކަމަކަށް ހަދާކަށްވެސް ނޫނެވެ. އެކްޓިވިސްޓުން ތަކަކަށް ބޮޑު މުސާރައާއި އިނާޔަތް ދޭކަށްވެސް ނޫނެވެ.

އެމްޑީޕީއަށް މާލެސިޓީ ކައުންސިލްގެ ސްޕަރމެޖޯރިޓީ ދިނީ މާލެ ސިޓީ ކައުންސިލްގައި ހިންގާފައިވާ ޖަރީމާތައް ބަލާ ފިޔަވަޅު އެޅުމަށެވެ. އެމްޑީޕީގެ މޭޔަރަކު އެކަނި ހުރެގެން ޕީއެންސީ ކައުންސިލަރުން ހުރަސް އަޅާތީ ކައުންސިލުން ކަރަޕްޝަންގެ މައްސަލަތައް ބެލޭނެ ގޮތް ހެދުމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމުގައި ޑރ. މުއިއްޒު ހުންނެވި އިރު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންތައް ރައްޔިތުންނަށް ނިކަން ރަނގަޅަށް ސާފުވާން ބޭނުންވެއެވެ. ބަލާ ފިޔަވަޅު ނޭޅުނަސް ކުޑަމިނުން އެކަން ކަމުގެ ހަގީގަތް ހާމަކޮށް އެނގެން ބޭނުންވެއެވެ.

ކުރިން ބުނަމުން އައީ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު އެކަނި ހުރުމުން އެކަން ނުވެެގެން އުޅެނީ ކަމަށެވެ. ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލެއް އޮވެގެން އެކަންކަން ވިޔަ ނުދެނީ ކަމަށް އޭރު ބުނަމުން ދިޔައެވެ. 

މާލެ ސިޓީ ކައުންސިލްގެ ކޮންމެ މައްސަލައެއް ވެސް ހިފެހެއްޓުމެއް ނެތި ބެލޭގޮތަށް އެމްޑީޕީއަށް މިހާރު އޮތީ ސްޕަރ މެޖޯރިޓީ ދީފައެވެ. ބޭނުން ގޮތަކަށް މައްސަލަތައް ބަލާ ހާމަ ކުރުމަކަށް އެއްވެސް ހުރަހެއް މިހާރަކު މާލޭސިޓީ ކައުންސިލަކަށް އޮވެގެން ނުވާނެއެވެ. ބަހަނާ ދައްކާކަށް މިހާރަކު ފުރުސަތެއް ނެތެވެ.

ރައީސް މުއިއްޒު މޭޔަރކަމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަންތައް ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށްދޭން ޖެހެއެވެ. ރައްޔިތުން އެެއްވާނަކަށް ނިކުމެ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީ މެންބަރުން ހޮވީ ގައުމީ މަސްލަހަތޭ ބުނެ ކަންކަން ސިއްރުކުރާކަށް ނޫނެވެ. 

މުއިއްޒު ގެ މޭޔަރކަމުގައި މާލޭން ވިއްކި ޕާކިން ސްލޮޓްތަކާއި އެތެރެކުރި ކަދުރު ރުކުގެ ޑީލާއި އާސަހަރާ މިސްކިތުގެ ކޮރަޕްޝަނާއި ގަސްވިއްކި ހިޔާނާތާއި ވަގު ބިޑްތަކާއި ބިންތައް ދޫކޮށްގެން ހިންގާފައިވާ ވައްކަންތަކުގެ ތެދު ހަގީގަތް ރައްޔިތުންނަށް އެނގެން ބޭނުމެވެ. ސާބިތުވުމާ ނުވުމާއި އަދަބު ލިބުމާއި ނުލިބުމަކީ މުޅިން އެހެން ކަމެކެވެ. 

ދައުލަތުގެ މާލީ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ތިޔަ ހިމާޔަތް ކޮށްދެނީ މޭޔަރ މުއިއްޒެވެ. ހަމަތެދެކެވެ. އިންތިހާބު ކޮށްދިން ރައްޔިތުންގެ މޫނުގައި ކޮރަޕްޝަންތައް ފޮރުވާ ދީގެން ތަފާލެއް ޖެހުން ބަލައެއް ނުގަނެވެއެވެ. މިހާ އަވަހަށް މަގާމަށް ހޮވި މަގުސަދު އޮޅި މުއިއްޒުގެ ޖަރީމާތައް ފޮރުވާ ދިނުމުގައި މާލެ ސީޓގެ އެމްޑީޕީގެ ކައުންސިލް ޕީއެންސީއަށްވުރެ ޕީއެންސީއެވެ.