އުމުރާ ދެގުރޫޕް ސަސްޕެންޑްކޮށްފި
އުމްރާވެރިންގެ ދެ އެޖެންސީއެއް ސައުދީ އަރަބިއްޔާއިން ސަސްޕެންޑްކޮށްފިއެވެ.
2026 ފެބްރުއަރީ 14 ވީ ހޮނިހިރު ދުވަހު ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި، މި ދެ އެޖެންސީ ސަސްޕެންޑްކުރީ މިސްރުން އެ ގައުމަށް ދިޔަ އުމްރާވެރިންނަށް ތިބުމުގެ އެއްވެސް އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
މައްކާ ރީޖަން ގަވަރުނަރޭޓުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގައި އިހުމާލުވި ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ އެޖެންޓުންނާ މެދު "ރެގިއުލޭޓަރީ ފިޔަވަޅުތައް" މިހާރު ވަނީ އަޅާފައެވެ. އަދި އެ އުމްރާވެރިންނަށް ބޭނުންވާ ތިބުމުގެ އިންތިޒާމުތައް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ފިޔަވަޅަކީ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބޭރުގެ 1,800 އުމްރާ އެޖެންސީއެއް ސަސްޕެންޑްކުރުމަށް ފަހު، އެ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މީގެ ކުރިން ސަސްޕެންޑްކުރި ކުންފުނިތަކަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ފިޔަވަޅު އަމާޒުކޮށްފައިވަނީ އާ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލުމަށެވެ.
ސައުދީ އަރަބިއްޔާއިން އުމްރާވެރިން އެ ގައުމަށް އެތެރެވާ ވަގުތުން ފެށިގެން ފުރަންދެން އެމީހުންގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަހައްޓައެވެ. މީގެ ތެރޭގައި ވިސާ، ހުއްދަތައް، ދަތުރުފަތުރު އަދި ހުރުމުގެ އިންތިޒާމުތައް ހިމެނެއެވެ. މިފަދައިން ކަންކަން ބަލަހައްޓަނީ އުމްރާގެ އިންތިޒާމުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، މީހުން ގިނަވުން ކޮންޓްރޯލްކުރުމުގެ އިތުރުން އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހަމައެކަނި ވިސާގެ ހިދުމަތް ދީފައި ހޮޓަލާއި ދަތުރުފަތުރުގެ އިންތިޒާމުތައް ފުރިހަމަނުކުރާ އެޖެންސީތައް ފާހަގަކޮށް ފިޔަވަޅު އަޅަމުންނެވެ.
ސައުދީ އަރަބިއްޔާގައި އުމްރާވެރިން ބޭތިއްބުމަށް ހުއްދަ ދީފައިވަނީ ވަކި ހާއްސަ ހޮޓާތަކަކަށެވެ. އެހެންކަމުން، އުމްރާވެރިންނާއި އެޖެންސީތަކުން ބުކިން ހަދާއިރު މި ހޮޓާތަކަށް އަމަލުކުރުމަކީ ލާޒިމު ކަމެކެވެ.




