ދިރާސާކުރާ ޗައިނާ އުޅަދު އަންނަނީ މުއިއްޒު ފައިހިއްޕަދޭންތަ!

ޗައިނާ ދަތުރުގައި ދިފާއީ ވަޒީރު އެއްބަސްވުމުގައި ސޮއިކުރެއްވި!

ދިރާސާކުރާ ޗައިނާ އުޅަދު އަންނަނީ މުއިއްޒު ފައިހިއްޕަދޭންތަ!

އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް ރާއްޖެ އަންނާތީ ހައިރާނެއް ނުވެއެވެ. ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް އިންޑްނޭޝިއާއަށް ވުރެ ހިދުމަތާއި ވަސީލަތުގެ ގޮތުން މާކުރީގައި ރާއްޖެ އޮތީމާ ވާނީ އެހެންތާއެވެ. އިންޑޮނޭޝިއާ ބޭރުގައި އޮވެފައި އެ ބޭނުމަށް ޗައިނާއަށް ދިޔުމަށްވުރެ މާދިގު ދަތުރެއް ކޮއްގެން ރާއްޖެ އައުން އެ މީހުނަށް ފަސޭހައީތާއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ޒަމީރެއް ކަމަކު ތަންކޮޅެއް ތާހިރު އެއްޗެއް ބުނިނަމަ މީހުން ގަބޫލުކޮށް ފާނެއެވެ. ހަމަ ތެދެކެވެ. އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރާކަށް ނޫނެވެ. ދިރާސާކުރާ ޗައިނާ އުޅަދު ރާއްޖެ އަންނަނީ މުއިއްޒު ފައިހިއްޕައިދޭނޭ މީހަކު ނެތިގެން މުއިއްޒު ފައިހިއްޕައި ދޭށޭ ބުންޏަސް މާ ތާހިރުވާނެއެވެ.

ވާނުވާ ނޭނގިގެނެއް އެކަކުވެސް ނޫޅެއެވެ. ހަގީގަތަކީ މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުނީއްސުރެ ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދު ރާއްޖެއަށް އޮތީ މިސްރާބު ޖަހާފައެވެ. ރާއްޖެއަށް އެއުޅަނދު ނުވަދެ މަޑުކުރަމުން ދިޔައީ އެކަމުގެ ވަގުތު ޖެހެންދެނެވެ. މިހާރު މިއޮތީ އެވަގުތު ޖެހިފައެވެ. ވަގުތު ޖެހުމުން އެ އަންނަނީއެވެ. 

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ ކަނޑުގެ ބާރުވެރިކަން ހޯދުމަށް އިންޑިއާ އާއި ޗައިނާއަކީ ޒަމާނުއްސުރެ ވާދަވެރި ދެގައުމު ކަމެވެ. އިންޑިއާ ކަނޑާ އައްސޭރި ފަށުން ގުޅިފައިވާ ކޮންމެ ގައުމަކީވެސް އެ ދެގައުމަށް ވަރަށް މުހިންމު ގައުމެކެވެ. އިންޑިއާ ކަނޑު ހިއްސާކުރާ ގައުމު ތަކުގެ ކޮންޓްރޯލު ވެވުނު ގޮތަކުން ނެގޭތޯ ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުމަކީ ޗައިނާއާއި އިންޑިއާ އަބަދުވެސް ކުރަމުންދާ ކަމެކެވެ. 

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖެއަށް އިންޑިއާއި ޗައިނާގެ ކަޅި އަބަދުވެސް އޮންނަނީ ހުއްޓިފައެވެ. އަވައްޓެރިކަމާއި ގާތްކަމުގެ ގޮތުން އެވޭލާ ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާ އޮންނަނީ ގުޅިލާމެހިފައެވެ. އެގޮތުން އަބަދުވެސް ރާއްޖޭގެ އެންމެ ބޮޑު މަދަދު ގާރެއްގެ ގޮތުގައި އޮންނަނީ އިންޑިއާއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް އެއްވެސް އިރެއްގައި އިންޑިއާ މަސައްކަތް ކޮށްފައެއް ނެތެވެ. ކުރަން އުޅުނުނަމަ އެއީ އެމީހުނަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ބެލެވެއެވެ. އިންޑިއާ އާއިއެކު ރާއްޖެ ކިތަންމެ ގާތް ގުޅުމެއް އޮތަސް ޗައިނާއާއި ރާއްޖެއާއި ދެމެދުވެސް ރަނގަޅު އެހީތެރި ގުޅުމެއް އަބަދުވެސް އޮވެއެވެ. 

އެހެން އެކަން އޮތް އިރު ރާއްޖޭގެ މުޅި ތާރީހުގައި ވެސް ޑރ. މުއިއްޒުގެ ވެރިކަމުގައި ނޫނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވީ ޒަމާނެއް ނާދެއެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެންމެ ފުރަތަމަ ކުރި އެއްކަމަކީ އިއްޑިއާ އާއި ރާއްޖެ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ނިންމުމެވެ. ކަނޑު ދިރާސާ ކުރުމުގެ އެއްބަސްވުން އައު ނުކުރާން ނިންމީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެއެވެ. 

އިންޑިއާ އާއި އެކުވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ރާއްޖޭން ނިންމުމާއެކު ދެން ފެނުނީ ޗައިނާގެ ދައުވަތަކަށް ދިވެހި ދައުލަތް އެއްކޮށް ޗައިނާއަށް ދިޔަތަނެވެ. ފުލުފުލުގައި ވިހިތިރީސް އެއްބަސްވުމުގައި ޗައިނާ އާއި އެކު ރާއްޖޭން ސޮއިކުރި ތަނެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު ވެވުނު އެތައް އެއްބަސް ވުމެއްގެ މައުލޫމާތު ދެ ސަރުކާރުން ވެސް ވަނީ ސިއްރު ކޮށްފައެވެ. ފޮރުވިފައި ފަހަތުގައިވަނީ ކޮންކަމެއް ކަމެއް ނޭގެއެވެ.

ޗައިނާއަށް ދިވެހި ވެރިން ކުރި ދަތުރުގައި ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާނު މައުމޫނު ވެސް އެއްބަސް ވުންތަކެއްގައި ސޮއިކުރެއްވިކަން އެގެއެވެ. ދިފާއީ ވަޒީރު ސޮއި ކުރައްވާނީ ދިފާއާއި ގުޅުންހުރި ކަންތައް ތަކެއްގެ މައްޗަށް ވެވޭ އެއްބަސްވުމެއްގައިކަން ނެނގޭނެ މީހަކު ނުހުންނާނެއެވެ. 

އިންޑިއާއަށް ޗައިނައިން ފާރަވެރިވުމަށް ހދ. މަކުނުދޫގައި ޗައިނާގެ ޖަސޫސީ އަޝްކަރީ މަރުކަޒެއް ބިނާ ކުރުމުގެ އެއްބަސްވުމަކާއި ހައިޑްރޯގްރަޕީ ދިރާސާ ކުރުމުގެ މަސައްކަތް ޗައިނާއިން ކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މިހެން ބުނުމުން އެކަން ދިވެހި ސަރުކާރުން ދޮގުކުރާނެއެވެ.  

ރާއްޖޭން އިންޑިއާ އާއި އެކުވެފައިވާ ހައިޑްރަގްރަފީ އެއްބަސް ވުމުގެ މުއްދަތު އިތުރު ނުކުރުމާއި، ޗައިނާއާއި އެކު ރާއްޖޭގެ ދިފާއީ ވަޒީރު އެއްބަސްވުން ތަކެއްގައި ސޮއިކުރުމާއި، ދިފާއީ އެއްބަސްވުން ތަކެއްގައި ރާއްޖޭން ޗައިނާއާއި އެކު ސޮއިކުރި ފަހުން ހުއްދަ ނުލިބިގެން ރާއްޖެ ނުވަދެ މަޑުކޮށްފައި އޮތް ޗައިނާގެ ހައިޑްރޯގްރަފިކް ދިރާސާކުރާ އުޅަނދު ރާއްޖެ ވަނުމަށް ކުއްލިޔަކަށް ހުއްދަ ދިނުމާ މިހުރިއްޔަކީ އިއްތިފާގެއް ނޫނެވެ. 

ކަނޑު ދިރާސާކުރާ ޗައިނާ އުޅަދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށޭ ފޮރިން މިނިސްޓްރީން ބުންޏަސް އެ ވާހަކަ ގަބޫލު ކުރާހާ މީހުން މޮޔައެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެގެން އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން އައުނުކޮށް ޗައިނާއަށް ހައިޑްރޯގްރަފީގެ މަސައްކަތް ހަވާލު ކުރުމުން ގައުމީ ސަލާމަތް ކޯދުލާ އަރާނީ ލަންކާގެ ހަންބަން ޓޯޓާ ދަށުލީ ގޮތަށް ނޫން ކަމެއް ނޭނގެއެވެ.