ޚުޠުބާ ވެސް ގޮވާލީ އާޒިމާގެ ދަރަނި އަދާކޮށްދޭން؟

އާއްމުންގެ ސިކުނޑިތަކަށް ޑރ. ޝަހީމް ވައްދަދޭން މިއުޅެނީ ކޮން އެއްޗެއް!

ޚުޠުބާ ވެސް ގޮވާލީ އާޒިމާގެ ދަރަނި އަދާކޮށްދޭން؟

ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ. މިއަދުގެ ހުކުރު ހުތުބާ ވެސް އޮތީ ދަރަނި ވެރިންގެ ދަރަނި އަދާކޮށްދޭން ގޮވާލާފައެވެ. އަގުބޮޑު ދިރިއުޅުމަކަށްޓަކާ މަކަރާ ހީލަތުން ދަރަނި ހޯދައިގެން ދަރަނި އަދާ ނުކޮށް ހުއްޓަސް ވަރިހަމަތާއެވެ. ކީރިތި ގުރުއާނުގައި އޮތް އެންމެ ދިގު އާޔަތުގެ މަފްހޫމަކީ ކޮބައިކަން އޮޅުވާލައިގެން އާއްމުންގެ ސިކުނޑިތަކަށް ޑރ. ޝަހީމް ވައްދަދޭން މިއުޅެނީ ކޮން އެއްޗެއް ހެއްޔެވެ. 

މާތްވެގެންވާ އިސްލާމު ދީނުގައި ދަރަނި ހުއްދަވަނީ ނުފޯރާ ފޮތިން ފޫގަޅާކަށް ނޫނެވެ. ދޭ ދަރަންޏަށް ގުނަގުނައަށް އިންޓްރަސްޓްގެ ނަމުގައި ރިބާގެ ގޮތުގައި ޓެކޭކަށްވެސް ނޫނެވެ. ދިވެހި އިސްލާމީ ދައުލަތުގެ މުޅި މާލީ ނިޒާމް ތަތްތެޅެފައި ވަނީ ކުޑައެއް ބޮޑެއްނެތި ދަރަންޏާ ރިބާއިންނެވެ. މިހެން އޮތް މުޖުތަމައެއްގައި ކާކަށް އަދާކޮށްދެވޭނީ ކާކުގެ ކޮން ދަރަންޏެއް ހެއްޔެވެ. 

އަންތަރީހެއް ނުވާނެހެއްޔެވެ. ހައި ހޫނު ހާލުގައި ޖެހިގެން މީހަކު ދަރަނިވެރި ވެދާނެއެވެ. ބޯހިޔާވަހިކަން ލިބޭނެ އެއްވެސް ގޮތެއް ނެތިގެން މީހަކު ދަރަނި ވެރިވެދާނެއެވެ. ބަލިހާލު ބޮޑުވެ ފުރާނަ ސަލާމަތް ކުރުމަށް އެހެން ގޮތެއް ނެތިގެން މީހަކު ދަރަނިވެރި ވެދާނެއެވެ. ދިމާވާ ކުއްލި ނުރައްކަލެއްގެ ސަބަބުން މީހަކު ދަރަނި ވެރިވެދާނެއެވެ. ބަނގުރޫޓު ވުމަކުން ސަލާމަތް ވުމަށް ދަރަނިވެރިވާން ޖެހޭ ހާލަތެއް އަތުވެދާނެއެވެ. އިސްލާމް ދީން ބާރުއަޅަނީ އެފަދަ ޒަރޫރަތްތެރިންގެ ދަރަނިތައް ފިލުވާ ދިނުމަށެވެ. ޒަކާތުންނާއި ޞަދަޤާތުން އަދާކޮށްދޭން ޝަރުއުވެފައިވަނީ އެފަދަ ދަރަނިވެރިންގެ ދަރަންޏެވެ. 

ހުސްވި ހަފްތާއަކީ ދަރަނީގެ އަޑު ރާއްޖޭގައި ފިސާރި ގަދަވި ހަފްތާއެކެވެ. މިއަދުގެ ހުކުރު ހުތުބާ ދަރަނި އަދާކޮށް ދިނުމުގެ މައްޗަށް ހާއްސަވީ އެހެން ވެގެން ކަމަށްވުން ގާތެވެ. އެހެނަސް ހުސްވި ހަފްތާގައި ގަދަވި ދަރނީގެ އަޑަކީ ސަމާސާ މީހެއްގެ ދަރަނީގެ ވާހަކައެއް ނޫނެވެ. 

ރާއްޖޭގައި ތިން ފަހަރަށް ބަންޑާރަ ނައިބުކަން ކޮށްފައިވާ ކަނބަލެއްގެ މައްޗަށް ސާބިތުވީ 4 މިލިއަން ރުފިޔާގެ ދަރަންޏެއްގެ ވާހަކައެވެ. ޕަބްލިކް އޮފީހަކަށް ނިކުތުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެގެން އުޅޭ ފުންނާބު އުސް ގާނޫނީ މާހިރެއްގެ މައްޗަށް ސާބިތުވި ދަރަންޏެއްގެ ވާހަކައެވެ. ލަގްޒަރީ ދިރިއުޅުމަކަށްޓަކާ އަގުބޮޑު ފްލެޓެއް ގަތުމަށް ނެގި ދަރަންޏެއް އަދާނުކޮށްގެން ސާބިތުވީ ދަރަންޏެއްގެ ވާހަކައެވެ.

އެ ހަބަރު ބޮޑު ހަބަރަކަށްވީ ރައްޔިތުންގެ ޒިންމާދާރު މަގާމަކަށް ވާދަކުރާ މީހެއްގެ މައްޗަށް އެވަރުގެ ދަރަންޏެއް ސާބިތުވުމެވެ. އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްގެން ކޯޓަށް ދިޔުމުން ކޯޓަށް އެކަން ސާބިތުވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ވެވޭ އެއްބަސްވުމަށް އިހުތިރާމް ނުކުރާ މީހަކަށް ރައްޔިތުން އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތެވެ. 

މިދައްކަނީ އާޒިމާ ޝުކޫރު ވާހަކައެވެ. ރާއްޖޭގެ ބަންޑާރަ ނައިބުކަން ކޮށް ރައީސުލްޖުމްހޫރިއްޔާ ލީގަލް މިނިސްޓަރ ކަން ކޮށްފައިވާ މީހަކު ވެވޭ އެއްބަސްވުމަށް އަމަލު ނުކުރީމާ އިތުބާރުކުރަންވީ ކާކަށް ހެއްޔެވެ. މ. އާސްތަނާ އަކީ ބުރިބުރިއަށް ނަގާފައިވާ އާޒިމާގެ މައިފުނަ ގެއެވެ. އެގެއިން އާޒިމާއަށް ބޯހިޔާވަހިކަން ލިބެން ނެތިއެއް ނުދާނެއެވެ. ޕްލެޓެނިއަމް ފްލެޓަކީ ބޯހިޔާވަހިކަން ލިބެން ނެތިގެން އާއިލާއަކުން ހޯދާވަރަށްވުރެ ލަގްޒަރީ ތަނެކެވެ. މަގާމާ ހައިބަތާ ގުޅޭވަރުގެ އަގުބޮޑު ތަނެއްގައި އުޅެން ޕްލެޓޭނިއަމް އެޕަރޓްމެންޓެއް ހޯދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެޕާޓްމަންޓް ގަތުމަށް ނެގި ދަރަނި އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމެވެ. 

އެންމެ ބޮޑު ގޯހަކީ މާސިންގާ ދަރަންޏެއް ގަވައިދުން އަދާނުކޮށް ހުރެ ދައުލަތުގެ ޒިންމާދާރު މަގާމަކަށް ކުރިމަތިލައިގެން ވާދަކުރަން އުޅުމެވެ. ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓްގައި އާންމު އިންތިހާބަކަށް އާޒިމާ ނިކުތީ މޭޔަރުކަމުގެ ޓިކެޓް ދިން ޕީއެންސީން އަޒިމާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާކުރުވަން ޖެހި ޗައްކަރެކޭ ނުބުނާ ވަރެއް ނޫނެވެ. އެންމެ ފަހުން ހުކުރު ހުތުބާގައިވެސް އެ ދެއްކީ ދަރަނި އަދާކޮށް ދިނުމުން ހުރި ސަވާބާ ދަރުމައިގެ ވާހަކައެވެ. 

ސަވާބާ ދަރުމައަށްޓަކާ ޒަކާތު ފަންޑުން ވިޔަސް އާޒިމާގެ ދަރަނި އަދާކޮށްނުދިއެއް ނުވާނެތާއެވެ. ފައިސާވެރިންނާއި ނިކަމެތިންވެސް ގިޔާމަތް މަހުޝަރަށްޓަކައި އާޒިމާގެ ދަރަނި އަދާކޮށް ދިނުމަށްވުރެ އެހެން ހެޔޮކަމެއް ނެތޭ ހުތުބާވެސް ބުނާ ކަހަލައެވެ.