މަސްވެރިއާއިލާތައް ބަޑަށްޖެހުމުގެ ރަތް ސިގްނަލް މަލިކުބައްތިއާ ހިސާބަށް
2025 ވަނަ އަހަރު ރާއްޖޭގެ މަހުގެ އެކްސްޕޯޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ވަކިން ހާއްސަކޮށް، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ކަނޑުމަހުގެ އެކްސްޕޯޓް 109 އިންސައްތަ އިތުރުވެ، މެއި މަހުގެ ނިޔަލަށް 38800 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ.
2025 ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 69564 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރުކޮށްފައިވެއެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު އެއީ 86.9 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭރުގެ ބާޒާރުތަކުގައި ދިވެހި މަހަށް އޮތް ޑިމާންޑް ބޮޑުވުމެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 69,564 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވާއިރު 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރެވުނީ 37213 މެޓްރިކް ޓަނެވެ.
އެގޮތުން ބަލާއިރު 2025 ނިމުނުއިރު ކަނޑުމަހުގެ އުފެއްދުންތެރިކަން 80.2 އިންސައްތަ އިތުރުވެ ޖުމްލަ 72,878 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެކަނިވެސް 31157 މެޓްރިކް ޓަނުގެ ކަނޑުމަސް އެކްސްޕޯޓް ކުރެވުނެވެ.
ކަންނެލީގެ އުފެއްދުންތެރިކަންވެސް ވަނީ 19.9 އިންސައްތަ އިތުރުވެފައެވެ. 2025 ވަނަ އަހަރު ބޭރުކުރި ރީނދޫ އުރަހަ ކަންނެލި 14950 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ.
2025 ގައި އެންމެ ގިނައިން ރާއްޖޭން މަސް ބޭރުކުރީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 53 އިންސައްތައެވެ. އިނގިރޭސި ވިލާތުން އެކްސްޕޯޓްގެ 18 ޕަސެންތް ހިއްސާކިރިއެވެ. މޮރިޝަސް، ފްރާންސް އަދި ވިއެޓްނާމަކީ ފާހަގަކޮށްލެވޭ ބާޒާރުތަކެވެ. މިހާބޮޑު ކުރިއެރުނމެއް ލިބުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި އަދި ތާޒާ ކަނޑުމަސް ގިނަ އަދަދަކަށް އެކްސްޕޯޓް ކުރެވުމެވެ.
މަސްވެރިކަމުގެ ހާލަތު އެހާ ރަނގަޅަށް އޮތްއިރު މަސްވެރިންނަށް އަދިވެސް ހަމައަގެއް ނުލިބެއެވެ. މަސްވެރިކަން ކުރުމަށް ބޭނުންވާ ތެޔޮލިބެނީ އިންތިހާއަށް ބޮޑު އަގުގައެވެ. ސަރުކާރުން މަސްވެރިންނަށް ތެޔޮ ފޯރުކޮށް ނުދެވި މަސްވެރިންގެ އާއިލާތައް ބަނޑަށް ޖެހުމުގެ ރަތް ސިގުނަލު މަލިކުބައްތިއާއި ހިސާބަށް ހުރީ ދިއްލި ދިއްލިއެވެ.




