ގިރާވަރުފަޅު ހިއްކާނިންމުން އިބިލީހު ކައިވަންޏަށް
ރައްޔިތުން ފޮރުވާފައި ހުރި ފައިސާއިން 650.7 މިލިޔަން ކައްވާލީ
ގިރާވަރުފަޅަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ހިއްކާންފެށި ތަނެކެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ގިރާވަރުފަޅުން ހިއްކުމަށް ނިންމާފައިވަނީ 120 ހެކްޓަރެވެ. ހިއްކަން ނިންމާފައިވާ 120 ހެކްޓަރުގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ހިއްކިފައިވަނީ 56 ހެކްޓަރެވެ. 64 ހެކްޓަރ އޮތީ ނުހިއްކިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެންމެ ފުރަތަމަ ގިރާވަރުފަޅު ހިއްކުން ހުއްޓާލީއެވެ. ނަމަވެސް ފަހުން ނިންމީ ގިރާވަރު ފަޅުން 164 ހެކްޓަރު ހިއްކުމަށެވެ. އެއީ ކުރީ ސަރުކާރުން ހިއްކަން ނިންމާފައިވާ އަދަދަށްވުރެ 40 ހެކްޓަރ އިތުރު އަދަދެކެވެ.
ރައީސް މުއިއްޒު ސަރުކާރުން ގިރާވަރުފަޅުން ހިއްކަން ނިންމި ސަރަހައްދު ހިއްކަން އަލުން ފަށަމުން ބުނެފައިވަނީ 2026ގެ މާރޗް މަހުގެ ނިޔަލަށް 164 ހެކްޓަރ ބިން ހިއްކާ ނިންމާނެ ކަމަށެވެ. ބިންހިއްކާ ނިންމާ ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދިން ތާރީހު ފަހަނައަލާގޮސް ބިން ނުހިއްކި ގޯތިތައް ނުދެވި ދިޔުމުން ބިންހިއްކާ ނިންމޭނެ ކަމަށް ބުނެ އެހެން އެހެން ތާރީހެއް ދިނެވެ. ސަރުކާރުން އޭރުބުނި ގޮތުގައި ގިރާވަރުފަޅުން ހިއްކަން ނިންމާފައިވާ 164 ހެކްޓަރ ބިން 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށެވެ.
އެޕްރީލް މަހުގެ ނިޔަލަށް ވެސް އެކަމެއް ނުވިއެވެ. އެންމެ ފަހުން ބުނެފައިވަނީ ޖޫން މަހުގެ ނިޔަލަށް ނިންމާނެކަމަށެވެ. ޖޫން މަސް ނިމިގެން ގޮސް އޮކްޓޯބަރ މަސް ނިމި ނޮވެމްބަރ މަސް ފެށުނީއެވެ. ގިރާވަރުފަޅު ހިއްކާ ނިންމުން ވެސް އަދުނޫން މާދަމާވެ އިބިލީހު ކައިވެންޏަށް ބަދަލުވީއެވެ.
އިބިލީހު ކައިވެންޏަށް ގިރާވަރުފަޅު ހިއްކުން ބަދަލުވެގެން ގޮސްފައިވާއިރު އެއަރޕޯޓް ކުންފުނިއް ވިއްސާފައިވާ ކުންފުންޏަކަށް ގިރާވަރުފަޅު ހިއްކުމުގެ ނަމުގައި ބީއެމްއެލް އިން ވަނީ 650.7 މިލިޔަންގެ ބޮޑު ލޯނެއް ވަނީ ނަގާފައެވެ. ބިން ނުހިކުނަސް ވަރިހަމަތާއެވެ. ރައްޔިތުން ރައްކާކޮށް ބަލަހައްޓަން ބޭންކާއި ހަވާލުކޮށްފައި ހުރި ފައިސާއިން ވެރިން އަނބުރާލަށް 650 މިލިޔަން ރުފިޔާ ކައްވާލެވުނީތާއެވެ.




