ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާއަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށްފި
ރުޝްދީގެ ޝައިތާނީ އާޔަތްތަކާއި ގުޅިގެން ދިހަވަރަކަށް އަހަރު އުޅުނީ ފިލައިގެން
އިސްލާމްދީނަށް ފުރައްސާކުރި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް 2022 ވަނަ އަހަރު ވަޅިން ހަމަލާދިން މައްސަލާގައި، އެމެރިކާގެ ފެޑެރަލް ކޯޓުން ހާދީ މަތަރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ބުދަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. ރުޝްދީއަކީ އޭނާ ލިޔުނު "ދަ ސަޓަނިކް ވާސަސް" ނަމަކަށް ކިޔާ ފޮތަކާ ގުޅިގެން ދިހަވަރަކަށް އަހަރު ވަންދެން މަރުގެ އިންޒާރުތަކާ ކުރިމަތިލާންޖެހިފައިވާ މީހެކެވެ.
ޖޫރީން ނިންމާފައިވަނީ ހާދީ މަތަރުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ސާބިތުވާ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށްވެސް ހިމެނެއެވެ.
އުމުރުން 28 އަހަރުގެ މަތަރު މިހާރުވެސް ގެންދަނީ، ރުޝްދީ މަރާލަން އުޅުމުގެ ކުށުގައި ނިއުޔޯކް ސްޓޭޓް ކޯޓުން އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް، މިހާރު ސާބިތުވި ފެޑެރަލް ކުށުގެ ސަބަބުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މި ހުކުމާ ގުޅިގެން އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ޖޯން އައިޒަންބާގް ވިދާޅުވީ، އަމާންކަމާއެކު ކުރިއަށްދިޔަ ހަފުލާއެއްގައި ރުޝްދީއަށް ދިން ހަމަލާއަކީ އީރާނުގެ ޓެރަރިޒަމް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ މިންވަރު އަންގައިދޭ ބިރުވެރި ހަނދާންކޮށްދިނުމެއް ކަމަށެވެ. އަދި އިންސާފު ގާއިމުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ޖޯން އައިޒަންބާގް ވިދާޅުވިޔަސް އީރާނު ސަރުކާރުން ވަނީ މި ހަމަލާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.
ލިޔުންތެރިންގެ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ތައްޔާރުވަމުން ދަނިކޮށް ރުޝްދީގެ ހަށިގަނޑުގެ 15 ތަނަކަށް މަތަރު ވަނީ ވަޅިން ހަމަލާދީފައެވެ. މި ހަމަލާގައި ރުޝްދީއަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭނާގެ ކަނާތު ލޮލުގެ ފެނުން ވަނީ މުޅިން ގެއްލިފައެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، މަތަރު މި ހަމަލާ ދިނީ 1989 ވަނަ އަހަރު އީރާނުގެ އޭރުގެ ރޫހާނީ މީޑަރު އާޔަތުއްލާ ހުމައިނީ، ރުޝްދީ މަރާލުމަށް ގޮވާލައްވާ ނެރުއްވި ފަތުވާއަކަށް ތަބާވުމުގެ ގޮތުންނެވެ. ނަމަވެސް މަތަރުގެ ވަކީލު ބުނަމުން ދިޔައީ މަތަރުގެ ހިތުގައި އޮތް އެއްޗެއް އެމެރިކާ ސަރުކާރަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން ރުޝްދީ ބުނީ، ހަމަލާދިން މީހާގެ މަގުސަދަކީ ކޮބައިކަން ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަމަށެވެ.
1988 ވަނަ އަހަރު ނެރުނު "ދަ ސަޓަނިކް ވާސަސް" ފޮތަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ފޮތެއް ކަމަށް ވުމުން، މުޅި އިސްލާމީ ދުނިޔޭގައި ބޮޑެތި އިހުތިޖާޖުތަކެއް ކުރިއަށްދިޔައެވެ. "ދަ ސަޓަނިކް ވާސަސް" އާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 45 މީހުން މަރުވެފައިވާއިރު، ފޮތް ތަރުޖަމާކުރި ބައެއް މީހުންނަށްވެސް އެކިވަރުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
މުސްލިމް އާއިލާއަކަށް އުފަންވި ރުޝްދީ، މި ފޮތާ ގުޅިގެން ދިހަ ވަރަކަށް އަހަރު ވަންދެން އުޅުނީ ފިލައިގެންނެވެ. އެ ދުވަސްވަރު އިނގިރޭސި ސަރުކާރުން އޭނާއަށް 24 ގަޑިއިރު ފުލުހުންގެ ރައްކާތެރިކަން ފޯރުކޮށްދިނެވެ.
ދައުލަތުގެ ވަކީލުން ކޯޓުގައި ދެއްކި ހެކިތަކުން އެނގޭ ގޮތުގައި، މަތަރު ވަނީ 2021 އަދި 2022 ވަނަ އަހަރު މެސެޖިންގ އެޕްތައް މެދުވެރިކޮށް ރުޝްދީ މަރާލުމާ ގުޅޭ ގޮތުން އެކި މީހުންނާ ވާހަކަ ދައްކާފައެވެ. މަތަރު ދެކޭގޮތުގައި ރުޝްދީއަކީ އިސްލާމްދީނަށް ހަމަލާދިން މީހެއް ކަމަށާއި، އޭނާ ދިރިހުރުމަކީ އެހެން މީހުންނަށް ވެސް ދީނަށް ފުރައްސާރަކުރުމަށް ލިބޭ ހިތްވަރެއް ކަމަށް މަތަރު ބުނެފައިވެއެވެ.
އެމެރިކާއަށް އުފަން މަތަރުގެ ކޮމްޕިއުޓަރާއި ކޮޓަރިން ފެނުނު ތަކެތިން، އޭނާ ހިޒްބުއްލާ ޖަމާއަތަށް ތާއީދުކުރާކަން ހާމަވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ. އަދި އޭނާ މި ހަމަލާ ރޭވީ ޖިހާދެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ޝަރީއަތުގައި ވަނީ ހާމަކޮށްފައެވެ.


