ހުށަނޭޅޭނެކަމަށް ބުނެ ރަސްމާލެ މައްސަލަ ބޭރުކޮށްލައިފި

ރަސްމާލޭން 500 ހެކްޓަރ އީގަލް ހިލްސްއަށް ދިނުން

ހުށަނޭޅޭނެކަމަށް ބުނެ ރަސްމާލެ މައްސަލަ ބޭރުކޮށްލައިފި
ފައިލް ފޮޓޯ: އަލީ ސްޕްރީމްކޯޓުގައި

ޤާނޫނު އަސާސީ އާއި ޚިލާފަށް ބޭރުގެ ކުންފުންޏަކަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް އަލްއުސްތާޒު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ. 

ސްޕްރީމް ކޯޓުން މައްސަލަ ބޭރުކޮށްލިކަން އެންގީ ރަޖިސްޓްރަރ ސޮއިކުރައްވާ ފޮނުއްވެވި ރަޖިސްޓްރާރގެ ނިންމެވުމަކުންނެވެ. މައްސަލަ ބޭރުކޮށްލުމުގެ ގޮތުން ރަޖިސްޓްރާރ ވިދާޅުވެފައި ވަނީ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސްޕްޜިމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. 

ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ކަމަށް އަލީ ހުސައިންގެ ހުށަހެޅުމުގައިވެއެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ރަސްމާލޭގައި ތަރައްގީކުރެވޭ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ހާލަތުގައި ވާރުތައިން ލިބޭ ހާލަތުގައި ތިންވަނަ ފަރާތްތަކަށް އެ ތަންތަނުން އިތުރު 99 އަހަރަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ކަމަށް ހުށަހެޅުއްވުމުގައިވެއެވެ.

ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކޮށް ދެންނެވުނު އެއްބަސްވުވާއި އެ އެއްބަސްވުން އެކުލަވައިލުމަށް ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އުސްތާޒު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ވިޔަސް ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ކޯޓުން މައްސަލަ ބޭރުކޮށްލީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މައްސަލަ ބޭރުކޮށްލީ 11 އޮކްޓޯބަރ 2026 ގައެވެ.