ކުރުސީ ނަޝީދަށް: އިތުބާރު ކުރިން | މިހާރަކު އިތުބާރެއްނެތް
އީގަލް ހިލްސް އާއި ހެންލީ އެންޑް ޕާޓްނާރސް ހިންގާ ރެޒިޑެންސީ ޕްރޮގްރާމްތަކަށް ނަޝީދު ތާއިދުކުރެއްވުން
އެކްސްގައި ނުފޫޒުގަދަ ހަސަންކުރުސީއަކީ ހައްދެއް، އިމެއް ނެތް މިންވަރަށް ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރަމުން އައި އެކައުންޓެކެވެ. ހަސަންކުރީ އެކައުންޓަކީ ސީދާ ރައީސް ނަޝީދު ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ހަސަންކުރުސީން ރައީސް ނަޝީދާއި އެމަނިކުފާނުގެ ފޮލޯވަރުން ފިޔަވާ އެނޫން އެންމެންގެ އަބުރު ކަތިލަމުން ދިޔަކަމަށް އެތައް ބަޔަކު ގަބޫލު ކުރިއެވެ. ރައީސް ނަޝީދުގެ ލޯޔަލިސްޓުން ނޫން އެންމެނަށް ސިދާކޮށް ބްލީކޮށް މުޖުތަމައަށް މީހުން ފަލީހަތްކުރުމުގައި ހަސަންކުރުސީ ހައްދު ފަހަނަ އަޅާފައިވާ ކަމަށް ދުށް މީހުންވެސް އެހާގިނައެވެ.
އެކަން އޮތީ އެހެން ނޫންކަން މީހުނަށް ގަބޫލުކުރެވެންފެށީ ކުއްލިއަކަށް ހަސަންކުރުސީ އެކައުންޓުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރުމުންނެވެ. މިހާރަކަށް އައިސް ހަސަންކުރުސީން ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތައް ކުރިމަތިކުރަމުންދާތީ މީހުނަށް ކުރިން ހީވެފައި އޮތްއޮތުންވެސް މިހާރުވަނީ ބަދަލުވާން ފަށާފައެވެ. މީގެކުރިން ރައީސް ނަޝީދަށް ހަސަންކުރުސީން ފާޑުކިޔާފައި ނެތެއްކަމަކު މިދުވަސްކޮޅުގެ ހާލަތު ވަރަށް ތަފާތެވެ. ކުރުސީގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދައްކަން ބޭނުންނޫން އެތައް ވާހަކައެއް ދައްކައިފިއެވެ.
ކުރުސީ ބުނެފައިވެއެވެ. ދިގު މުއްދަތަކަށް ރައީސް ނަޝީދުމެނަށް އިތުބާރު ކުރީމެވެ. ވެރިކަމުގައި ގާތް ރަހުމަތްތެރިންނަށް ފަޅުތަކާއި ރަށްތައް ބެހި ކަމަށް ބުނާ ސީރިއަސް ތުހުމަތުތަކަށްވެސް ލޯމަރާލީމެވެ. އެއީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ލިޔެފައިވެއެވެ. ނަމަވެސް، އެ އިތުބާރު މިހާރު ދަނީ ގެއްލެމުން ކަމަށްވެސް ކުރުސީ ބުނެއެވެ.
ކުރުސީ ބުނާގޮތުގައި ފަހަކަށް އައިސް، ރައީސް ނަޝީދުމެން ގެންދަވަނީ އޮޅުވާލުމާއި މަކަރުގެ ނުރައްކާ ބޮޑު ކަންކަމަށް ހިތްވަރުދެއްވާ، އެކަންކަން އިޝްތިހާރު ކުރައްވަމުންނެވެ. ކުރުސީ ބުނާ ގޮތުގައި ފުރަތަމަ ކްރިޕްޓޯ ކަރަންސީގެ މަޝްރޫއެވެ. މިހާރު ހެންލީ އެންޑް ޕާޓްނާރސްއާ ގުޅިގެން ސަރުކާރުން ހިންގާ ރެޒިޑެންސީ ޕްރޮގްރާމެވެ. މިކަމާ ބެހޭގޮތުން މީގެ އަހަރުތަކެއް ކުރިންވެސް ކުރުސީ ކަންބޮޑުވުން ފާޅުކުރި ކަމަށްވެއެވެ.
އީގަލް ހިލްއަށް ރަސްމާލޭން 500 ހެކްޓަރ ބިންދީގެން ހިންގަން ރައީސް މުއިއްޒު އުޅޭ ރެސިޑެންސީ ޕްރޮގަރާމަށް ހައްދެއްނެތް މިންވަރަށް ރައީސް ނަޝީދު ތާއިދުކުރައްވާ ކުރެއްވުންވެސް ކުރުސީ ވަރަށް ބޮޑަށް ކުއްވެރިކުރެއެވެ. ރައީސް ނަޝީދަށް ކޮރަޕްޝަނާއި ފަސާދައާއި އެހެން ދީންތަކުގެ މީހުނަށް ރާއްޖެ ހުޅުވާލަން މަސައްކަތްކުރައްވާ ކަމުގެ އިނގިލި ކުރުސީ ހުއްޓާނުލާ މިހާރުދަނީ ދިއްކުރަމުންނެވެ.
އޮސްޓްރޭލިއާ، ނިއުޒީލޭންޑް، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ އިމިގްރޭޝަނަކީ އަމިއްލައަށް މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން ހުރި އިދާރާއެއް ކަމަށް ކުރުސީގައި ބުނެފައިވެއެވެ. އަމިއްލަ ކުންފުންޏަކަށް މިކަން ދޫކޮށްލަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނެތް ކަމަށްވެސް ކުރުސީގައިވެއެވެ. ވީއިރު، ހެންލީ އެންޑް ޕާޓްނާރސް މިކަމުގެ ތެރެއަށް ވެއްދުމަށް ބާރުއަޅުއްވަނީ ކީއްވެތޯ ރައީސް ނަޝީދަށް ނިސްބަތްކޮށް ކުރުސީ ސުވާލުއުފައްދައެވެ.
ކުރުސީ ބުނާ ގޮތުގައި އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަނާއި ނޭދެވޭ އެތައް މައްސަލަތަކެއް ބައިނަލްއަގުވާމީ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ހެންލީ އެންޑް ޕާޓްނާރސް އާއި ގުޅިގެން ސަރުކާރުން ހިންގާ ރެޒިޑެންސީ ޕްރޮގްރާމަށް ރައީސް ނަޝީދު ތާއިދު ކުރެއްވުމުގެ ފަހަތުގައި އޮތް އަސްލު މަގުސަދާ މެދު ސުވާލު އުފެދޭކަމަށާއި އޭގެ ތެރެއިން އެއްވެސް ވަރެއްގެ ކޮމިޝަނެއް ނުވަތަ މާލީ ފައިދާއެއް ލިބިވަޑައިގަންނަވަނީތޯއޭ ބުނެ ކުރުސީ ސުވާލު އުފައްދައެވެ.
އާންމުންގެ އިތުބާރު ގެއްލުމުން، ކުރިން ފަރުދާގެ ފުރަގަހުގައި ހުރި ހުރިހާ ތުހުމަތުތަކެއް އަލުން ތިލަވާނެ ކަމަށާއި ގައުމުގެ ކުރިއެރުމަށްޓަކައި މީގެ ކުރިން އަޅާނުލާ ދޫކޮށްލި ހުރިހާ މައްސަލަތަކެއް އަލުން ބަލައި، ދިރާސާކުރުމަށް ރައްޔިތުންނަށް މަޖުބޫރުވާނެ ކަމަށްވެސް ކުރުސީ ބުނެއެވެ. އެންމެ ފަހުން އެމްޑީޕީގެ ޗެއަރޕަންސަން ދުކުރައްވާ ވަޑައިގަތުމަށް ވެސް ރައީސް ނަޝީދަށް ކުރުސީ ވަނީ ގޮވާލާފައެވެ.




