ކޮލެޖް ދަރިވަރަކު ދޮންމަންމަ ރޭޕްކޮށް ބަލިވެ ބައިންދައިގެން ހައްޔަރުކޮށްފި
އިންޑިއާގެ ނާގްޕޫރުގައި އުމުރުން 21 އަހަރުގެ ކޮލެޖް ދަރިވަރެއް ކަމަށްވާ އަކްޝަތު ސްރިވަސްތަވާ، އޭނާގެ ދޮންމަންމަ ރޭޕްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގެ ސަބަބުން އުމުރުން 26 އަހަރުގެ އެ އަންހެންމީހާ ބަލިވެ އިނދެ މިހާރު ބަނޑަށް ހަތަރު މަހެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން، އަނިޔާ ލިބުނު އަންހެންމީހާއަކީ އުމުރުން 55 އަހަރުގެ ވިކާސް ސްރިވަސްތަވާގެ އަނބިމީހާއެވެ. އެ ދެމީހުން ފުރަތަމަ ބައްދަލުވީ 2024 ވަނަ އަހަރު ވަޒީފާއެއް ހޯދުމުގެ ތެރެއިންނެވެ. ޕްރައިވެޓް ބޭންކެއްގެ މެނޭޖަރެއްގެ މަގާމުގައި ހުރި ވިކާސްއާ އެ އަންހެންމީހާ ފަހުން ކައިވެނި ކުރިއެވެ. އެދެމީހުން ކައިވެނިކުރުމަކަށް ވިކާސްގެ ދަރިފުޅު އަކްޝަތު ގަބޫލެއް ނޫނެވެ.
މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ކައިވެންޏަށްފަހު އެ ގޭތެރޭގައި އަބަދުވެސް މައްސަލަޖެހި، އަކްޝަތު އެ އަންހެންމީހާއަށް ބޮޑެތި އަނިޔާތަކާއި ގޯނާތައް ކުރަމުން ގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހާދިސާތައް މީގެ ކުރިންވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް، މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އަކްޝަތު އެ އަންހެންމީހާގެ ކޮޓަރިއަށް ވަދެ ޖިންސީ ގޯނާކޮށް، އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފިނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
އަނިޔާ ލިބުނު އަންހެންމީހާ މި ވާހަކަ އޭނާގެ ފިރިމީހާއަށް ކިޔައިދިނުމުން، އޭނާއަށް އެހީތެރިވުމުގެ ބަދަލުގައި ފިރިމީހާ އެދުނީ އާއިލާގެ އަބުރަށްޓަކައި އަދި ދަރިފުޅުގެ ކިޔެވުމުގެ މުސްތަގުބަލަށްޓަކައި މި ވާހަކަ ސިއްރުކުރުމަށެވެ.
އެހެންނަމަވެސް، އެ އަންހެންމީހާ ވަނީ ހިތްވަރާއެކު މި މައްސަލަ ކަމާބެހޭ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ. ފުލުހުން މި މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން ފަށައި، އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުހުމަތުކުރެވޭ އަކްޝަތު ވަނީ ހައްޔަރުކޮށްފައެވެ.




