ކުރަންވީ ކަމަކީ ދިވެހިބަހަށް ފަހި މާހައުލެއް ޤާއިމުކުރުން: ފައްޔާޒް
ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެ ކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަންހެޔޮވާވަރުގެ ކަމެއްތޯއޭ ހިތާހިތުން ސުވާލު ކޮށްލެވޭ ކަމަށެވެ.
އޮނަރަބަލް ފައްޔާޒު އެމޭރުމުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވަނީ މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުން ކުރަނީ އިނގިރޭސި ބަހެވެ. މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުންނެވެ.
ފައްޔާޒު ވިދާޅުވަނީ " ބޮޑެތި އާބާދީތަކުން ވާހަކަ ދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާބަހަކަށް އޮތް ގޮންޖެހުންތައް ބޮޑެވެ. ދިވެހި ބަސް އެކަންޏެއްނޫނެވެ. ދިވެހި ބަސް ސަލާމަތްކޮށް ދިރުވާ އާލާކުރުން ވަރަށް މުހިންމެވެ. އެއަށްވުރެެ އަދި މުހިންމީ އަޅުގަނޑުމެންގެ ދަރިން އަދި މި ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުން ގެ ހިތުތެރޭ އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުމެވެ."
އަދިވެސް ވިދާޅުވިއެވެ. "މިއަދުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދީގެން އެކަން ވާތަނެއް ނުފެނެއެވެ. އަދި ކުދިންގެ ކިބައިގައި އިސްލާމް ދީނަށް އޮންނަންވީ ލޯތްބާއި އިހުތިރާމު ކުޑަވުމާއި ގެއްލުމުގެ ބިރު ވަރަށް ބޮޑެވެ. މި ދެކަން ވެސް ހާސިލުނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. އިސްލާމީ އަގީދާ އާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވަލަންވީއެވެ. އޭގެ ތެރެއިން މާއްދާ ކިޔަވަދޭނެ ބަސް އެއީ ހަމަ ކުޑަކުޑަ ތަންކޮޅެކެވެ. އުރުދޫ ބަހުންވިޔަސް ޗައިނާ ބަހުންވިޔަސް ކުދިންނަށް ފަހުމުވާ ގޮތަކަށް ކިޔަވަދޭންވީއެވެ."
އޮނަރަބަލް ފައްޔާޒު ވިދާޅުވި ގޮތުގައި "ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެނެއް ނޫނެވެ. ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ޤާއިމު ކުރަންވީއެވެ. ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީއެވެ. މި ޖީލުގެ ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމްސް، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމު ކުރަންވީއެވެ."
"އަރަބި ބަހަކީ ދިވެހި ބަހެއް ނޫނެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. އެއްގޮތަކަށްވެސް އެހެން ބޭފުޅުންގެ ވިސްނުމާއި ޖަދަލުކުރުމުގެ ނިޔަތަކު ނޫނެވެ. ޒުވާނުން ދީނާ ދުރަށްދާތަން ފެންނަމުންދާކަމުގެ ކަންބޮޑުވުން އޮތީމައެވެ. އަދި ޅަ ދަރިންނަށް މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނާތީ އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ. މީގެ އެއް ސަބަބެއް ކަމަށް އަޅުގަނޑުގެ ހިތަށް ފެންނަނީ އިސްލާމް މާއްދާ ކިޔަވަދޭގޮތެވެ. ކަރިކިއުލަމްގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް ފަހުމުނުވުމެވެ." ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވަނީ އިނގިރޭސީން އައްޑޫ ހިފަން އުޅުނު އިރު ކަމަށް ބުނެ އޮންނަ މަޖާޒީ ވާހަކައެކެވެ. އައްޑޫ މީހުންނާއި އިނގިރޭސީންގެ ބައްދަލުވުމެއްގެ ވާހަކައެކެވެ. ދެބައި މީހުންވެސް ވާހަކަ ދެއްކީ އެބައެއްގެ ބަހުންނެވެ. ޖަލްސާ ނިމުނީ ދެއްކި ވާހަކައެއް އެއްވެސް ފަރާތަކަށް ނޭނގިއެވެ. ނަތީޖާއެއް ނުނިކުތެވެ." ފައްޔާޒު އެ މިސާލު ޖައްސަވަމުން ދެން ވިދާޅުވީ " މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅުގޮތެއް ހޯދޭތޯ އުޅެން މުހިއްމު މައްސަލައެއްކަމަށް" އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ.




