ޓިޗަރުންގެ މަސައްކަތް ލުއިނުކޮށް ދަރިވަރުންގެ ނަތީޖާ ރަނގަޅެއް ނުކުރެވޭނެ!
ވާހަކަތައް އަބަދު ދެއްކުމުގެ ބަދަލުގައި ނަތީޖާ ނެރެވޭ މަސައްކަތެއް ކުރޭ!
ދަރިވަރުންގެ ފެންވަރުދަށް ވާހަކައާއި ނަތީޖާ ދަށަށްދާ ވާހަކައަކީ މިފަހަކަށް އައިސް މާގިނައިން ދެކެވެމުންދާ ވާހަކައެކެވެ. ހާއްސަކޮށް ޕްރައިމަރީގެ ދަރިވަރުން ސެކަންޑަރީ އަށް ދާއިރު އެކަށީގެންވާ ފެންވަރު ނުހުންނަ ވާހަކައާއި ނަތީޖާ ދަށްކަމުގެ ވާހަކައެވެ. ޒަމާނީ ގޮތުން ވަސީލަތްތައް ގިނަ އަދި ފަސޭހަ ކަމާއެކު އެ ވަސީލަތްތައް ބޭނުންކުރެވެން އޮތް ޒަމާނެއްގައި ދަރިވަރުންގެ ނަތީޖާ ދަށްވަމުން ދާނަމަ އެއީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. މިކަންބެލުމަށް ދިރާސާތަކެއް ހަދާ ވެގެން އުޅޭގޮތް ބެލުމަކީ މުހިއްމު ކަމެކެވެ.
ދަރިވަރުން އުގެނުމަށްޓަކައި ދަނީ މަދަރުސާއަށެވެ. އެތަނުގައި ދަރިވަރުންނަށް އުގަންނައިދިނުމުގެ ޒިންމާ އަދާކުރަނީ ފެންވަރު ރަގަޅު ތައުލީމީ ޓީޗަރުންނެވެ. ގިނައީ ޕޯސްޓް ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ޓީޗަރުންނެވެ. އެހެންކަމަށް ވާއިރު ދަރިވަރުންނަށް ހުރި ވަސީލަތްތަކާ ޓީޗަރުންނާ އަދި ތައުލީމީ ގޮތުން ގިނަ ބެލެނިވެރިން ތަކެއް ވެސް އުޅޭ ޒަމާނެއްގައި ދަރިވަރުންގެ ފެންވަރު ދަށްވުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިހެންވުމުގެ މައިގަނޑު އެއްސަބަބެއް ކަމުގައި ޓީޗަރުންނަށް އެކަށީގެންވާ ވަރަށްވުރެ ގިނަ މަސައްކަތް ކުރަން ޖެހުން މީ ނޭނގޭ ކަމަކަށް ހެދިޔަސް ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ.
ޓީޗަރުންގެ ޒިންމާއަކީ މިއަދު ކިޔަވާދިނުން އެކަންޏެއް ނޫނެނެވެ. ސްކޫލްތަކުގެ އެތެރެއާއި ބޭރުގައި ހިންގޭ ހަރަކާތްތަކާއި، ގައުމީ އަދި ބައިނަލްއަގުވާމީ އެކިއެކި މުބަރަތްތަކާއި ފާހަގަ ކުރަންޖެހޭ ތަފާތު ދުވަސްތަކާއި ރާއްޖޭގައި އޮތިއްޔާ އޮތް ހުރިހާ ކުޅިވަރު މުބާރާތްތަކާއި އެކިއެކި ޖަމިއްޔާތަކުން ރާވާ ހިންގާ ގިނަ ހަރަކާތްތަކުގެ އިތުރުން އިޖުތިމާއީ ގޮތުން ހިންގާ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި ސްކޫލަށް ފައިސާ ހޯދުމަށް ހިންގޭ ހަރަކާތްތައްވެސް މީ ޓީޗަރުންގެ ޒިންމާއަކަށް ވެއްޖެއެވެ. މީގެ އިތުރުންވެސް އެތައް ބައިވަރު ހަރަކާތަތަކެވެ. ވުމާއެކު މިހުރިހާ ކަމެއްގައި އުޅެމުން ޓީޗަރުން ދަރިވަރުންނަށް ކިޔަވާދިނުމަށްޓަކައި ތައްޔާރުވާން ޖެހޭ އެންމެ ފުރިހަމަ މިންވަރަށް ތައްޔާރެއް ނުވެވެއެވެ. ނުވެސްވެވޭނެއެވެ. މީ އެއްވެސް އިންސާނަކަށް ކުޅަދާނަ ވަރެއްނޫނެވެ. ދަރިވަރުންނަށް އުގަންނައިދިނުމަށްޓަކައި ހަމައެކަނި ފޮތެއް ނުފުދެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށް ވުމާއެކު ފިލާވަޅުތައް ރާވާ ލެވަލް ކުރުމުގައި މަދުވެގެން 3 މަރުހަލާއަކަށް ފިލާވަޅު ތައްޔާރު ކުރަން ޖެހެއެވެ. ފިލާވަޅާއެކު އެފިލާވަޅެއްގެ ރިސޯސްއާއި އުގަންނައިދެވިދާނެ އެންމެ ފަސޭހަ ގޮތްތަކާމެދު ވިސްނާ މައުލޫމާތު ހޯދަންޖެހެއެވެ.
ސަރުކާރާއި ތައުލީމާބެހޭ ވުޒާރާއިން މިކަންކަމާމެދު ވިސްނަން މާލަސްވެސް ވެއްޖެއެވެ. ތައުލީމު ވަޒީރު އެކިއެކި ޕޯޑިއަމްތަކުގައި ދަރިވަރުންގެ ނަތީޖާ ދަށްވެގެން ކަންބޮޑުވުން ފާޅުކުރެއެވެ. އެ ވާހަކަތައް އަބަދު ދެއްކުމުގެ ބަދަލުގައި ނަތީޖާ ރަގަޅުކުރުމުގައި ރެޔާ ދުވާލު އަރާމެއްނެތި މަސައްކަތް ކުރާ ޓީޗަރުންނާމެދު ވިސްނައެއް ނުލައެވެ. ޓީޗަރުންނާމެދު ވިސްނާ ޓީޗަރުންނަށް ލުއިތަކެއްދީ ކިޔަވާދިނުން އެއީ އެންމެ މުހިއްމު ކަންކަމުގައި ގަބޫލުކޮށްފިނަމަ ދަރިވަރުންގެ ނަތީޖާއަށް ކުރިއެރުން އައުމަކީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.