މުޖުރިމުންގެ އަތަށް ދައުލަތުގެ ސިއްރުތައް އެރުމުގެ ނުރައްކާ

މުޖުރިމުންގެ އަތަށް ދައުލަތުގެ ސިއްރުތައް އެރުމުގެ ނުރައްކާ

އެންމެ މަސްލަހަތު ހުރި ގޮތަކީ ގޭންގު ލީޑަރުންނާއި ކޮރަޕްޓް މީހުންނަށް ރައްޔިތުންނާއި ގުޅޭ ހައްސާސް މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރުންތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. 

ދައުލަތުގެ މައުލޫމާތުތައް ހުންނަނީ ޒަމާން ތަކަކުން ބިނާ ކޮށް ދިރުވާފައިވާ ދައުލަތުގެ އިދާރާ ތަކާއި މުއައްސަސާތަކުގައެވެ. އެތަން ތަނުގައި ހުންނަ މައުލޫމާތުތަކުގެ ސިއްރުކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ދައުލަތުގެ ޒިންމާއެކެވެ. އެކަންކަމަށް ޒިންމާވާ މުއައްސަސާތަކާއި އިދާރާތަކުގެ ބޮލުގައި އެޅިފައިވާ ކަމެކެވެ.

ސަރުކާރުތައް ބަދަލުވިއަސް އެ މުއައްސަސާތައް ދެމި އޮންނަން ޖެހޭނެއެވެ. އެހެނަސް ދިވެހި ތާރީހު މިހާތަނަށް ތަޖުރިބާ ނުކުރާ ކަންތައްތަކެއް 2023 ވަނައަހަރު ހޮވުނު ސަރުކާރުން ފަށައިފިއެވެ. ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑެވެ.

ދައުލަތުގެ އިދާރާ ތަކުގައި ރައްކާ ކުރެވިފައިވާ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމަކީ ރައްޔިތުން ހޮވާ ހަގީގީ ރައްޔިތުންގެ މަޖިލީހަކުން ކަމެއް ނުވަތަ ސަރުކާރުގެ މަޖިލިހަކުން ކަމެއް ނިންމާނީ ކިޔުންތެރިންނެވެ.

ހަމަޔަގީނުންވެސް މިހާރު އޮތް މަޖިލިހުގެ މަގާމުތަކުގައި ތިބި ގިނަ މެމްބަރުންނަކީ ނަޒާހަތްތެރިން ނޫންކަމާއި، އަމާނާތްތެރިން ނޫންކަމަށް ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކީ ނުރައްކާތެރި އެތައް ކުށްތަކެއްގައި ބައިވެރިވެ ފަސްބައި ކިލަނބު ވެފައިވާ މީހުންކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ.

އެއްބަޔަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮތް މީހުންކަމާއި، އަނެއްބަޔަކީ ވައްކަމުގެ ތުހުމަތުތައް ފުޅާކޮށް ކުރުމުގެ ރެކޯޑް އޮތް މީހުންކަމަށް ބުނެއެވެ. ކޮރަޕްޝަނާއި، ބިރު ދެއްކުމާއި ބްލެކް މެއިލް ކުރުމުގެ ތުހުމަތުތައް ގިނަ ބަޔަކު ކުރަމުންދާ ބައެކެވެ.

ދައުލަތުގެ ގިނަ މަގާމުތަކުގައި ތިބި މީހުންގެ ބަރަހަނާ މަންޒަރުތަކާއި، ނުރައްކާތެރި މައްސަލަތައް އުފައްދާ މީހުން ހުދުގަމީހުގައި ޓައީ އަޅާ ކޯޓުލައިގެން ތިބޭ ކަމީ މިއަދު ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

ގާނޫނު އަސާސީއިން ސަރުކާރަށް ފާރަވެރި ވުމަށާއި ޖަވާބުދާރީ ކުރުވަން ހޮވާފައިވާ މަޖިލިސް ސަރުކާރުގެ ލައިފް ލައިނަށް ބަދަލު ކޮށްލުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އަސްލުތަކާއި ހިލާފު ހަމަތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތުތަކަކީ އެ މައުލޫމާތުތަކުގެ އަލީގައި ބައެއްގެ ދިރިއުޅުން މުޅީންހެން ހަލާކު ކޮށްލެވޭނެ ވަރުގެ މައުލޫމާތެވެ.

ސިފައިންނާއި ފުލުހުންގެ އަތުގައި ހުރި މައުލޫމާތު ތަކަކީ ބައެއްގެ ދިރިއުޅުން ގުރުބާން ވެދާފަދަ މައުލޫމާތުތަކެކެވެ. ހާއްސަކޮށް ކުއްވެރި އޯގަނައިޒް ކުށްތައް އިންތިޒާމް ކުރުމުގެ ވިސްނުން ބޮޑު ބަޔަކަށް އެ މައުލޫމާތުތައް ލިބުމަކީ ކޯޓު ތަކުގައި ހިނގާ މައްސަލަތައް ނިވާ ފަތްގަނޑަކަށް ހަދާ އެބަޔަކު ލައްވާ ގިނަގުނަ ނުރަނގަޅު ކަންކަން ކުރެވިދާނެ ފަދަ މައުލޫމާތެވެ. ނުވަތަ ބައެއްގެ މާލިއްޔާ ހުސް ކޮށްލެވިދާނެ ފަދަ ނުރައްކާތެރި މައުލޫމާތެވެ. 

ގައުމީ ވިސްނުން ނުބައި ކަންކަމުގެ ފަރުދާއަކަށް ހެދުމުގެ ވިސްނުމުގައި ތިބި ކަމަށް ތުހުމަތުވާ އެފަދަ ފަރާތްތައް ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކަށް އެއްވެސް ނިވަލެއް ނެތި ކައިރި ވެވޭނަމަ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އިސްލާހު ގެންނަން ޖެހެއެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ބަޔަކަށް އެކަންކަން ވެދާނެތީއެވެ. ދައުލަތުގެ އިދާރާތަކާއި މުއައްސަސާ ތަކާއި އިދާރާތައް ދެކެ ނާއުންމީދު ވެފައިވާ މީހުންގެ ވިސްނުމަށް އެ މުއައްސަސާތައް އިތުރަށް އިތުބާރު ގެއްލުމަކަށް ވެދާނެތީއެވެ. 

ސަރުކާރުގެ ދިފާއުގައި ކުރަން ނުވާނެ ކަން ކަން ހުންނާނެއެވެ. މިއަދުގެ ހާލަތަކީ ދިވެހި ދައުލަތް އެކުއެކީ އެއް ވަށިގަނޑަކަށް އަޅާން ލިބުމުން ދައުލަތެއްގެ ސިފަ ދިވެހިރާއްޖެއިން ގެއްލިގެން ދިއުމެވެ. މި ހާލަތުގައި އެފަދަ ސިއްރު ހައްސާސް ޖަރީމާތަކުގެ މައުލޫމާތު ބޮޑެތި ކުށްކުށުގެ ތުހުމަތުވާ މީހުންގެ ޖީބުގައި އޮތުމަކީ ދިވެހީންނަށް އޮތް ވަރަށްބޮޑު ބަދު ނަސީބެކެވެ. ބޮޑު މާޔޫސް ކަމެކެވެ. ދިވެހީންނަށް ދެވޭ އަނިޔާއެކެވެ. ރައްޔިތުންގެ ހައްގުތަކެއް ތަބަކަށްލާ ވިއްކުމެވެ.