އެމެރިކާގެ ދިފާއީ ވަޒީރު އަޒުލްކުރަން ތައްޔާރު ވެއްޖެ

ޓްރަމްޕާއި ރިޕަބްލިކަންގެ ނާކާމިޔާބީގެ އަސްލަކީ އިޜާން ހަނގުރާމަ

އެމެރިކާގެ ދިފާއީ ވަޒީރު އަޒުލްކުރަން ތައްޔާރު ވެއްޖެ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ހަކީމް ޖެފްރީސް، އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ. ޖެފްރީސް މިކަން ހާމަކުރެއްވީ އޭބީސީގެ "ދިސް ވީކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ކެންޓަކީގެ ރިޕަބްލިކަން މެންބަރު ތޯމަސް މާސީ އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އިމްޕީޗްމަންޓް ގަރާރަށް "ވަރަށް ބޮޑަށް" ތާއީދުކުރައްވާ ކަމަށް ޖެފްރީސް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނޮވެމްބަރު 3 ގައި ބޭއްވުނު އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު މާސީ ދެން ކޮންގްރެސްގައި ދެމިއެއް ނުހުންނަވާނެއެވެ.

"ޑިފެންސް ސެކްރެޓަރީގެ ނަމުގައި ހުންނެވި ބޭފުޅާ ވަނީ އޭނާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގައުމީ ސަލާމަތަށް ނުރައްކާކޮށް، އަމިއްލަ އިހުތިޔާރުގައި އީރާނާ ދެކޮޅަށް ބޭކާރު އަދި ބޮޑު ހަރަދުތަކެއް ހިނގި ހަނގުރާމައެއް ފަށާފައި. މީގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ތަކެތީގެ އަގު އިންތިހާއަށް އުފުލި، ގައުމުގެ އަމާންކަން ވަނީ ގެއްލިފައި. ޕީޓް ހެގްސެތު މަގާމުން ވަކިވާންޖެހޭ،" ޑިމޮކްރެޓިކް ލީޑަރު ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ ހެގްސެތު އުފުލަންޖެހެއެވެ. ވަކިން ހާއްސަކޮށް އީރާނާ ދެކޮޅަށް ކުރި ނާކާމިޔާބު ހަނގުރާމައިގެ ސަބަބުންނެވެ.

އައު ކޮންގްރެސްގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުންތަކަށް ހުރަސްތަކެއް މިހާރު ކުރިމަތިވާނެއެވެ. މިއާއެކު ޔޫކްރެއިންގެ މައްސަލައަށް ދެވޭ ސަމާލުކަން ކުޑަވެގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ޕެންޓަގަންގެ ވެރިޔާއާ މެދު ގެންގުޅޭ މި ގަރާރަށް ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކުރޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޖެފްރީސް ވިދާޅުވީ، ނޮވެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު ވޮޝިންގްޓަންގައި ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ޕާޓީގެ މެންބަރުންނާ އެކު މިކަމާ މަޝްވަރާކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވަނީ މި ގަރާރަށް ވަރަށް ވަރުގަދަ ތާއީދެއް ލިބޭނެކަން،" އޭނާ އިތުރުކުރެއްވިއެވެ.

ޖެފްރީސްގެ ނަޒަރުގައި، ހެގްސެތާއި ވައިޓް ހައުސްގެ އައު ޗީފް އޮފް ސްޓާފް ސްޓީވަން މިލާގެ ސިޔާސީ އަދި ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަކީ "އިންތިހާއަށް ވިހަ" ގޮތްތަކެކެވެ.

"އެމެރިކާގެ ރައްޔިތުން ވޯޓު ދިނީ މެގާ ފިކުރުގެ މިފަދަ ހަރުކަށި ގޮތްތައް ނައްތާލުމަށް. އެހެންކަމުން އެ އެޖެންޑާއަށް ތާއީދުކުރި ފަރާތްތަކަށް ވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް، ސެނެޓް، ގަވަރުނަރުންގެ އިންތިޚާބު، އަދި ސްޓޭޓް ފެންވަރުގެ އިންތިހާބުތަކުގައި ވެސް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހިފައި،" އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގެ ހާއްސަ އިންތިހާބުގައި، ޓްރަމްޕާ ދެކޮޅު ޑިމޮކްރެޓުން ވަނީ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ. ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 54 ގޮނޑި އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑީގެ ތެރެއިން 254 ގޮނޑި ވަނީ އެ ފަރާތްތަކުން ކާމިޔާބުކޮށްފައެވެ.

ނޫސް އެޖެންސީއަކާ ވާހަކަދައްކަވަމުން "ޔޫކްރެއީނިއަން ޕްރިޒަމް" ފޮރިން ޕޮލިސީ ކައުންސިލްގެ ނޯތު އެމެރިކާ ޕްރޮގްރާމްގެ ޑިރެކްޓަރު އޮލެކްސެންޑަރ ކްރޭވް ވެސް ވަނީ ހެގްސެތު އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު، އެމެރިކާގެ ނައިބު ރައީސް ވެންސް ވަނީ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަނުންނަށް ލިބުނު ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ކަމަށް ސިފަކުރައްވާފައެވެ.