އޭސިޔާ ބާޒާރަށް ސައުދީން ނެރޭ ތެލުގެ އަގު ވަރަށް ބޮޑުކޮށްފި

އޭސިޔާ ބާޒާރަށް ސައުދީން ނެރޭ ތެލުގެ އަގު ވަރަށް ބޮޑުކޮށްފި

ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގާތަށް ގޮސް، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއެރުމާއެކު، ސައުދީ އަރަބިއްޔާއިން އޭޝިއާގެ ބާޒާރަށް ނެރޭ ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިކޮށްފިއެވެ.

ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއިން އަންނަ މެއި މަހު އޭޝިއާގެ ބާޒާރަށް ނެރޭ 'އަރަބް ލައިޓް' ސޫދު ތެލުގެ އަގު ވަނީ ބެންޗްމާކް އަގަށްވުރެ 19.50 އެމެރިކާ ޑޮލަރު އިތުރުކޮށްފައެވެ.

ބްލޫމްބާގުން ހާމަކުރި މި މަޢުލޫމާތަށް ބަލާއިރު، މިއީ ވިޔަފާރިވެރިންނާއި ތެޔޮ ސާފުކުރާ ފަރާތްތަކުން ލަފާކުރި 40 ޑޮލަރުގެ އިތުރުވުމަށްވުރެ ކުޑަ މިންވަރެކެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ފާރިސީ ކަނޑުއޮޅިން އަވަށްޓެރި ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ބްރެންޓް ކްރޫޑް ތެލުގެ އަގު 50 އިންސައްތައަށްވުރެ މައްޗަށް ގޮސް، އެމެރިކާއާއި ޔޫރަޕް އަދި އޭޝިއާގެ ބާޒާރުތަކުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.