އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދަ މައުންޓް ސެމެރޫ ގޮވައިފި
އަލިފާން ފަރުބަދައިގެ 10 ކިލޯ މީޓަރ ރޭޑިއެސްގައި 8.6 މިލިއަން މީހުން އިންޑޮނޭޝިޔާގައި ދިރިއުޅޭ
އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާއި 640 ކިލޯ މީޓަރު ދުރުގައި އޮންނަ އިރުމަތީ ޖާވާ ކަރައިގެ ލުމަޖަންގ ގައި ހުންނަ އަލިފާން ފަރުބަދަ މިއަދުގެ ވަގުތެއްގައި ގޮވައިފިއެވެ. މިފަރުބަދައިން ބޯ ދުމާއި ގޭސް ބޭރުވަމުން ދާކަމަށް ހަބަރު ލިބެއެވެ. މި އަލިފާން ފަރުބަދަ ހުންނަނީ ވަރަށް މީހުން ގިނައިން ދިރިއުޅޭ ސަރަހައްދެއްގައެވެ.
އިންޑޮނޭޝިޔާގެ ޑިޒާސްޓަރ މިޓީގޭޝަން އެޖެންސީވަނީ އަލިފާން ފަރުބަދައިގެ ކައިރި ހިސާބުތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް ފަށާފައެވެ. އަލިފާން ފަރުބަދަ ސެމެރޫ އާއި ވީހާވެސް ދުރައް ދިޔުމަށާއި 8 ކިލޯ މީޓަރގެ ތެރޭގައި އެއްވެސް ކަމެއް ނުކުރުމަށާއި ކޯރު ސަރަހައްދު ތަކާ ދުރެވެގެން ތިބުމަށް ވެސް ވަނީ އިންޒާރު ދީފައެވެ. ސަބަބަކީ އަލިފާން ފަރުބަދައިގެ ލާވާގެ ކޯރުތައް އެ ހިސާބުތަކަށް ފޯރާނެތީއެވެ. މިއަދު ހެދުނުން ފެށިގެން ބޮޑެތި މައިމަގުތައް ވަނީ ބަންދު ކުރެވިފައެވެ. އެތައް ސަތޭކަ ބަޔަކަށް ވަނީ ވަގުތީ ބޯ ހިޔާވަހިކަން ފޯރުކޮއްދީފައެވެ.
މައުންޓް ސެމެރޫ އަކީ އިންޑޮނޭޝިޔާގައި ހުރި އެންމެ އުސް ފަރުބަދައެވެ. ފަރުބަދަ ގޮވަން ފަށާފައި ވަނީ ރޭގެ މެންދަމު 2.46 ހާއިރެވެ. ސޯސަލް މީޑިޔާގައި މީހަކު ހިއްސާކުރި ވީޑިއޯ ކޮޅެއްގައި ފަރުބަދަ ގޮވުމުން އަރައިގެންދާ ގޭހާ ދުމުން ކަޅުވިލާގަޑެއްހެން މުޅި ޖައްވު އަދިރިވެ ކަޅުވެފައިވާތަން ފެނެއެވެ.
ބީއެންޕީބީގެ ސްޕޯކްސް ޕާސަން އަބުދުލް މުހައިރީ ވިދާޅުވީ މައުންޓް ސެމެރޫ ގެ އެއްމެ އުސްދިމާ 3676 މީޓަރު މަތީގާ ކުރިބޯއްޓެއްހެން އިންނަ ލާވާ ގަނޑަށް މޫސިމީ ވިއްސާރައިގެ ސަބަބުން ގިނަ އަދަދަކަށް ފެން އެޅިގެން ކުރިބޯށި ވެއްޓުމުން ފަރުބަދަ ގޮވަން ދިމާވަނީ ކަމަށެވެ.
މައުންޓް ސެމެރޫ ގޮވުމުގެ ސަބަބުން ޖަޕާނަށް ބިންހެލުން އައިކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އަދި ސުނާމީ ވޯނިންގ ވެސް ޖަޕާނުން ނެރުނެވެ. ފަހުން ވަނީ ސުނާމީ ވޯނިންގ އުވާލާފައެވެ. މިދިޔަ އަހަރު ވެސް މި ފަރުބަދަ ކުއްލިއަކަށް ގޮވުމުގެ ސަބަބުން 51 މީހަކު މަރުވެ 100އަށް ވުރެ ގިނަ މީހުންނަށް ހާނީއްކަ ވިއެވެ.
ދުނިޔޭގައިވާ 142 އަލިފާން ފަރުބަދައިގެ ތެރޭގައި އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އަލިފާން ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އަލިފާން ފަރުބަދައިގެ 10ކިލޯ މީޓަރ ރޭޑިއެސްގައި 8.6 މިލިއަން މީހުން އިންޑޮނޭޝިޔާގައި ދިރިއުޅެވެ. އިންޑޮނޭޝިޔާގެ ރަށްތަކުގެ ބައްރުގައި 270 މިލިއަން މީހުން "ރިންގ އޮފް ފަޔަރ" ލައިންގައި ދިރިއުޅެމުން ދެއެވެ.